ވާހަކަ

އިޙްސާސްވޭ

( 12 ނޮވެމްބަރ 2022 އާ ގުޅޭ )

ރިންގުވާން ފެށި ފޯނު ނެގުމާއެކު އިވާނަށް ޤަބޫލުކުރާން ދަތިވިއެވެ. އުފާވެރިކަމެއް ހިތަށް ލިބިފައި ވެސް ހިނދުކޮޅެއްގެ ތެރޭ އެ އިޙްސާސް ހިނދިގެން ހިނގައްޖެއެވެ. އޭނާއަށް ދެބުމަ ކައިރިކޮށްލެވުނެވެ. އެހެންވިޔަސް ފޯނުކޯލު ނުނަގައެއް ނުހުރެވުނެވެ.

"މައްޔު..." ފޯނުކޯލު ނެގި ގޮތަށް އިވާން ބުނެލިއެވެ.

"ކޮބާ ފޯނު." މާޔަލް ސުވާލުކުރިއެވެ.

އިވާންއަށް ދަތްކުނޑިވިކާލެވުނެވެ. ފޯނުގެ ވާހަކަ މާޔަލް ކައިރީ ބުނީ އައިމީކަން އޭނާއަށް ޔަގީނެވެ. ކޮއްކޮދެކެ އޭނާއަށް ރުޅި އާދެވުނެވެ. އޭނާގެ ކޮއްކޮއަށްވެ ހުރެ އޭނާގެ ދުޝްމިނެކޭ އައިމީ ތަފާތެއްނެތޭ އިވާން ހިތަށް އެރިއެވެ. މާޔަލްއާއި އޭނާއާ ދެމެދު އޮތް ގުޅުން ރަނގަޅުކޮށްދޭން އައިމީ މަސައްކަތެއް ނުކުރީތީ އެ ޝަކުވާ ވެސް އިވާންގެ ހިތުގައި އެބައޮތެވެ. އައިމީގެ އެންމެ ގާތް އެކުވެރިޔާއަށް މާޔަލްވާއިރު އޭނާއަށް ވިސްނާދެވުނީހޭ އިވާންގެ ހިތް ބުނެއެވެ.

"އެ ފޯނުންކަން އެނގޭ އަހަންނާއި ރިކްއާ ދެމެދު ދެކެވިފަ ހުރި ވާހަކަތައް އިވާނަށް އެނގުނީ. އަހަރެން ޗީޓުކުރީއޭ ބުނީ އެހެންވެ ދޯ. ކީއްވެ އަހަންނަށް ފޯނު ނުނިދިނީ. ކީއްވެ ސިއްރުކުރީ." މާޔަލް ބުންޏެވެ.

"ކޮން ފޯނެއް." އިވާން ބުންޏެވެ. ގަސްދުގައި އޭނާ ދޮގު ހެދީއެވެ. އެ ފޯނު އަނބުރާ މާޔަލްއަށް ދިނުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އެ ފޯނު މާޔަލްގެ ފޯނުކޯލެއް ލިބުމުގެ އުޒުރަކަށް ވެއްޖެނަމަ އަދިއަމުދުން އެވީ މާރަނގަޅަށެވެ. ރުޅި އައިސްގެން ވިޔަސް އިވާނަށް މާޔަލް ގުޅުމަކީ އެ ދެމެދުގައި އޮތް ގުޅުން މުޅީން ކެނޑިގެން ނުދާކަމުގެ ރަމްޒެއްގެ ގޮތުގައި އިވާން ދުށްޓެވެ.

"ފައިން. ބާއްވާ އިވާން އަތުގައި. އަހަރެން ބޭނުމެއްނޫން. ގުޑްބާއި." މާޔަލް ބުންޏެވެ. އޭނާ އިވާނަށް ގުޅީ ޒުވާބު ކުރާކަށް ނޫނެވެ. އެ ފޯނުގައި ހުރި އެއްޗެހީގެ ބޭނުމުގައެވެ. ނަމަވެސް އިވާން ގޮތްދޫނުކުރާނަމަ އޭނާއާ ޖަދަލުކުރުމުގައި ހަކަތަ ދުއްވާލުން ބޭކާރުކަމެއްކަމުގައި މާޔަލްއަށް ވިސްނުނީއެވެ.

