ލައިފްސްޓައިލް

ޓާމިނަލެއްގައި 18 އަހަރު ދިރިއުޅުނު ނަސޭރީ މަރުވީވެސް އެތަނުގައި

ހޮލީވުޑް ތަރި ޓޮމް ހޭންކްސް 2004ގައި ކުޅުނު "ދަ ޓާމިނަލް"ގެ ވާހަކައަކީ އީރާނުގެ މެހްރާން ކަރީމީ ނަސޭރީއަށް ދިމާވި މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ.

ނަސޭރީ 1988ގައި ފްރާންސަށް ދިޔަ ނަމަވެސް އެގައުމުގެ ރޮސީ ޗާލްސް ޑި ގޯލް އެއާޕޯޓުން ބޭރަށް ނުކުމެވޭ ގޮތެއް އޭނާއަކަށް ނުވި އެވެ. ޑިޕްލޮމެޓިކް ހުރަސްތަކެއް ކުރިމަތިވެގެންނެވެ. ނަމަވެސް އެނބުރި އީރާނަށް ދާކަށް ވެސް އޭނާ ބޭނުމެއް ނުވި އެވެ. އަދި ވިސާ ނުލިބިގެން ފްރާންސަށް އެތެރެ ވެވޭނެ ގޮތެއްވެސް ނެތި އޭނާ އެއާޕޯޓުގައި ގެދޮރު އަޅައިގެން 1988 ވަނަ އަހަރުން ފެށިގެން އުޅެމުން ދިޔައީ އެތަނުގަ އެވެ.

އެއާޕޯޓުގައި ދިރިއުޅެމުން ނަސޭރީ ވަނީ ކޯޓަށް މި މައްސަލަ ހުށަހަޅައިގެން އެތައް އަހަރެއް ވަންދެން މިކަމާ ހަނގުރާމަކޮށްފަ އެވެ. އަދި 18 އަހަރު ފަހުން އޭނާ މި ކޭސް ކާމިޔާބުކޮށް ފްރާންސްގައި ދިރިއުޅުމުގެ ހުއްދަ ލިބި އެއާޕޯޓުން ނުކުމެގެން ދިޔަ އެވެ. ނަމަވެސް އޭގެ އެތައް އަހަރެއް ފަހުން ދާދި މިދާކަށް ދުވަހު އޭނާ ވަނީ އެއާޕޯޓަށް އެނބުރި ގޮސްފަ އެވެ.

އެއާޕޯޓް އޮފިޝަލުން ފްރާންސްގެ ނިއުސް އެޖެންސީއަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އެއާޕޯޓަށް އެނބުރި ދިޔަތާ މަދު ހަފުތާ ތަކެއް ތެރޭގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނަސޭރީ މި ދުނިޔެއަށް އަލްވަދާއު ކިޔާފައިވާ ކަމަށެވެ. މަރުވިއިރު ނަސޭރީގެ އުމުރަކީ 77 އަހަރެވެ.

ނަސޭރީ އުފަންވީ އިރާނުގެ ކުޒެސްތާން ޕްރޮވިންސްގައި 1945 ވަނަ އަހަރު އެވެ. އަދި ފަހުން އޭނާގެ މަންމަ ހޯދަން ޔޫރަޕަށް ދަތުރުކޮށްފައި ވެއެވެ. ނަސޭރީ ވަނީ 1973 ގައި އިންގްލެންޑަށް ގޮސް މަތީ ތައުލީމު ހާސިލުކޮށްފަ އެވެ. އަދި ޔޫރަޕްގެ އެކި ގައުމުތަކުގައި ވަރަށް ގިނައަހަރު ތަކެއްގައި ނަސޭރީ އުޅުނެވެ. ނަމަވެސް 1981ގައު އޭނާގެ ހުރިހާ ލިޔެކިޔުންތައް ގެއްލި ދަތުރު ކުރެވޭނެ މަގު ބަންދުވީ އެވެ.

އިމިގްރޭޝަނަށް ބޭނުންވާ ޑޮކިއުމަންޓްސްތައް ހަމަނުވާތީ ޖަރުމަނާއި ނެދަލެންޑްސް އިން އޭނާ ބޭރުކޮށްލުމުން ބެލްޖިއަމްގައިވެސް އަހަރު ތަކަކު ނަސޭރީ ދިރިއުޅުނެވެ. އަދި އެއަށްފަހު ފްރާންސަށް ދާން ނިންމައި އެ ގައުމަށް ދަތުރުކުރުމުން އެއާޕޯޓުގައި އޭނާ ތާށިވީ އެވެ.

ފްރާންސްގެ އެއާޕޯޓުގެ ޓްރާންސިޓް މީހުން ތިބޭ ބައިގައި ނަސޭރީ 18 އަހަރު ދުވަހު އުޅެފައި ވެއެވެ. މި ދުވަސްވަރު އޭނާގެ ކަމަކީ ނޫހާއި ފޮތް ކިއުމެވެ. އަދި ނޯޓްފޮތެއްގައި އޭނާގެ ހަޔާތުގެ ވާހަކަތައް ލިޔުމެވެ.

އެއާޕޯޓުގެ ބެންޗެއްގައި އިށީނދެގެން އޭނާ ހަތަރުދަމު އިންނައިރު ކައިރީގައި ޓްރޮލީއެއްގައި އޭނާގެ ފޮށިތައް ހުރެ އެވެ. މި 18 އަހަރު އޭނާ ދިރިއުޅުނީ އެއާޕޯޓް މުވައްޒަފުންދޭ ފުޑް ވައުޗަރުން ކާ އެއްޗެތި ހޯދައިގެންނާއި އެއާޕޯޓު މުވައްޒަފުންނާއި އެތަނަށް އަންނަ ދަތުރުވެރިން އޭނާގެ ހާލަށް ހަމްދަރުދީވެ ހަދިޔާކުރާ ފައިސާ އިން ކާއެއްޗެތި ގަނެގެން ކައިގެންނެވެ.

ނަސޭރީގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް އައީ ސްޓީވަން ސްޕީލްބާގް ޑައިރެކްޓްކުރި "ދަ ޓާމިނަލް" ރިލީޒްކުރުމުންނެވެ. ކެތެރީން ޒީޓާ-ޖޯންސް ބަތަލާގެ ބައި އަދާކުރި މި ފިލްމަށް 219 މިލިއަން ޑޮލަރު ލިބިފައި ވެއެވެ. އަދި ބެލުންތެރިންނާއި ކްރިޓިކްސްގެ ތައުރީފު އިންތިހާއަށް ލިބުނެވެ.