ލައިފްސްޓައިލް

ދިރިހުރިކަން ސާބިތު ކޮށްދޭން އުޅޭތާ ތިން އަހަރު!

ފްރާންސް އަންހެނަކު އެ ގައުމުގެ ލިޔޯންގެ ކޯޓަކަށް މި ދިޔަ ހޯމަ ދުވަހު ދިޔަ އެވެ. އޭނާ ދިރިހުރިކަން ފްރާންސް ސަރުކާރަށް ސާބިތުކޮށްދޭށެވެ. ފްރާންސްގެ ސަރުކާރުން މި މީހާގެ މައްސަލަ ބަލަމުންދާތާ ތިން އަހަރު ވެއްޖެ އެވެ. އަދިވެސް އެމީހާއަކި ދިރިހުރި މީހެއްކަން ކަނޑައެޅޭ ވަރެއް ނުވެ އެވެ. މި މީހާ މަރުވި ކަމަށް ކަނޑައަޅާފައިވަނީ އެކްސިޑެންޓަކުންނެވެ.

ފްރާންސްގެ ނޫހަކުން ބުނި ގޮތުގައި 58 އަހަރުގެ ޕޯޝެއިން ނަމަކަށް ކިޔާ މި އަންހެންމީހާ މަރުވިކަމަށް ފްރާންސްގެ ސަރުކާރުން ކަނޑައެޅުމާ ގުޅިގެން މި މީހާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނެވެ. ސަބަބަކީ ރަސްމީކޮށް އެމީހާ މަރުވިކަމަށް ނިންމުމުން އޭނާގެ އައިޑީ ކާޑާއި ޑްރައިވިން ލައިސަންސް ކެންސަލްވެ ބޭންކް އެކައުންޓްތައް ފްރީޒްގެ ހެލްތު އިންޝުއަރެންސް ވެސް ލިބުން ހުއްޓުނީމަ އެވެ.

ޕޯޝެއިން އަށް މިކަން ދިމާވީ ވަރަށް އާދަޔާޚިލާފު ކަންތައްތަކާ ގުޅިގެންނެވެ. ޕޯޝެއިން އަކީ ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރުވާ ކުންފުންޏެއް ހިންގި މީހެކެވެ. އޭނާގެ ކުންފުނީގައި މަސައްކަތްކުރި މީހަކު 2000 ވަނަ އަހަރު އޭނާ ވަޒީފާއިން ވަކިކުރި އެވެ.

ވަޒީފާއިން ވަކިކުރުމުން މި އަންހެންމީހާ ޕޯޝެއިންގެ ކްލީނިން ކޮމްޕެނީ ގޮވައިގެން ލޭބާ ޓްރައިބިއުނަލް އަށް ދިޔަ އެވެ. އަދި ނުގަވާއިދުން ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ އެ އަންހެންމީހާއަށް 17،000 ޔުއެސް ޑޮލަރު ދޭން ޓްރައިބިއުނަލް އިން ޕޯޝެއިން އަށް އަމުރު ކުރި އެވެ. ނަމަވެސް މި އަމުރަށް އަމަލުކޮށްފައެއް ނުވެ އެވެ. ސަބަބަކީ އެމީހާ ކަނޑާލީ ޕޯޝެއިން އަމިއްލައަށް ނޫންކަމަށް ވެފައި އެކަން ކުރީ އޭނާގެ ކުންފުނިން ކަމަށް ވާތީ އެވެ. އަދި އަމުރު ނެރެފައިއޮތީ ޕޯޝެއިންގެ މައްޗަށް ކަމަށް ވާތީ އެވެ.

