ލައިފްސްޓައިލް

ޕެރިސް އެއާޕޯޓެއްގައި ދިރިއުޅުނު މީހާ މަރުވެއްޖެ

ފްރާންސްގެ ޕެރިސްގެ ޝާލް ޑު ގޯލް އެއާޕޯޓު އަމިއްލަ ގެދޮރަށް ހަދައިގެން އެތަނުގައި ފާއިތުވީ 18 އަހަރު ދުވަހު ދިރިއުޅުނު އިރާނުގެ މީހާ މަރުވެއްޖެ އެވެ.

މެހްރާން ކަރީމީ ނަސޭރީ ނަމަކަށްކިޔާ 77 އަހަރުގެ މި މީހާ މަރުވީ ޓާމިނަލް 2އެފްގައި އިންދާ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ކަމަށް ޕެރިސް އެއާޕޯޓް އޮތޯރިޓީ އާ ހަވާލާދީ ފްރާންސްގެ ނޫހަކުން ބުނެފައި ވެއެވެ.

ނަސޭރީ އަށް ފަރުވާދިން މެޑިކަލް ޓީމުން ބުނެފައިވަނީ އޭނާގެ ފުރާނަ ސަލާމަތްކުރަން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެ އެންމެ ފަހުން މަރުވީ ކަމަށެވެ.

ސްޓީވަން ސްޕީލްބާގް 2004ގައި އުފެއްދި "ދަ ޓާމިނަލް" އަކީ ނަސޭރީގެ ހަޔާތުގެ ވާހަކައިން ނަގާފައިވާ ޚިޔާލުތަކަކަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. މި ފިލްމުގައި ޓޮމް ހޭންކްސް ކުޅެފައިވަނީ ވިކްޓާ ނަވޯސްކީ ކިޔާ މިފަދަ ގޮތެއް ދިމާވެފައިވާ މީހެއްގެ ރޯލެވެ.

ފިލްމުގައި ދައްކަނީ ވިކްޓާ އަކީ އިރުމަތީ ޔޫރަޕްގެ ގައުމެއްގެ މީހެއް ކަމަށެވެ. އަދި އޭނާ ތާށިވެފައި ހުރީ ނިއު ޔޯކްގެ ޖޯން އެފް ކެނެޑީ އެއާޕޯޓުގެ ޓާމިނަލެއްގައި ކަމަށެވެ. ފިލްމުގައި ދައްކާ ގޮތުން އެ މީހާ ޓާމިނަލްގައި ދިރިއުޅުނީ އެމެރިކާއަށް އެތެރެވާން ވިސާ ނުލިބި އަދި އަމިއްލަ ގައުމުގައި ސިފައިން ބަޣާވާތްކޮށްގެން އުޅޭތީ ގައުމަށް އެނބުރި ދެވެން ނެތިގެންނެވެ.

ނަސޭރީގެ އަތުން އޭނާގެ ހަޔާތުގެ ވާހަކައިގެ ރައިޓްސް ގަތުމަށް ސްޕީލްބާގްގެ ޑްރީމްވޯކްސް ޕްރޮޑަކްޝަން ކުންފުނިން 250،000 ޔޫއެސް ޑޮލަރު އޭނާއަށް ދިން ކަމަށް ވެއެވެ.

އެއާޕޯޓް ޓާމިނަލް 1ގައި ނަސޭރީ ވަނީ 1988 އިން 2006 އަށް ދިރިއުޅެފަ އެވެ. އެއާޕޯޓުގައި ފުރަތަމަ އޭނާ ދިރިއުޅެމުން ދިޔައީ ގާނޫނީ ގޮތުން އޭނާ ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތަކެއް ފުރިހަމަ ނުކުރެވިގެން ފްރާންސަށް އެތެރެ ނުވެވި އަދި އަމިއްލަ ގައުމަށް ވެސް ދެވޭނެ ގޮތެއް ނެތިގެންނެވެ. ނަމަވެސް ފަހުން މިކަންކަން ހައްލުވުމުން ވެސް އޭނާ ޓާމިނަލް ދޫނުކޮށް އެތަނުގައި އުޅުނީ އެކަމަށް އަމިއްލައަށް ބޭނުންވެގެންނެވެ.

އެއާޕޯޓުގައި ދިރިއުޅުނު 18 އަހަރު އޭނާ ނިދަނީ ޓާމިނަލް 1ގައި ހުރި ރަތްކުލައިގެ ބެންޗެއްގަ އެވެ. އެއާޕޯޓުގައި މަސައްކަތްކުރާ މީހުންނާ އެކުވެރިކަން ގާއިމުކޮށް ފެންވަރާ ހަދަނީ އެމީހުން ތިބޭ ތަންތަނަށް ވަދެ އެވެ. އަދި ދުވާލު ހަތަރު ދަމު އޭނާގެ ކަމަކީ އެއާޕޯޓަށް އައިސް ގޮސްވާ ދަތުރުވެރިން އުޅޭ ނޫޅޭ ގޮތް ބެލުމެވެ.

