ރިވެލި މައުރަޒު

އަލީފް ކުލަކޮށްލަ ދިނުމަށް އެދޭ ފޮޓޯ

ކޮންމެ މީހަކީވެސް ހުނަރުތަކެއް ހުންނާނެ މީހެކެވެ. މުސްތަގުބަލަށް ފޮނި އުއްމީދުތަކެއް ކުރާނެ މީހެކެވެ. ހާސިލްކުރަން ބޭނުންވާ ހުފަވެންތަކެއް ވެސް ދެކޭނެ މީހެކެވެ. ވީލްޗެއާ އެއްގައި އިންނަން ޖެހުމަކީ މިދެންނެވި ކަންކަމުން އަހްމަދު އަލީފް މަހްރޫމު ވާންޖެހޭ ސަބަބެއް ނޫނެވެ. އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު އަލީފް އަށް ކުރެވޭނެ ކަންކަން ހުންނާނެ އެވެ. އޭނާ އަށް ހާސިލްކުރެވޭނެ އުއްމީދުތަކެއް ހުންނާނެ އެވެ. އޭނާއަށް ބޭނުންވަނީ ފުރުސަތުތަކެކެވެ.

ޖެންޑާ މިނިސްޓްރީން އިންތިޒާމުކޮށްފައިވާ "ރިވެލި" މައުރަޒަކީ އަލީފް ފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރު ދައްކާލުމަށް ވަރަށް ރަނގަޅު ފުރުސަތެކެވެ. އަލީފް ވަނީ އެ ފުރުސަތުގެ ބޭނުން ހިފާ ރިވެލި މައުރަޒަށް ތަފާތެއް ގެނެސްދީފަ އެވެ. އަލީފްގެ މަސައްކަތަށް އެހެން މީހުންގެ ޝައުގުވެރިކަން އޭނާ ހޯދީ އެންމެ ފޮޓޯ އަކުންނެވެ. އެ ފޮޓޯއާ އެކު އޭނާ ދޫކޮށްލީ ފުން މެސެޖުތަކެކެވެ.

ފެންނަ ފެނުމަށް އަލީފްގެ މަސައްކަތަކީ އާދައިގެ މަސައްކަތެއް ކަމަށް ބައެއް މީހުންނަށް ހީވެދާނެ އެވެ. އެކަމަކު އަލީފް ތައްޔާރުކުރި ފޮޓޯގަނޑުގައި މުޖުތަމައަށް ދޫކޮށްލާފައި އެވަނީ އޭނާ ފަދަ އެތައް ކުއްޖެއްގެ އިހްސާސްތަކެކެވެ. ވިސްނާ ފިކުރުކުރަންޖެހޭ ފަދަ ބޮޑެތި އެތައް މައްސަލަތަކެއް އެހުރީ ތިލަކޮށްފަ އެވެ. ތޮއްޖެހިފައިވާ މާލޭގައި ކޮންމެ ދުވަހަކު އަލީފް ތަހައްމަލު ކުރާ އުދަނގޫތައް އޭނާ އެވަނީ ހާމަކޮށްފަ އެވެ.

އަލީފް އަކީ މާލެއަށް އުފަން މާލޭގެ ޒުވާނެކެވެ. އަލީފްގެ "މަގޭ އުފަން ރަށް" އޭނާ ސިފަކުރީ މައްސަލަތަކުން ފުރިފައި އޮތް ތަނެއްގެ ގޮތުގަ އެވެ.

އިމާރާތްތަކަށް އަރާ ފޭބުމަށް އަލީފް ކޮންމެ ދުވަހަކު ކުރަންޖެހޭ ތަޖުރިބާ ބުނެދިނުމުގެ ގޮތުން އޭނާ ފާހަގަކުރި ފުރަތަމަ މައްސަލައަކީ "ލިފްޓް އަދި ރޭމްޕް ހުރި އުސް ތަންތަން މަދު،" ވުމުގެ މައްސަލަ އެކެވެ. ސެލިބްރަލް ޕަލްސީގެ އުދަގޫ ތަހައްމަލް ކުރަންޖެހޭ ކުއްޖެއްގެ ހައިސިއްޔަތުން ވީލްޗެއާގައި އިންނަންޖެހުމަކީ އަލީފް އަށް އުސް އިމާރާތްތަކަށް ނޭރެންޖެހޭ ސަބަބެއް ނޫނެވެ. ބޭނުންވަނީ އިމާރާތްތައް ހަދާއިރު އަލީފް ފަދަ ކުދިންނަށް އުސް އިމާރާތްތަކަށް އެރޭނެ ގޮތަށް ބިލްޑިން ކޯޑަށް ބަދަލުތަކެއް ގެނައުމެވެ.

ބައެއް އިމާރާތްތަކުގެ ދޮރުމަތީގައި ޕާކް ކުރުމަކީ މާލޭގައި ވަރަށް އާންމު ކަމެކެވެ. އަދި ބައެއް އިމާރާތްތަކުގެ ދޮރުމައްޗަށްވާ ގޮތަށް ރޭމްޕް ހަދާފައި ނުހުންނާތީ އަލީފް ފަދަ ކުދިންނަށް އިމާރާތްތަކަށް ނުވަދެވެ އެވެ. އެފަދަ ވަގުތުތަކުގައި އެތައް އިރަކު މަގުމަތީގައި ތިބެންޖެހުމަކީ އަލީފް ފަދަ ކުދިން އުފުލާ ވަރަށް ބޮޑު ތަކުލީފް އެކެވެ.

