ސިނާއީ ރަށް، ތިލަފުށީގައި ހުންނަ ކަސްޓަމްސްގެ އޮފީސް ބޮޑުކޮށް، އިދާރީ ހިންގުމުގެ ބައި ހަތަރު ބުރީގެ ބޮޑު އިމާރާތަކަށް ބަދަލުކޮށްފި އެވެ.
މިއަދު ތިލަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އާ އިމާރާތް ހުޅުވައިދެއްވީ ޑެޕިއުޓީ ކަމިޝަނާ އޮފް ކަސްޓަމްސް އިސްމާއިލް އަބްދުﷲ އެވެ.
އިމާރާތް ހުޅުވުމާ ގުޅިގެން އިސްމާއިލް އަބްދުﷲ ވިދާޅުވީ ދިގު އިންތިޒާރަކަށް ފަހު މުވައްޒަފުންނަށް ޖާގަ ތަނަވަސް އިމާރާތެއް ލިބިގެން ދިޔުމަކީ ކަސްޓަމްސް އަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ އިމާރާތުގެ ސަބަބުން ތިލަފުށީގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ތިލަފުށީގައި މިއަދު ހުޅުވި ކަސްޓަމްސްގެ އާ އިމާރާތުގައި، އިދާރީ މަސައްކަތްތައް ކުރާ ބަޔަކާއި، ސްޓޯރޭޖެއްގެ އިތުރުން އެތާނގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކޮމޮޑޭޝަން ބައެއް ވެސް ހިމެނެ އެވެ.
ތިލަފުށީގައި މީގެ ކުރިންވެސް ކަސްޓަމްސްގެ އޮފީހެއް ހުރެ އެވެ. ނަމަވެސް އެތަނުގެ ޖާގަ ކުޑަވުމާއި ބައެއް މަސައްކަތްތައް ކުރާނެ ޖާގަ ނެތުމާއި، ގިނަ އިރު ތިލަފުށީގައި މަސައްކަތް ކުރަން ވައްޒަފުންނަށް ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ. އެހެން އެ އޮފީސް ބޮޑުކުރުމަށް ކުރީގެ އިމާރާތާއި ގުޅުވައިގެން އާ އިމާރާތެއް އެޅުމަށް ނިންމައި މަސައްކަތް ފެށީ 2006 ވަނަ އަހަރު އެވެ.
ސިނާއީ މަސައްކަތްތަކާބެހޭ މުދަލާއި ސާމާނު ކްލިއާކުރާ ބަނދަރެއް ތިލަފުށީގައި ގާއިމްކޮށް އެތަނުގައި އެންމެ ފުރަތަމަ ކަސްޓަމްސްގެ އޮފީހެއް ގާއިމްކުރެވުނީ 1990 ވަނަ އަހަރު އެވެ.
މިހާތަނަށް ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ކަސްޓަމްސްގެ އޮފީސްތައް ވަނީ ގާއިމް ކޮށްފަ އެވެ.