ލ. ގާދޫއަކީ ފަޅުރަށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަނޑައަޅުއްވަންދެން ގާދޫ ކައުންސިލަރުން މަސައްކަތް ފޮނަދޫ ކައުންސިލްގެ އިދާރާގައި އޮންނާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
ސަރުކާރުން ގެންގުޅުއްވާ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ގާދޫގެ ރައްޔިތުން ފޮނަދޫއަށް ބަދަލު ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ނިންމާލާފަ އެވެ. ފޮނަދޫގައި ގާދޫ ރައްޔިތުން ދިރިއުޅުމަށް އެޅި ގެތަކަށް ގާދޫ މީހުން ވަދެފައިވާއިރު ގާދޫއަކީ އަކީ ފަޅު ރަށެއްގެ ގޮތުގައި އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.
އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ ގާދޫ ރައްޔިތުން ފޮނަދޫއަށް ބަދަލު ކުރުމުގެ މަސައްކަތް ނިމުނުނަމަވެސް އިންތިހާބުކޮށްފައިވާ އެ ރަށުގެ ކައުންސިލަރުންގެ ދައުރު ނުނިމޭ ކަމަށާއި ކައުންސިލަރުން ދެން މަސައްކަތް ކުރަން ޖެހޭނީ ފޮނަދޫ ކައުންސިލް އިދާރާ ތެރޭގައި ކަމަށެވެ.
"ގާދޫ މީހުން ފޮނަދޫއަށް ބަދަލުވިޔަސް ވަގުތުން އެރަށު ކައުންސިލެއް ނުއުވޭނެ. އެކަމަކު ގާދޫއަކީ ފަޅުރަށެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން އަމިއްލައަށް ކައުންސިލަރުން އުވިގެންދާނެ. އޭގެ ކުރިން ފޮނަދޫ ކައުންސިލް ތެރޭގައި ގާދޫ ކައުންސިލްގެ ދައުރު އަދާ ކުރެވޭނެ" އޮފިޝަލް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީ އިން އެމްއެންޑީއެފްގެ އެހީގައި ގާދޫ އިން މީހުން ބަދަލު ކުރަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. ގާދޫގައި ދިރި އުޅޭ 108 މީހުންނަށް ސަރުކާރުން ވަނީ ފޮނަދޫގެ ކުރިގަމު އަވަށުގައި 45 ގެ އަދި ބަރާސިލު އަވަށުގެ އަލަަށް އާބާދުވަމުން އަންނަ ސަރަހައްދުގައި 40 ގެ އިމާރަތްކޮށް އެތަންތަނަށް މީހުން ބަދަލުކޮށްފަ އެވެ.