ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ތަހައްމަލުކުރާ މީހުންގެ ތެރެއިން 14 އިންސައްތަ މީހުންނަކީ ހަކުރު ބަލި ޖެހިފައިވާ މީހުންކަން ދިރާސާއަކުން ހާމަވެއްޖެ އެވެ.
މި މައުލޫމާތު ހާމަކޮށްފައިވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތަކަށް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ހަދާފައިވާ ސްޓެޕްސާވޭ 2020-2021 ގައެވެ.
މީގެއިތުރުން 2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ނެރެފައިވާ ރިޕޯޓެއްގައި ދެއްކި ގޮތުގައި ރާއްޖޭގައި 3.7 އިންސައްތަ މީހުން މަރުވަނީ ހަކުރު ބަލީގެ ސަބަބުންނެވެ.
ހަކުރު ބަލީގެ އަލާމާތްތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމުދާން ޖެހުމާއި ކަރު ހިއްކާ ފެން ބޮވުމާއި އާދަޔާ ހިލާފަށް ބަނޑުހައިވުމާއި ބަރުދަން ލުއިވުން އަދި ވަރުބަލިވުން ހިމެނެ އެވެ.
ހަކުރު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
- ސިއްހީ ގޮތުން ދުޅަހެޔޮ ކާނާއާއި ބުއިންތައް (މިންހެޔޮ) ކެއުން އިހުތިޔާރުކުރުން
- ކެއުމުގެ ވަގުތާއި ކާ މިންވަރަށް ސަމާލުވުން
- ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުން އާދަކުރުން
- ހަށިގަނޑުގެ ބަރުދަން އިސްކޮޅާ އަޅައިބަލާއިރު ހުންނަންޖެހޭ މިންވަރުގައި ހިފެހެއްޓުން
- ދުންފަތުގެ އިސްތިއުމާލުނުކުރުން އަދި ދުންފަތުގެ ދުމުން ރައްކާތެރިވުން
ހަކުރުބަލި ތަހައްމަލު ކުރަމުންދާ މީހުން ހަކުރު ކޮންޓްރޯލްކޮށް ބައްޔާއެކު ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ދިރިއުޅުން ވަކި ގޮތަކަށް ބައްޓަން ކުރަންޖެހެ އެވެ. މި ގޮތުން ގަވާއިދުން ބޭސް ކެއުމަކީ މުހިއްމު ކަމެކެވެ. މީގެ އިތުރުން ހަކުރު ކޮންޓްރޯލް ކުރެވިފައިވާކަން ކަށަވަރުކުރުމާއި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުމެއް ލިބޭތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓްތައް ހަދަން ޖެހެ އެވެ.
ބަލި ޖެހިފައިވާ މީހުން ގަވާއިދުން ޑޮކްޓަރެއް ނުވަތަ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމާއި ކެއިން ބުއިމުގައި ރަނގަޅު އަހުލާގެއް ދެމެހެއްޓުމަށް ސަމާލުކަން ދޭން ޖެހެ އެވެ. އަދި ގަވާއިދުން ކަސްރަތު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ހަކުރުބަލި ތަހައްމަލު ކުރާ ފަރާތްތަކަށް މި ބަލި ބޮޑުނުވެ ދިރިއުޅުން ބައްޓަން ކުރަންޖެހޭ ގޮތުގެ ފުރިހަމަ މައުލޫމާތު ލިބުން ވަރަށް މުހިންމެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބަލި ހުރިކަން ބަލީގެ ކުރީކޮޅުގައި ދެނެގަތުމުގެ ގާބިލުކަމާއި މައުލޫމާތު ހުރުމަކީ މި ބަލިން މީހުން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަމެވެ.
މިއަދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ހަކުރުބަލީގެ ދުވަހެވެ. އިންޓަނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަން (އައިޑީއެފް) އިން މިއަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރުގެ ކަނޑައަޅާފައިވަނީ "މާދަމާގެ ރައްކާތެރިކަމަށް އުނގެނެމާ" މިއެވެ. ހަކުރު ބައްޔަކީ ރާއްޖޭގެ އިތުރުން ދުނިޔޭގައިވެސް ވަރަށް ގިނަ މީހުން ތަހައްމަލު ކުރަމުންދާ ބައްޔެކެވެ.