މާޔަލްއަށް އިވާން ގޮވާލިއެވެ. ނަމަވެސް އޭނާގެ އަޑެއް ނޭހިއެވެ. ފޯނުކޯލު ކަނޑާލީ މާޔަލްއެވެ. ދަތްތައް ބިންދައިގެންދާ ވަރަށް އިވާނަށް ދަތްކުނޑިވިކާލެވުނެވެ. އޭނާގެ ހިތް އަދިވެސް އެދެނީ މާޔަލް ލިބުމެވެ. އެ އަންހެންކުއްޖާ ދެކެ ވެވުނު ލޯބިން އަރައިގަނެ ދިރިއުޅުމައިގެން ކުރިޔަށް ދާނޭ ގޮތެއް މިވަގުތު ނޭނގެއެވެ. ނަމަވެސް ވަގުތާއެކު އަލުން ދިރިއުޅުމައިގެން ކުރިޔަށްދާން އޭނާ ދަސްކުރާން ޖެހޭނެކަން އެނގެއެވެ.

* * * * *

ހަވީރުގެ ވަގުތެވެ. މާޔަލްމެންގެ ދިރިއުޅޭ ޕެންޓްހައުސްގެ ޓެރެސްވަނީ ރަންކިއުމުގެ ޙަފުލާއަށް ތައްޔާރު ކުރެވިފައެވެ. އެ ޙަފުލާފައި ބައިވެރިވާން ހަމަޖެހިފައިވާ ހުރިހާ މެންބަރުންނަށް އެއް މޭޒެއްގެ ދޮށުގައި ތިބެވޭނެހެން ދިގު މޭޒެއް މެދުގައި ބެހެއްޓިފައި ހުއްޓެވެ. ޒީނަތްތެރި ކުރުމަށް ތަޅުމަތީ ބަހައްޓާ ބޮޑެތި މާވަށިތައް އެކިދިމާގައި ހުއްޓެވެ. ހެނދުނުއްސުރެ އެ ޢާއިލާ ކުރި މަސައްކަތް ނުހަނު ފުރިހަމައެވެ. އެންމެން ވެސް ތިބީ ނިކަން ނަލަ ހެދިގެންނެވެ. އެހެންވިޔަސް ތިން އަންހެންދަރީންގެ ތެރެއިން މާޔަލް ވަކިން ފާހަގަކޮށްލެވެއެވެ. އަޅާފައި ހުރި ހެދުމުންނެވެ. ހެދުމުގައިވީ އެމްބްރޮއިޑަރީގެ މަސައްކަތް ނުހަނު ފުރިހަމައެވެ. ފުޅާކޮށް ހުރި ހެދުމާއި ގުޅުވައި ހިމަ ހަރުވާޅެކެވެ. ޑަސްޓީޕިންކު ކުލައަށްވުރެ ކުޑަތަންފުކެއް އަނދިރިކުލައެކެވެ.

މައިދޮރުގެ ބެލް އަޅާލި އަޑާއެކު އެ ދިމާއަށް ހިނގައިގަތީ އާމާލްއާއި މަޒްހަރެވެ. އެގެއަށް އައިރިކްގެ ޢާއިލާ އައީއެވެ. މިފަހަރު އެމީހުނާއެކު ހަގު ދަރިފުޅު އައިތަން ވެސް ހުއްޓެވެ. ދެން ހުރި ޒުވާނާ މަޒްހަރާއި އާމާލަށް ދެނެގަންނަން އެނގުނެވެ. އެއީ ޑަކްޓަރ ފައިރޫޒެވެ. ހޮސްޕިޓަލުން އޭގެ ދެމަފިރިންނަށް މާޔަލްގެ ކަންތައްތަކުގައި އެންމެ ބޮޑަށް އެހީވީ ޑަކްޓަރެވެ. ދެން ވެސް ހިކިކޮށް ނަންބަރު އައިނެއް އަޅާފައި ހުރި އިސްކޮޅުން ދިގު ޒުވާނަކު އިސާކު ކައިރީ ހުއްޓެވެ.

"ސާހިލް. އަހަރެންގެ ވަކީލު. އޭނާ ކައިވެނިފޯމުގެ ކަންކަން ނިންމައިދޭނީ." މަޒްހަރާ ސަލާމްކޮށްލާފައި ކައިރީގަ ހުރި ޒުވާނާ އިސާކު ތަޢާރަފް ކޮށްދީފިއެވެ. މަޒްހަރާއި ސާހިލް ސަލާމްކޮށްލިއެވެ.

