- މި އަހަރު 50 މިލިއަން ރުފިޔާގެ ކޭބަލް ގެންނާނެ
- މި އަހަރު އިތުރު 60 ޖަނަރޭޓަރު ގެންނާނެ
- އިންޖީނުގެތައް ބަދަލު ކުރަން ހަމަޖެހިފައިވޭ
ރަށްރަށުގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރަން މި އަހަރު އިތުރު 60 ޖަނަރޭޓަރު ގެނެސް، ޑިސްރިބިއުޝަން ނެޓްވޯކް ރަނގަޅު ކުރަން 50 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށަން ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވާން ފަށައިފި އެވެ.
ފެނަކަ ކޯޕަރޭޝަންގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް 77 ޖަނަރޭޓަރު ގެނެސް ކަރަންޓު ދޭން ފަށާފައިވާއިރު، މި އަހަރު ވެސް އިތުރު 60 ޖަނަރޭޓަރު ގެންނަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުރުން ގިނަ ދުވަސްވެފައިވާ ރަށްރަށުގެ ޑިސްބިރިއުޝަން ނެޓްވޯކް ރަނގަޅު ކުރަން 26 ރަށެއްގައި މަޝްރޫއު ފަށަން ވަރަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އަހަރު 60 ޖަނަރޭޓަރު ގެންނަން ނިންމާފައިވަނީ. ރަށްރަށުގައި މަސައްކަތް ފެށިގެން ދާތީ ކަރަންޓުގެ ހިދުމަތް ހިދުމަތް ރަނގަޅު ކުރުމަށް ބޭނުންވޭ. އެހެންވެ އިތުރު ޖަނަރޭޓަރު ބޭނުންވަނީ،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ އިތުރުން 50 މިލިއަން ރުފިޔާގެ ކޭބަލް ވަރަށް އަވަހަށް އޯޑަރު ކުރެވިގެންދާނެ ކަމަށެވެ.
"މިއީ ވަރަށް ބޮޑު އަދަދުތަކެއް. މިކަން ކުރަމުން ދަނީ ކޭޝް ފްލޯއަށްވެސް ބަލައިގެން. ނަމަވެސް އުންމީދު މި ކުރަނީ 26 ރަށަށް ބޭނުންވާނެ ކޭބަލް އޯޑަރެއްގައި ސޮއިކުރެވި ގެންދާނެ ކަމަށް،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ އިތުރުން ޓައިމް ލައިނެއް ރާވައިގެން ރަށްރަށުގައި ތެޔޮ ލާންގީތަކެއް ބަނދެވިގެންދާނެ ކަމަށެވެ.
"މި އަހަރު ތާވަލް ކޮށްފައިވާނެ 60 ރަށެއްގައި އިންޖީނު ބަދަލު ކުރަން. ނަމަވެސް ބިޑަށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގައި އެ ކެޕޭސިޓީއެއް ނުހުރޭ. ނަމަވެސް މަސައްކަތް މިކުރަނީ އެ މަސައްކަތް ކުރިއަށް ގެންދަން،" ނިމާލް ވިދާޅުވި އެވެ.