އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އަންނަ ހަފުތާގައި އިންޑޮނީޝިއާގެ ބާލީގައި ބައްދަލު ކުރައްވާނެ އެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި ނޮމެވްބަރު 15 އިން 16 އަށް ބާލީގައި އޮންނަ ޖީ20 ސަމިޓްގެ ކުރިން -- ނޮވެމްބަރު 14 ގައި ބައިޑަން އާއި ޝީ ބައްދަލު ކުރައްވާނެ އެވެ.
ދެ ލީޑަރުންގެ ބައްދަލުވުމުގައި މާބޮޑު އެއްބަސްވުންތަކެއް ނޯންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެހެންކަމުން ރަސްމީ ސިފައެއްގައިި ހާއްސަ ބަޔާނެއް ނުނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ޖޯ ބައިޑަން އާއި ޝީ، އަތާއި އަތް ޖޯޑުކޮށް ސާލާމެއް އަދި ނުކުރައްވަ އެވެ.
އެހެންކަމުން މިއީ ދެ ބޭފުޅުންނަށް -- ބާރުގަދަ ދެ ގައުމެއްގެ ރައީސްގެ ހައިސިއްޔަތުން ވަރަށް މުހިންމު ބައްދަލުވުމަކަށް ވާނެ އެވެ.
އޮބާމާ ސަރުކާރުގައި ބައިޑަން ނައިބު ރައީސަކަށް ހުންނެވިއިރު، 2011 އާއި 2015 ގައި ވެސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވި އެވެ.
ދެ ރައީސުން ސީދާ ސީދާކޮށް އަދި ބައްދަލު ނުކުރެއްވި ނަމަވެސް ވީޑިއޯ މެދުވެރިކޮށް ބައްދަލުކުރައްވައި މުހިންމު މައުލޫތަކަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
އެމެރިކާ އާއި ޓައިވާންއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ޗައިނާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ.
އެމެރިކާގެ ވިސްނުމުގައި އޮތީ އަސްކަރީ ގޮތުން ޓާއިވާން ބާރުގަދަކުރުވައި ބޭރުން އަތުވެދޭނަ ހަމަލާއަކުން ހިމާޔަތްކުރުވުމެވެ. އެހެން ނަމަވެސް ޗައިނާ ބުނާ ގޮތުން ޓައިވާން އަކީ މިނިވަން ދައުލަތެއް ނޫނެވެ. އެހެންކަމުން މިނިވަން ދައުލަތަކާ މަޝްވަރާކުރާ ގޮތަށް ޓައިވާންއާ މަޝްވަރާއެއް ނުކުރެވޭނެ އެވެ.
ޓައިވާނަށް މިހާރު އޮތް ބިރަކީ ކޮންމެ ވަގުތެއްގައި ވެސް ޗައިނާ ސިފައިން އެ ގައުމަށް އަރާފާނެ ކަމަށް އޮތް ބިރެވެ. ޓައިވާން ހިފަން ޖެހިދާނެ ކަމަށް ޗައިނާ ކިތަންމެ ފަހަރަކު ވަނީ ބުނެފަ އެވެ.
ޓައިވާންއާ އެމެރިކާ މާ ގާތްކޮށް މުއާމަލާތްކުރާ ނަމަ އެ ތަނަށް ޗައިނާ ވަންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެނޫން ގޮތެއްގައި ޓައިވާންގެ އާންމުންނަށް ދަތިވާ ގޮތަށް އެއްވެސް އަމަލެއް ނުހިންގާނެ ކަމަށް ވެސް ޗައިނާ އޮތީ ބުނެފަ އެވެ.