އެމީހާ ދެން މަސައްކަތްކުރީ ސީދާ ޕޯޝެއިން ގޮވައިގެން ކޯޓަށް ދާށެވެ. އެގޮތުން 2009 ގައި އެމީހާ މި މައްސަލަ ކޯޓަށް ވެއްދި ނަމަވެސް މައްސަލަ ނިމުނީ ޕޯޝެއިން ކޮޅަށެވެ. އަނެއްކާ 2016 ގައި އަލުން އެ މައްސަލަ ކޯޓުގައި ބަލަން ފެށި އެވެ. އެ ފަހަރު މައްސަލަ ބެލި ފަނޑިޔާރު ކައިރީގައި ޕޯޝެއިން މަރުވެފައިވާ ކަމަށް ބުންޏެވެ. އެހެންވެ ޕޯޝެއިންގެ ފިރިމީހާ އާއި ދަރިފުޅަށް އެ މީހާއަށް ފައިސާ ދައްކަން ފަނޑިޔާރު އަމުރު ކުރި އެވެ.

ޕޯޝެއިން ގަބޫލުކުރާ ގޮތުގައި އޭނާގެ ކުންފުނީގައި މަސައްކަތްކުރި މީހާ ގަސްތުގައި އޮޅުވާލައިގެން އޭނާ މަރުވިކަމަށް ކޯޓުގައި ބުނި އެވެ. އެއީ ޕޯޝެއިންގެ އާއިލާއިން އެ ފައިސާ ހޯދުމަށް އެމީހާ ކުރި ކަމެއް ކަމަށް ޕޯޝެއިން ގަބޫލު ކުރެ އެވެ.

"ޕޯޝެއިން ގޮވައިގެން ކޯޓަށް ދިޔަ މީހާ ޕޯޝެއިން މަރުވީ ކަމަށް ކޯޓުގައި ބުނުމުން އެހެން އެއްވެސް މީހަކު އެއީ ތެދެއްތޯ ބަލާކަށް ނޫޅުނު. އެއްވެސް ހެއްކެއް ނެތި އެ އެންމެން ވެސް އެ ވާހަކަ ގަބޫލުކުރި. އެމީހާ ދެއްކި ވާހަކަ އެއީ ތެދެއްކަމަށް އެންމެން ވެސް ޔަގީންކުރި. ހަގިގަތުގައި ވެސް ޕޯޝެއިން މަރުވީތާ ޗެކް ކުރާކަށް އެކަކުވެސް މަސައްކަތެއް ނުކުރޭ،" ޕޯޝެއިންގެ ގާނޫނީ ވަކީލު ސިލްވެއިން ކޯމިއާ ބުންޏެވެ.

ޕޯޝެއިންގެ ކުންފުނީގައި މަސައްކަތްކުރި މީހާގެ ގާނޫނީވަކީލު ބުނަނީ މަރުވީކަމަށް ފައިސާ ނުދޭންވެގެން މަރުވީކަމަށް ހެދި އެމީހުން ފޮނުވި ގާނޫނީ އެއްވެސް ލިޔުމެއް ބަލައިނުގަނެ އެ އަށް ޖަވާބުނުދީ އުޅުނީ ޕޯޝެއިން ކަމަށެވެ. މިހާރު އޭނާއަށް ޖެހިގެން އުޅޭ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ޕޯޝެއިން އަމިއްލައަށް ކަމަށެވެ.

މިހާރު ޕޯޝެއިން ކޯޓަށް ހިނގަނީ އޭނާ މަރުވެފައިވާ ކަމަށް ކޯޓުން ނިންމާފައިވާތީ އެވެ. އަދި އޭނާގެ ކުންފުނީގައި މަސައްކަތްކުރި އަދި އޭނާއާ ދެކޮޅަށް ދައުވާކުރާ މީހާގެ ގާނޫނީ ވަކީލު ދައްކާ ވާޙަކަތައް ޕޯޝެއިން ދޮގުކުރެ އެވެ.

"ސްޓޭޓް އެޖެންސީން އަހަރެން ކައިރީ ބުނަނީ އަހަރެން މަރު ނުވާކަން ގަބޫލުކުރަމޭ. އެކަމަކު އަހަރެންނަކީ އަދި ދިރިހުރި މީހެއް ވެސް ނޫނޭ. އެމީހުންނަށް އުޅެނީ އަދި އަހަރެން ދިރިހުރި މީހަކަށް ނުހެދިގެން،" ނިއުސް އެޖެންސީއަކަށް ދިން އިންޓަވިއު އެއްގައި ޕޯޝެއިން ބުންޏެވެ.