އެންމެން ގޮވައިގެން ޓެރެސްއަށް މަޒްހަރުގެ ދެމަފިރިން އައެވެ. މާޔަލްގެ ނަޒަރު އައިރިކް ހޯދާލިއެވެ. މުލައްދަނޑިން ބައެއް ފެންނަ ވަރަށް އޮޅާލާފައި ހުރި އަތްދިގު ހުދު ގަމީހާއި ގަދަ ޗޮކުލެޓުކުލައިގެ ފަޓުލޫނެއްގައި އައިރިކް ހުއްޓެވެ. އެ ހަށިގަނޑުގެ ސީދާކަމާއި ދިގު އިސްކޮޅުގެ އިތުރުން ކަޅުކަން ގަދަ ބޯ އިސްތަށިގަނޑާއި ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން ފާޅުވެއެވެ. މާޔަލްގެ ބެލުން ފާހަގަވީ ހިނދު އައިރިކް ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެހިނދު ވަގުތުން މާޔަލް އިސްޖަހާލީ ރަކިވީ ފަދައަކުންނެވެ. ދިގު މޭޒުގެ ދޮށުގައި އެންމެން އިށީނދެ ހަމަޖެހުނެވެ. ދެ ޢާއިލާ ތިބީ އެއްބައެއް އަނެއްބަޔާ ކުރިމަތިވާނޭހެންނެވެ. އައިރިކްގެ ކުރިމަތީ މާޔަލްއެވެ. ސާހިލްއަށް ހަވާލުވެފައި އޮތް މަސައްކަތް ފެށިއެވެ. ކައިވެނި ކުރެވޭ ދެ ބައިވެރީންގެ ކައިވެނީގެ ފޯމު އޭނާ ފުރަމުން ދިޔައެވެ.

ޙަފުލާގެ ކަންކަން ކުރިޔަށްދިޔައިރު މަލަކް އިނީ ޚިޔާލީ ދުނިޔެއެއްގައެވެ. ދައްޔާނުދެކެ ނަފުރަތުކުރާން އޭނާ ބޭނުންވިޔަސް ހިތުން އެ ލޯބި ނެރި އެއްލައެއް ނުލެވުނެވެ. އުމުރުން ހަގު ނަމަވެސް މިވީ ދުވަސްތަކުގައި އޭނާގެ ހަޔާތައް އެތައް ބައިވެރީންނެއް އަތުވެއްޖެއެވެ. ގިނަދުވަހަށް އެއްވެސް ގުޅުމެއް ދެމިއެއް ނޯވެއެވެ. ނުވީތާކަށް ލޯތްބެއް ވެސް ދެމެދުގައި އުފެދިފައި ނެތެވެ. އެ ހުރިހާ ފަހަރާ ދައްޔާނާއެކު ހޭދަކުރެވުނު ކޮންމެ ވަގުތެއް ތަފާތުކަން މަލަކްއަށް އިޙްސާސް ކުރެވެއެވެ. ފުރަތަމަ ފަހަރަށް ހަޤީޤީ ލޯތްބަކަށް މަލަކްގެ ހިތް ދޫވީ ދައްޔާނުގެ މައްޗަށެވެ. ކައިވެނީގެ ވާހަކަ ދައްޔާނު ދެއްކީ ލޯތްބާއި ތަފާތު ޖޯޝަކާއެކުއެވެ. މިއަދު މަލަކްގެ ކުރިމަތިން ފެންނަމުންދާ ފަދަ އުފާވެރި މާޙައުލެއްގައި ދެ ޒުވާނުންގެ ކައިވެނި އިޢުލާން ކުރާން ހިތުގައިވިއެވެ. މަންމަމެން ދައްޔާނަށް ހޫނު މަރުޙަބާއެއް ކިޔާނޭކަން މަލަކްއަށް ޔަގީންވެއެވެ. ނަމަވެސް ހުރިހާކަމެއް މިވީ ހިޔާލީ ފޮލާއަކަށެވެ. ދައްޔާނު އޭނާގެ ކިބައިން ފައިދާނެގީއެވެ. މަޑުމަޑުން މަލަކް އިސްއޮބާލިއެވެ. އޭނާގެ ދެ ލޯ ފެންކަޅިވާގޮތްވީއެވެ. އޭނާގެ ދިރިއުޅުން އަނދިރިވެއްޖެކަމުގެ އިޙްސާސުންނެވެ. ހިތްވަނީ ބިރުވެރިކަމެއްގައެވެ. ސިއްރުކުރަމުން އަންނަ ކަންކަން ފަޅާއަރާނީ ކޮންއިރަކުކަމެއް ނޭނގޭތީއެވެ. މިހާރު އަބަދުމެ ވިސްނެނީ އެންމެ ކަމަކާއެވެ. ފައިސާއިން ދައްޔާނުގެ ހިތްފުރިދާނެބާއޭ މަލަކްގެ ހިތާއި ޟަމީރާ ސުވާލުކުރެވެއެވެ.

