ލ. ފޮނަދޫގެ އިހުތިސޯސްއެއްގެ ގޮތުގައި އެ އަތޮޅު ގާދޫ ހަދައިދިނުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ކަމާބެހޭ މުއައްސަސާތަކުގައި އެދުމަށް ފޮނަދޫ ކައުންސިލުން ނިންމައިފި އެވެ.
ފޮނަދޫ ކައުންސިލް މެންބަރު އަބްދުﷲ ފައިސަލް، އަވަސް އަށް ވިދާޅުވީ ގާދޫގެ ރައްޔިތުން ފޮނަދޫއަށް ބަދަލުކޮށް ނިމުމާ ގުޅިގެން ގާދޫއަކީ ފޮނަދޫގެ އިހުތިޞާޞްއެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި އެލްޖީއޭ އަށާއި ރައީސް އޮފީސް އަަދި ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ކައުންސިލުން ނިންމީ މިދިޔަ ހަފުތާ ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ގެންގުޅުއްވާ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ގާދޫގެ ރައްޔިތުން ފޮނަދޫއަށް ބަދަލު ކުރުމުގެ މަސައްކަތް ނިންމާލާފައިވާއިރު ފޮނަދޫގައި ގާދޫ ރައްޔިތުން ދިރިއުޅުމަށް އެޅި ގެތަކަށް ގާދޫ މީހުން ވަނީ ބަދަލުކޮށްފައެވެ. ގާދޫއަކީ އަކީ ފަޅު ރަށެއްގެ ގޮތުގައި އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.
ގާދޫގައި ދިރި އުޅޭ 108 މީހުންނަށް ސަރުކާރުން ވަނީ ފޮނަދޫގެ ކުރިގަމު އަވަށުގައި 45 ގެ އަދި ބަރާސިލު އަވަށުގެ އަލަަށް އާބާދުވަމުން އަންނަ ސަރަހައްދުގައި 40 ގެ އިމާރަތްކޮށް އެތަންތަނަށް މީހުން ބަދަލުކޮށްފަ އެވެ. ގާދޫގެ ރައްޔިތުން ގެންގުޅޭ ހިފާ ސާމާނު ސިފައިން ފޮނަދޫއަށް ބަދަލުކޮށްދޭއިރު ތަކެތި ގަތުމަށް ސަރުކާރުން ވަނީ ކޮންމެ އާއިލާއަކަށް 60،000ރ. ދީފައެވެ. އަދި ގާދޫގައި އޮތް ކޮންމެ ގޯއްޗަކަށް ފޮނަދޫން ގޯއްޗެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. ގޯތީގައި ވަށާ ފާރާއި ވަޅެއް ހުރިނަމަ އޭގެ ބަދަލުގައި 10،000ރ. ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.