މީރާ

އޮކްޓޫބަރު މަހު މީރާއަށް 1.2 ބިލިއަން ރުފިޔާ

ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އޮކްޓޫބަރު މަހު އާމްދަނީގެ ގޮތުގައި 1.25 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ އަދަދަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީއަށް ވުރެ 24.6 އިންސައްތަ އަދި އޮކްޓޫބަރު މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 28.5 އިންސައްތަ އިތުރުވުމެކެވެ.

އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީ އާއި އިންކަމް ޓެކްސް އާއި ޓޫރިޒަމް ބިމު ކުއްޔާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސާވިސް ޗާޖުން ލިބުނު އާމްދަނީ އިތުރުވުން ހިމެނެ އެވެ.

މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 46.5 މިލިއަން ޑޮލަރު ހިމެނެ އެވެ.

އެންމެ ބޮޑު އާމްދަނީއެއް މީރާއަށް މިދިޔަ މަހު ލިބުނީ ޖީއެސްޓީ އިން ނެވެ. 57.4 އިންސައްތަ -- 716.4 މިލިއަން ރުފިޔާ ލިބުނީ ޖީއެސްޓީ އިން ނެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް މިދިޔަ މަހު ލިބުނީ އިންކަމް ޓެކްސް އިން ނެވެ. 10.3 އިންސައްތަ -- 127.9 މިލިއަން ރުފިޔާ ވަނީ އިންކަމް ޓެކްސްގެ ގޮތުގައި ލިބިފަ އެވެ.

ރިސޯޓު ބިމު ކުލީގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބުނުއިރު އެއީ އޮކްޓޫބަރު މަހުގެ އާމްދަނީގެ 8.1 އިންސައްތަ އެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 67.9 މިލިއަން ރުފިޔާ ރުފިޔާ އޮކްޓޫބަރު މަހު މީރާއަށް ލިބުނެވެ.