އަތްތިލަ ބަނޑީގެ އަޑަށް މަލަކް އިސްއުފުލާލިއެވެ. މާޔަލް ރަންކީއެވެ. ޙަފުލާގެ އެންމެ މުހިންމު ބައި ނިމުނީއެވެ. ޝަބްނަމްގެ މައިވަންތަ ލޯބި އުތުރުގަތް ހިނދު ކައިރީގަ އިން އައިރިކްގެ ގައިގާ ބައްދާލައިފިއެވެ. ފުރިހަމަ އެވީ އޭނާ އެތައް ދުވަހެއްވަންދެން ދެކެމުން އައި ހުވަފެނެކެވެ. އައިރިކްގެ ކައިވެނި ހަމަޖެހޭނެ ދުވަހެކެވެ. މާޔަލް ބަލައިގަންނަން ޝަބްނަމްއަށް ދައްޗެއް ނުވިއެވެ. އެ އަންހެންކުއްޖާގެ ޢާއިލާއާ މެދު ވެސް ޝަބްނަމް ރުހިފައިވެއެވެ. އައިތަންގެ އަނބިމީހާގެ ޢާއިލާއާ ޝަބްނަމްމެންނާ މާބޮޑު ގުޅުމެއް ނެތެވެ. މާޔަލް ތަފާތުވީ އެހެންވެއެވެ. އާމާލްއާއި މަޒްހަރަކީ ހިތްހެޔޮ މީހުންނާ ގުޅޭ ބައެކެވެ. މީ ދެ ޢާއިލާގެ މެދުގައި ގާތް ގުޅުމެއްގެ ފެށުންކަން ޝަބްނަމް ޤަބޫލުކުރެއެވެ.

ރަންކިއުމުގެ ޙަފުލާނިމި ހަވީރަށް ތައްޔާރުކޮށްފައި އޮތް ސަޔަށް އެންމެން އިންސާފުކުރިއެވެ. އެންމެންނަށްވުރެ ކުރީން ސާހިލު އެގެއިން ނުކުތެވެ. މޭޒުދޮށުން ތެދުވެ އެންމެން ބައިބައިވެއްޖެއެވެ. ކުދީންނާއި މައިންބަފައިން ދެ ގުރޫޕަކަށްވީއެވެ. މާޔަލްގެ ކައިރިޔަށް ޖެހިލި އައިތަން ދިމާކުރާން ފެށިއެވެ. އައިރިކްގެ ތޫނު ނަޒަރު ކޮއްކޮއަށް ހުއްޓުނެވެ. އެ ދެބެންގެ މިޒާޖާއި އުޅުން ތަފާތުކަން އެންމެންނަށް ފާހަގަވީ އަދިކިރިޔާއެވެ. މާޔަލްގެ ކުރިމަތީ އައިރިކްއަކީ ބަސްމަދު މަޑުމަޑުން ހުންނަ ޒުވާނެއްނޫނެވެ. އެކަން އޭނާއަށް އެނގޭތީ އެތެރެއިން ހީނލެވުނެވެ. އައިރިކްގެ އެ ސިފައަކީ ހަމައެކަނި އޭނާއަށް އެނގޭ ސިފައެއްވީމައެވެ. ސަމާސާކުރުމާއި ލާނެތްކަން އައިރިކްއަށް ލިބިފައިވާކަން މާޔަލްއަށް އެނގެއެވެ. އެންމެންގެ ކުރިމަތީ އޭނާ ދައްކާ ސިފައާއި ދެމީހުން އެކަނިވުމުން ފެންނަ މީހާ މުޅީން ތަފާތެވެ. ފާޚާނާއަކަށް ދާން އައިރިކް އެދުނީ މާޔަލްގެ ކަންފަތް ދޮށުގައެވެ. އެއާއެކު އޭނާ ގޮވައިގެން ގޭތެރެއަށް ވަންނަން މާޔަލް އެނބުރިލިއެވެ. ކައިރީ ހުރި މައިރާ ވަގުތުން މާޔަލްގެ އަތުގައި ހިފިއެވެ.

