މީރާ

މިދިޔަ މަހު މީރާއަށް އާމްދަނީގެ ގޮތުގައި ތިން ބިލިއަން ރުފިޔާ

ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ ޖެނުއަރީ މަހު އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާއިން ހާމަކުރި ގޮތުގައި ޖެނުއަރީ މަހު ލިބުނު އާމްދަނީއަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީއަށްވުރެ 5.7 ޕަސަންޓް އިތުރު އަދަދެކެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ 12.2 ޕަސަންޓް އިތުރު އަދަދެކެވެ.

އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ކޯޕަރޭޓް އިންކަމް ޓެކްސް އާއި ޖެނެރަލް ޖީއެސްޓީ އާއި ބޭންކް ޕްރޮފިޓް ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވުން ހިމެނެ އެވެ.

މީރާއަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 102.7 މިލިއަން ޑޮލަރު ހިމެނެ އެވެ.

މީރާއަށް މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސް އިންނެވެ.

އިންކަމް ޓެކްސް އިން މިދިޔަ މަހު 1.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު އެއީ ޖެނުއަރީ މަހު ލިބުނު އާމްދަނީގެ 46.6 ޕަސަންޓެވެ.

ޖީއެސްޓީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު އެއީ އާމްދަނީގެ 39.3 ޕަސަންޓެވެ.

ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ މަހު 99.6 މިލިއަން ރުފިޔާ ލިބުނުއިރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 94.6 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 92.2 މިލިއަން ރުފިޔާ ލިބުނެވެ.