ފެނަކަ ކޯޕްރޭޝަން

ދެ ރަށެއްގައި އާ އިންޖީނުގެ ހުޅުވައިފި

ފެނަކައިން ލ. މާބައިދޫ އަދި މ. ނާލާފުށީގައި ބޭނުންކުރަމުން އައި ބާއިންޖީނުގެތައް ނިންވައިލުމަށްފަހު އާ އިންޖީނުގެތައް ހުޅުވައިފި އެވެ.

ފެނަކަ އިން ބުނި ގޮތުގައި މާބައިދޫ ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ އަކީ 38 އަހަރުވެފައިވާ ތަނެކެވެ. އެތަން ނިއްވައިލުމަށްފަހު އިއްޔެ އެރަށުގައި ވަނީ އާ އިންޖީނުގެއިން ކަރަންޓު ދޭން ފަށައިފަ އެވެ. އަދި ނާލާފުށިގައި ހުރި 23 އަހަރުގެ މުސްކުޅި އިންޖީނުގެ ވެސް ނިއްވާލައި އެރަށުގައި ގާއިމްކުރި އާ އިންޖީނުގެއިން ވެސް ކަރަންޓު ދޭން ފަށައިފައިވަނީ އިއްޔެ އެވެ.

އާ އިންޖީނުގެ ތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށްފައިވާއިރު ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ތަކެއް ވެސް ހަދާފައިވާނެ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޒަމާނީ އިންޖީނުގެތަކާއި އެކު މި ދެ ރަށުގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރެވިގެންދާއިރު ސައުންޑް އެޓެނުއޭޓަރު ބޭނުންކޮށްގެން އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެކަން ފެނަކައިން ފާހަގަކުރެ އެވެ.

ފެނަކައިން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޅ. ކުރެންދޫ އާއި ހއ. މޮޅަދޫގައި ވެސް އާ އިންޖީނުގެ ހުޅުވައި ހިދުމަތް ދޭން ފަށާފަ އެވެ.