"ކޮންތާކަށް." ހެވިފައި ހުރެ މައިރާ ސުވާލުކުރިއެވެ. ދެ ލޯބިވެރީން އެކަނިވާނޭ ފުރުޞަތެއް ހޯދަނީކަން މައިރާގެ ވިސްނުންތޫނު ސިކުނޑި ދެނެގަތީއެވެ.

"ރިކް ޓޮއިލެޓަށް ދާން." ސިއްރުން ދައްތަ ކައިރީ މާޔަލް ބުނެލިއެވެ. އައިރިކްއަށް މައިރާ ބަލާލިއެވެ. އެއްމިޔަކަނުން ހީނލައިގެން މައިރާ ހުއްޓެވެ. ދެން މާޔަލްގެ އަތުން ދޫކޮށްލައިފިއެވެ.

އައިރިކް ގޮވައިގެން ގޭތެރެއަށް ވަންހިނދު އޭނާ އެހީ މާޔަލްގެ ކޮޓަރި ކޮބާތޯއެވެ. ކޮޓަރިބަރިން މާޔަލްގެ ކޮޓަރި ކައިރިއަށް ހުއްޓިލައި އޭނާ އައިރިކް ވަނުމަށް ދޮރު ހުޅުވާލަދިނެވެ. އެއާއެކު އައިރިކް އެތެރެއަށް ވަދެގެން ދިޔައެވެ. ނަމަވެސް ދޮރުމަތީ މާޔަލް މަޑުކޮށްލީއެވެ. ދެމީހުން އެކީގައި ކޮޓަރިއަށް ވަންނަން ނުކެރިގެންނެވެ. ކޮޓަރިތެރެއަށް ވަން އައިރިކް ފާޚާނާއަށް ވަންނާކަށް ނޫޅުނެވެ. އޭނާ ވަށައިގެން އެ ކޮޓަރިތެރެއަށް ނަޒަރު ހިންގިއެވެ. ރީތިވާ މޭޒުކައިރީ އައިރިކް ހުއްޓިލިއެވެ. މޭޒުމަތީގައިވާ ސެންޓުފުޅި ނަގައި ނޭފަތާ ކައިރިކޮށްލި ހިނދު އައިރިކްގެ ތުންފަތް ދެމިލިއެވެ. ދެން ދޮރުމަތީ ހުރި މާޔަލްއަށް ބަލާލާފައި އަތުގައި އޮތް ސެންޓުފުޅި ދައްކާލިއެވެ.

"އަހަރެންގެ މާޔާގެ ވަސް." އައިރިކް ބުންޏެވެ.

"ޓޮއިލެޓަށް ވަންނާކަށް ނޫންތަ އައީ." މާޔަލް އަހާލިއެވެ.

"މާޔާގެ ކޮޓަރި ބަލާލަން މިއައީ. އަހަރެންގެ ރޫމް މާޔާއަށް ހުރީ ފެނިފައެއްނު." އައިރިކް ބުނެލިއެވެ. އޭނާ ސެންޓުފިޅި ބަހައްޓާފައި އައިސް އެނދުގައި އިށީނެވެ. މަޑުމަޑުން ތަންމަތީގައި ދެ އަތް ހިންގާލާފައި ފުންމާލިއެވެ.

"ވަޓް އާ ޔޫ ޑުއިން." މާޔަލްއަށް ވަގުތުން އަހާލެވުނެވެ.

"އެނދުގަ ވަރުހުރިތޯ ބަލާލީ." ލާނެތް ހިންޏަކާއެކު އައިރިކް ބުނެލިއެވެ.

