މީރާ

މީރާއަށް މިދިޔަ އަހަރު 24 ބިލިއަން ރުފިޔާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ އަހަރު 24.74 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ.

މި އަދަދަކީ މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 6.5 ޕަސަންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަކީ 23.06 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ފާސްކޮށްފައިވާ ސަޕްލިމަންޓަރީ ބަޖެޓުގައި މި އަންދާޒާއަށް ގެނެވުނު އިސްލާހާއެކު މި އަދަދު 23.22 ރުފިޔާއަށް ވަނީ އިތުރުކޮށްފަ އެވެ.

މީރާއަށް މިދިޔަ ޑިސެމްބަރު މަހު ޖުމްލަ 2.21 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު މި އަދަދަކީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 15.4 ޕަސަންޓް ދަށް އަދަދެއް ކަމަށް މީރާއިން ހާމަކުރެ އެވެ.

މީރާއިން ހާމަކުރި ގޮތުގައި ޑިސެމްބަރު 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީ ދަށްވުމެވެ. ޑިސެންބަރު މަހުގެ ޖުމްލަ އާމްދަނީގެ ބޮޑު އިންސައްތައެއް ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީ ހިއްސާކުރެ އެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދުގެ ދަށުން 99 އަހަރަށް ކުލީގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީގެ ރޭޓު ޑިސެމްބަރު 2022 ގެ ފަހުން އިތުރުކުރުމުގެ ސަބަބުން ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 57.50 މިލިއަން ޑޮލަރު 2022 ވަނަ އަހަރު ލިބިފައިވެ އެވެ.

ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގައި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި އެއްވެސް އާމްދަނީއެއް ލިބިފައިނުވާ ކަމަށް މީރާއިން ހާމަކުރެ އެވެ.

މީރާއިން ހާމަކުރި ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ލިބުނު އާމްދަނީ ވަނީ އަންދާޒާކުރި ވަރަށްވުރެ 9.4 ޕަސަންޓް އިތުރުވެފަ އެވެ.

އަންދާޒާއަށްވުރެ އާމްދަނީ އިތުރުވީ އެކްސްޕަޓްރިއޭޓް ކޯޓާ ފީ، ޖެނެރަލް ޖީއެސްޓީ އަދި ވޯކް ޕާމިޓް ފީ ގެ އާމްދަނީ އިތުރުވުމެވެ. އަދި މިދިޔަ ޑިސެމްބަރު މަހު އަންދާޒާކުރި ވަރަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވުމުން އެ ދާއިރާއިން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.

މީރާއަށް މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި 1.21 ބިލިއަން ރުފިޔާ ލިބުނުއިރު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގަ އެވެ.

ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި މިދިޔަ މަހު 377.51 މިލިއަން ރުފިޔާ ލިބުނުއިރު އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 113.87 މިލިއަން ރުފިޔާ ލިބުނެވެ.

މީގެ އިތުރުން އެކްސްޕަޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި 105.91 މިލިއަން ރުފިޔާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 89.21 މިލިއަން ރުފިޔާ ލިބުނެވެ.