އެއާޕޯޓް ސްޓާފުން އޭނާއަށް ވަނަމަކަށް ކިޔަނީ "ލޯޑް އެލްފްރެޑް" އެވެ. އަދި ގިނަ އަހަރުތަކެއް އެއާޕޯޓުގައި ހޭދަކުރުމުގެ ސަބަބުން އެއާޕޯޓަށް އަންނަ ގިނަ ބަޔަކު އޭނާއަކީ ކުޑަވަރެއްގެ ސެލެބްރިޓީއެއްގެ ގޮތުގައި ބަލަ އެވެ.

"ކޮންމެވެސް ދުވަހަކުން އަހަރެން އެއާޕޯޓު ދޫކޮށް ދާނަން. އަހަރެން މި އިންތިޒާރުކުރަނީ ޕާސްޕޯޓް ނުވަތަ ޓްރާންސިޓް ވިސާ އަށް،" 1999 ގައި އެސޯސިއޭޓެޑް ޕްރެސް އަށް ދިން އިންޓަވިއު އެއްގައި ނަސޭރީ ބުނެފައި ވެއެވެ.

އޭރުވެސް ނަސޭރީ ހުރީ ވަރަށް ބަލިކަށިވެފަ އެވެ. ބޮލުގައި ހުރި ދިގު އިސްތަށިތައް ތުނިވެ ދެލޮލާއި ކޯ ތަންތަން ވެސް ވަޅުވަދެފަ އެވެ.

ނަސޭރީ އުފަންވީ އިރާނުގެ ސޮލައިމާންގައި 1945 ވަނަ އަހަރު އެވެ. އަމިއްލަ ގައުމުގެ ސިޔާސީ ކަންތައްތައް އޮތް ގޮތުން ފުރާނައަށް ނުރައްކާވެ، ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކުން ހިމާޔަތް ހޯދަން އޭނާ އެ ގައުމުތަކުގައި އެދުނެވެ. އެންމެފަހުން ބެލްޖިއަމްގެ ޔޫއެންއެޗްސީއާރް އިން އޭނާއަށް ރެފިއުޖީއެއްގެ ދަރަޖަ ދިނެވެ. ނަމަވެސް ނަސޭރީ ބުނެފައިވާ ގޮތުގައި އޭނާގެ ހުރިހާ ލިޔެކިޔުންތަކެއް ލާފައިވާ ބްރީފްކޭސް ޕެރިސްގެ ޓްރޭން ސްޓޭޝަނަކުން ވަގަށް ގެންދިޔައީ އެވެ. އޭނާގެ ރެފިއުޖީ ސެޓްފިކެޓް ވެސް އޮތީ އެ ބްރީފް ކޭހުގައި ކަމަށް ނަސޭރީ ބުނެފައި ވެއެވެ.

ފްރާންސް ފުލުހުން ފަހުން ނަސޭރީ ހައްޔަރުކުރި އެވެ. ނަމަވެސް އޭނާގެ އަތުގައި އެއްވެސް ރަސްމީ ލިޔުމެއް ނެތުމުން ޑިޕޯޓް ކުރެވޭނެ ގޮތެއް ނުވެ ރަށުތެރޭގައި އުޅެމުން ގޮސް ޕެރިސްގެ ޝާލް ޑު ގޯލް އެއާޕޯޓަށް 1988 ވަނަ އަހަރު އޭނާ ވަން ގޮތަށް އެތާގައި ގެދޮރު އަޅައިގެން އުޅެން ފެށީ އެވެ.

ޔޫރަޕްގެ އިމިގްރޭޝަން ގާނޫނު އޮތް ގޮތުން "ނޯ މޭންސް ލޭންޑް"ގައި ހުރި މީހެއްގެ ގޮތުގައި އެތައް އަހަރަކު އޭނާއަށް އެ އެއާޕޯޓުގައި ގާނޫނާ ޚިލާފު ނުވެ އުޅެވުނީ އެވެ.

އެއާޕޯޓުގައި އެތައް އަހަރަކު ދިރިއުޅުނުފަހުން ނަސޭރީއަށް ރެފިއުޖީއެއް ކަމުގެ ލިޔުންތައް ލިބުނެވެ. އެކަމާ އޭނާ ވަރަށް ހައިރާންވި އެވެ. އަދި އެއާޕޯޓުން ނުކުންނަން ޖެހިލުންވެ ބިރުގަތެވެ. އެހެންވެ ރެފިއުޖީއެއް ކަމުގެ ލިޔުންތައް ލިބުނުކަމަށް ސޮއިކުރަން އޭނާ ދެކޮޅުހަދައި އެއާޕޯޓުގައި އިތުރު އެތައް އަހަރެއް ހޭދަކުރީ އެވެ.

އެގޮތަށް އުޅެނިކޮށް 2006ގައި ވަރަށް ބޮޑަށް ބަލިވެގެން ނަސޭރީ ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާ ދެން ދިރިއުޅެނީ ޕެރިހުގެ ޝެލްޓާ އެއްގަ އެވެ. ނަމަވެސް މަރުވުމުގެ އެތައް ހަފުތާއެއް ކުރިން އަނެއްކާވެސް ނަސޭރީ ޕެރިހުގެ އެއާޕޯޓަށް ގޮސް އެތަނުގައި ދިރިއުޅެން ފެށީކަމަށް އެއާޕޯޓް އޮފިޝަލުން ބުނެފައި ވެއެވެ.

ނަސޭރީ މަރުވީ އެއާޕޯޓުގައި އިންދާ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.