"ފޯ ވަޓް." މާޔަލް ހައިރާންކަމާއެކު ބުނެލިއެވެ.

"ކައިރިއަށް އާދެބަލަ. އޭރުން ބުނާނަން." އައިރިކް ބުންޏެވެ.

"ނޫޅެން. ޓޮއިލެޓަށް ނުވަންޏާ ހިނގާ ދާން. މަންމަމެން ހޯދާނެ." މާޔަލް ހިތްއަވަސްވެފައި ބުނެލިއެވެ. އައިރިކް ލާނެތް ސަމާސާއެއް ކުރާން އުޅެނީކަން މާޔަލްއަށް އެނގެއެވެ.

އައިރިކް އެނދުން ތެދުވެގެން ދޮރާ ދިމާއަށް އަންނަންފެށިއެވެ. މާޔަލް ހަލުވިކޮށް ފަހަތަށް ފިޔަވަޅު އަޅާލިއެވެ. އޭނާ ދަނީކަމުގައި ބުނެ އެންމެންގެ ކައިރިއަށް އަންނަން ހިނގައިގަތެވެ. ކޮޓަރި ދޮރުމައްޗަށް ނުކުމެވުނު އައިރިކްއަށް ހީނލެވުނެވެ. މާޔަލްގެ ހުންނަ ފަސްޖެހުން އޭނާއަށް ހުރީ ފެނިފައެވެ. އެ ފަސްޖެހުމުގެ މައްޗަށް އައިރިކް ކުރި ހޯދަން ބޭނުންވި ކޮންމެ ފަހަރަކު ވަނީ ކުރިލިބިފައެވެ. މިހާރު ވެސް އައިރިކްގެ ހިތާއި ސިކުނޑީގައިވަނީ މުޅި އުމުރު އެ އަންހެންކުއްޖާއާއެކު ވޭތުކުރާނޭ ގޮތުގެ ފޮނި ޚިޔާލުތަކެވެ.

އިރުއޮއްސުމާއެކު އައިރިކްގެ ޢާއިލާ އެނބުރި ހިނގައްޖެއެވެ. ގޭތެރެއަށް ހިމޭންކަން ވެރިވިއެވެ. މަޒްހަރާއެކު ރަޒާ ނުކުތީ މިސްކިތައް ދާށެވެ. ނަމާދުކޮށްގެން ގެއަށް އަންނާނީ މަމްދޫހު ކައިރީ ހުރި ލަމްޔާ ގޮވައިގެންކަން އަނބިމީހާ ކައިރީ ރަޒާ ބުންޏެވެ.

* * * * *

ދެ ދުވަސް ފަހެވެ. ލިޔުޝާ ގެއަށް ފޮނުވާލީ ހާލަތު އިތުރަށް ގޯސް ނުވާތީއެވެ. މަމްދޫހު އަނބިމީހާ ގޮވައިގެން ގެއަށް އައެވެ. އެމީހުންގެ ދަރިފުޅުގެ ކަންކަން ބަލަނީ ރަޒާގެ ދެމެފިރިންކަން ލިޔުޝާއަށް އެނގުނީ މަމްދޫހު ބުނީމައެވެ. ލިޔުޝާގެ ގައިގާ ނަގާފައި ހުރި ފޮޅުތައް ހަރުވެ ކަޅުކުލަ އަރާފައި ހުންނައިރު އުންތަކެއް ފަދައެވެ. ފަސޭހަވަމުގެ އަލާމާތްކަމުގައި ޑަކްޓަރުން ބުންޏެވެ. އެގޮތަށް ފޮޅުތައް ހަރުވެ ކަޅުކުލަ އަރާފައި ހުންނައިރު ގައި ހިރުވުން ފިޔަވާ އިތުރު އުނދަގުލެއް ލިޔުޝާއަށް ނުވެއެވެ. އެހެންވެ އޭނާއަށް ތެދުވެ އުޅެވެއެވެ. ޑަކްޓަރު ދީފައި ހުރި ބޭސް އުނގުޅަން ފެށިފަހުން ހަށިގަނޑުގެ ބައެއް ހިސާބުތަކުން އެ ފޮޅުތައް ހިނދިއްޖެއެވެ. ނަމަވެސް ކަޅުވެ ލަކުނު ފެންނަން ހުރެއެވެ. އޭނާ އެންމެ ކަންބޮޑުވީ ހަށިގަނޑުގެ އެހެން މީހުންނަށް ފެންނަން ހުންނަ ހިސާބުތަކުގައި ވެސް ލަކުނުތައް ހުންނާނެތީއެވެ.