"ގިނަ ގްރައުންޑް ފްލޯރ ތަންތަނަށް ނުވަދެވޭ" އިމާރާތެއްގެ އެންމެ ތިރީގައި ދިރިއުޅޭ އަލީފް ގެއަށް ވަދެ ނިކުތުމުގައި ކޮންމެ ދުވަހަކު ކުރާ ތަޖުރިބާ ހިއްސާކޮށްފައިވާ މެސެޖުގައި ބުނެފައިވެ އެވެ.

މާލޭގެ މަގުތައް ކުދިވެފައި ވެހިކަލް ގިނަވުމުން އަލީފްފް ފަދަ ކުދިންނަށް ވީލްޗެެއާގައި ދިގުދަތުރުތައް ކުރުމަކީ އެއްގޮތަކަށްވެސް ރައްކާތެރިކަމެއް ނޫނެވެ. އެހެންވެ ދިގު ދަތުރެއް ކުރަންޖެހިއްޖެނަމަ އަރަންޖެހެނީ ޓެކްސީ އަށެވެ. ނަމަވެސް އަލީފްގެ ވީލްޗެއާ ޓެކްސީގެ ޑިކީއަށް ލައިދޭން ޑްރައިވަރުން ދެކޮޅު ހަދަ އެވެ.

އަލީފްގެ ފޮޓޯގައި "ޓެކްސީ ޑިކީއަށް ގޮނޑި ލައެއް ނުދޭ" ކަމަށް ބޮޑު އަކުރުން ޖަހަން އޭނާ ބޭނުންވީ ވީލްޗެއާ އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި ކުރަންޖެހޭ އުދަގޫ މަސައްކަތަށް ހަމަ ހަގީގަތުގައިވެސް ހައްލެއް ބޭނުންވާތީ އެވެ. ވީލްޗެއާގައި އުޅޭ ކުދިންނަށް އެ ކުދިންގެ ވީލްޗެއާ އުފުލޭނެ އުޅަނދުތަކެއް ހުރުމަކީ އެ ކުދިންވެސް ބާކީ ނުކުރާ ކަން ބުނެދިނުމުގެ ގޮތުން ކުރަންޖެހޭ ކަމެކެވެ.

މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ އަކީ އެންމެންނަށްވެސް ބޮޑުވެފައި އޮތް މައްސަލަ އެކެވެ. އެހެންކަމަށް ވާނަމަ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އޭނާގެ ވީލްޗެއާ މަގުމަތީގައި ބަހައްޓާލެވޭނެ ގޮތެއް ނެތުމަކީ އަދި މާބޮޑު ތަކްލީފަކަށް ވާނެ ކަމެކެވެ. އަލީފްގެ ވީލްޗެއާ މީގެ ދުވަސްކޮޅެއް ކުރިން ވަގަށް ނަގައިގެން ގެންދިޔައީ ވެސް ޕާކް ކޮށްފައި ހުއްޓަ އެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންނައް ހާއްސަ ޕާކިންޒޯންތަކަށް އިހުތިރާމް ކުޑަ" މި މާލޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިޓީ ކައުންސިލުން ހާއްސަކޮށްދީފައިވާ ޕާކިން ސްލޮޓްތަކުގައި އާންމުން ވެހިކަލް ބަހައްޓާ މައްސަލަ އަކީ ހައްލުކުރަންޖެހޭ ކަމެކެވެ. އަލީފްގެ ފޮޓޯގައި އާދޭހާ އެކު އެކަމަށް އެވަނީ އެދިފަ އެވެ.

މާލެ އާއި ގިނަ ރަށްތަކުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަދި ވަކިން ހާއްސަކޮށް ވީލްޗެއާގައި އުޅޭ ކުދިންނަށް "މަގުތަކުގައި ދުއްވަން އުނދަގޫ" ވުމަކީ އެފަދަ ކުދިން އަބަދާ އަބަދު ކުރާ ޝަކުވާ އެކެވެ. މާލޭގައި މަގުތަކުގައި ދުއްވަން އުދަގޫވުމަކީ އަހަރެމެންވެސް ކޮންމެ ދުވަހަކު ތަޖުރިބާކުރާ އުދަގޫ ދަތުރެކެވެ. އަލީފް ފަދަ ކުދިން މިއުދަގޫ ތަހައްމަލް ކުރާނެ ގޮތް އިހްސާސްވެސް ނުކުރެވޭނެ އެވެ.

އުމުރުން 28ގެ އަހަރުގެ އަލީފް އެދެނީ އޭނާގެ ފޮޓޯގައިވާ މަންޒަރު ކުލަކޮށްލަ ދިނުމަށް އެންމެންގެ އެހީތެރިކަމަށެވެ.