ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ ހަތިޔާރާ ނާޒިމާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ނާޒިމްގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
ނާޒިމްގެ ވަކީލުން އެގޮތަށް ބުނީ ނާޒިމްގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ދެންމެ ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައިވަނީ އެގެއިން ފެނުނު ކަމަށް ބުނާ ހަތިޔާރާ ނާޒިމާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި އަދި އެތަކެއްޗާ ނާޒިމްގެ އާއިލާގެ އެއްވެސް ބޭފުޅަކާ ގުޅުންހުރި ތަކެތި ނޫން ކަމަށެވެ. އަދި އެ ތަކެއްޗަކީ އެތަނުގައި ކާކު ބަހައްޓާފައި ހުރި އެއްޗެއްކަން ނާޒިމަށް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އެ ބަޔާނުގައި ނާޒިމާ ހަވާލާދީ ބުނެފައިވެ އެވެ.
މީގެ އިތުރުން އެފަދަ ގާނޫނާ ޚިލާފް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީން ކަން ނާޒިމް ދެއްވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ދޭންޖެހޭ އެއްބާރުލުން ނާޒިމް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައި ދީފައިވެ އެވެ.
ނާޒިމްގެ ގެއިން ނުރައްކާތެރި ހަތިޔާރު ފެނުނު ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އެއީ ކޮންކަހަލަ ހަތިޔާރެއް ކަމެއް ފުލުހުން ނުބުނެ އެވެ. އަދި އެކަމާ މެދު ނާޒިމް ވެސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލައި، ފާސްކޮށް އެތަނުން ހަތިޔާރު ގެންދިޔަ ފަހުން މިދިޔަ ހޯމަ ދުވަހު ޑިފެންސް މިނިސްޓަރުކަމުން ނާޒިމް ވަނީ ވަކިކޮށްފަ އެވެ.