މެންދުރުގެ ވަގުތެވެ. ލަމްޔާ ފެންވަރުވައި އެކުއްޖާއަށް ކާންދިނުމަށްފަހު މައިރާ އެކުއްޖާ ރަޒާއާއެކު ފޮނުވިއެވެ. ދަރިފުޅު ގެނެސްދޭން ލިޔުޝާ އެދުނީމައެވެ. އޭނާއަށް ދަރިފުޅު ބެލޭ ވަރަށް ހާލު ރަނގަޅުކަން މަމްދޫހު ބުނީއެވެ. ޚުދު މަމްދޫހަށް ވެސް ފާހަގަވީ ކަމަކަށް ރަޒާ ހޮސްޕިޓަލަށް ނައުންވިއެވެ. ޢާއިލާގެ ކޮންމެ މީހަކަށް ކަމެއް ދިމާވިޔަސް އެންމެ ކައިރިން ހާލު ބަލައި އުޅޭ މީހަކަށް އެ ޢާއިލާގައި ހަމައެކަނި ހުރީ ރަޒާއެވެ. ނަމަވެސް މަމްދޫހު މާލެ އައިފަހުން އޭނާ ހޮސްޕިޓަލަށް ވަދެނުލައެވެ. ދޭތެރެއަކުން އޭނާއަށް ގުޅާލާފައި ކަމެއް ބޭނުންވޭތޯ އަހާލުން ފިޔަވައި ގާތްކަމެއް ރަޒާގެ ނެތެވެ.

"މިއޮއް އައީނު." ހުޅުވުނު ދޮރުން ވަން ރަޒާއާއި ލަމްޔާ ފެނި މަމްދޫހު ބުންޏެވެ. އޭނާ އިނީ ސިޓިންރޫމު ސޯފާގައެވެ. ހުޅުވާފައި ހުރި ޓީވީއިން ދިވެހި ޗެނެލަކުން ގެނެސްދެމުން ދިޔަ ލަވައިގެ އަޑު ހުއްޓެވެ. ބަދިގޭގައި އުޅުނު ލިޔުޝާގެ ހަރަކާތްތައް މަޑުޖެހިލިއެވެ. ގޭތެރެއަށް ވަން ރަޒާއަށް ގޮވާލާކަށް އޭނާއަކަށް ނުކެރުނެވެ. އަނެއްކޮޅުން ރަޒާ ވެސް އޭނާއަށް ބަލާނުލިއެވެ. ހާލު ވެސް އަހާނުލިއެވެ.

"ލަމްކޮގެ އެއްޗެހި މީ." އެލްސާ ކާޓޫނުގެ ކުރެހުން އަޅާފައިވާ ކުޑަފޮށި ކުރިޔަށް ޖައްސާލައި ރަޒާ ބުންޏެވެ.

"ދަނީތަ؟." ރަޒާ ދާން އެނބުރިލުމާއެކު މަމްދޫހު ސުވާލުކޮށްލިއެވެ.

"މަންމަ ނޫޅޭތަ." ރަޒާ ހުއްޓިލުމާއެކު އަލުން މަމްދޫހާ ކުރިމަތިލިއެވެ.

"އާން. ނޭނގެ ވީތަނެއް." ގަޔާނުވެފައި އިންކަމުގެ ރާގު މަމްދޫގެ އަޑުގައިވިއެވެ. މަންމަގެ ވާހަކައެއް ދައްކާނަމަ އެ ޢާއިލާގެ ކޮންމެ ކުއްޖަކެއްގެ ފަރާތުން ވެސް ފާޅުވާނީ އެ އަސަރުތަކެވެ. މިހާރު އެއީ ރަޒާއަށް އާކަމެއްނޫނެވެ. ޚުދު އޭނާ ވެސް އެވަނީ މަންމަދެކެ ނުހަނު ބޮޑަށް ފޫހިވެފައެވެ. މަންމަ ނުކިޔާނަމަ އިނާޔާއާ ހުރިހާ ގުޅުމެއް ރަޒާ ކަނޑާލިތާ ކިތަންމެ ދުވަހެކެވެ.

"މަންމަ ގެއަށް އައީމަ އަހަންނަށް ގުޅާ. އެބައޮތް މިގޭ އެންމެން ކައިރީ ދައްކަންވެފައި އޮތް ވާހަކައެއް. އަހަރެން އަންނާނަން." ރަޒާ މިހެން ބުނެފައި އެގެއިން ނުކުތީއެވެ.

"ރަޒާ ބަދަލުވެއްޖެހެން ހިޔެއްނުވޭތަ؟." ކޮއްކޮ ނުކުމެ އެޕާޓްމެންޓުގެ ދޮރު ލައްޕާލުމާއެކު މަމްދޫހު ވާހަކަދެއްކީ ބަދިގެ ފަރާތުން ނުކުމެގެން އައި ލިޔުޝާއާއެވެ.

"ނޭނގެ." ހަޤީޤަތް އެނގިހުރެ ލިޔުޝާ ބުނެލިއެވެ.

"މައިރާމެންގެއަށް ބަދަލުވީގޮތައް އަންނަކަހަލަ ޚިޔާލެއް ނުކުރާހެން ހީވޭ. އެކަމަކު އޭރުން ލިއު ވަރަށް އެކަނިވާނެ ދޯ. މިގޭތެރެ އެއްކޮށް ފަޅުވެއްޖެހެން ހިޔެއްނުވޭތަ." މަމްދޫހު ބުންޏެވެ. ލިޔުޝާ އެއްޗެކޭ ނުބުނެ ހިމޭންކަން ޚިޔާރުކުރިއެވެ.

* * * * *

މިއުވާނު އަންނަނީ ކަމުގައި ބުނުމުން މަލަކް ކުރީބައިގެ ތިރިއަށް ފޭބިއެވެ. އިމާރާތުން ބޭރަށް ނުކުމެ ދުވާރުމަތީ އޭނާ މަޑުކޮށްލައިގެން ހުރީ މިއުވާނުގެ އިންތިޒާރުގައެވެ. ފޯނަށް ގެއްލިފައި މަލަކް ހުރީ ބްލެކްމެއިލަރުގެ މެސެޖުތަށް ކިޔާށެވެ. އޭގައި ފައިސާ ހިފައިގެން އަންނަން ބުނެފައި އޮތީ މީހުން ނޫޅޭ ފަޅު ސަރަޙައްދަކަށެވެ. އެހިސާބަށް ދާން މަލަކް އެއްބަސްވީ މިއުވާނު އޭނާގެ ބޯކޮޅު ބަލަމުން ދާނެކަން ބުނީތީއެވެ. މަލަކްއަށް ނުރައްކަލެއް އަންނަހެން ހީވެއްޖެނަމަ މިއުވާނު އެހީވާން އަންނާނޭކަމުގެ ޔަގީންކަން ދީފައި އޮތީމައެވެ. އެއާއެކު މަލަކްއަށް ފައިސާ ވެސް ހޯދައިދިނީ މިއުވާނެވެ. ވީއިރު މިއުވާނުގެ މައްޗަށް ޝައްކުގެ ނަޒަރުން ބަލާނޭ ފުރުޞަތެއް ނެތެވެ.

"ހާދަ ލަސްވަނީ." މިއުވާނު ނައިސް ލަސްވާތީ މަލަކްއަށް ކިޔާލެވުނެވެ. ފޯނުން ގަޑި ވެސް އިރުއިރުކޮޅާ ބެލެއެވެ.

މަލަކް ސިއްސައިގެން ދިޔައީ ކުއްލިއަކަށް ކުރިމައްޗަށް މަޑުކޮށްލި ސައިކަލުން ފޭބި ދައްޔާނު ފެނިފައެވެ. އޭނާ ނިކަން ހުސިޔާރެވެ. ސައިކަލުން ފޭބި ގޮތަށް މަލަކްގެ ކައިރިއަށް ބޮޑު އެއްފިޔަވަޅު އަޅާލި ކަހަލައެވެ. މަލަކްގެ އަތުގައި ދައްޔާނު ހިފިއެވެ.

"މަލްއާ ވާހަކަދައްކަން އަހަރެން ބޭނުން." ދައްޔާނު ވަގުތުން ބުނެލިއެވެ.

(ނުނިމޭ)