ލައިފްސްޓައިލް

ތިން އަހަރު ކުއްޖަކު ދޮންނަ މެޝިނެއް ތެރޭ ތާށިވެ މަރުވެއްޖެ

ފްރާންސްގެ ޕެރިހުގައި ދިރިއުޅޭ އާއިލާއެއްގެ ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކު އެ އާއިލާ ދިރިއުޅޭ ގޭގައި ހުރި ދޮންނަ މެޝިން ތެރޭގައި ތާށިވެފައި އޮއްވާ ފެނިއްޖެ އެވެ.

ދޮންނަ މެޝިނުން ކުއްޖާ ނެގިއިރު މަރެއް ނުވެ އެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިތަނާހެން ވަނީ މަރުވެފަ އެވެ.

މި މަރު ތަހުގީގުކުރުމުގެ މަސައްކަތް ފްރާންސްގެ ކަމާ ބެހޭ އިދާރާތަކުން މިހާރު ވަނީ ފަށާފަ އެވެ.

މި ކުއްޖާގެ ބައްޕައާ ހަވާލާދީ ފްރާންސްގެ ނޫހަކުން ބުނެފައިވާ ގޮތުގައި ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އެމީހުންގެ އެހެން ދަރިއަކު ރޭގަނޑުގެ ކެއުން ކައި ނިމުނުއިރުވެސް ތިން އަހަރުގެ ކުއްޖާގެ ޚަބަރެއް ނުވެގެން އޭނާ ހޯދަން ފެށީ އެވެ.

އެމީހުން ހީކުރީ ކުއްޖާ ގޭތެރޭގައި އުޅޭ ކަމަށެވެ. ނަމަވެސް ކައި ނިމުނުއިރުވެސް ކުއްޖާގެ ޚަބަރެއް ނުވެގެން ކަންބޮޑުވާން ފެށީ އެވެ.

ވަގުތުން އެންމެންވެގެން ކުއްޖާ ހޯދުމުގެ މަސައްކަތް ފެށި އެވެ. އެމީހުން ދިރިއުޅޭ އެޕާޓްމަންޓާއި އަވަށްޓެރިންގެ ގޭގެއަށް ގޮސް ވެސް ކުއްޖާ ހޯދުމުގެ މަސައްކަތް ކުރި އެވެ.

ގޭގެ ދޮންނަ މެޝިން ތެރޭގައި ކުއްޖާ އޮވެދާނެ ކަމަކަށް ކުއްޖާގެ މައިންބަފައިންނަކަށް ކުޑަކޮށްވެސް ވިސްނައެއް ނުލެވުނެވެ. އެހެންވެ އެހެން ހުރިހާ ތަންތަނެއް ހޯދުމުގައި ވަރަށް ގިނަ ވަގުތު ފާއިތުވި އެވެ. އެންމެ ފަހުން ކުއްޖާ ދޮންނަ މެޝިން ތެރޭގައި އޮއްވާ ފެނުނުއިރު ރޭގަނޑު 10.30 ވެއްޖެ އެވެ.

އާއިލާއަށް ކުއްޖާ ފެނުނުއިރު އޭނާގެ ހާލު އޮތީ ވަރަށް ދެރަވެފަ އެވެ. ވަގުތުން އިމަޖެންސީ ސާވިސް އަށް ގުޅައިގެން ގެނެސް ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަތާ ގަޑިއެއްހާއިރު ތެރޭ ކުއްޖާ ވަނީ މަރުވެފަ އެވެ.

މިދިޔަ ހަފުތާގައި ތިންވަނަ އުފަން ދުވަސް ފާހަގަކުރި މި ކުއްޖާގެ ބައްޕަ ބުނި ގޮތުގައި އެމީހުންނަށް ދޮންނަ މެޝިން ތެރެ ބަލަން ނޭނގުނީ އޭގެ ދޮރު ލެއްޕިފައި ހުރީމަ އެވެ.

ދޮންނަ މެޝިންގެ ކަރަންޓް ހުރީ ނިއްވާލާފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ދޮންނަ މެޝިންގެ ދޮރު ރަނގަޅަށް ނުލެއްޕި ހުއްޓާ ގޮސް މި ކުއްޖާ މެޝިނަށް އެރުނީ ކަމަށް ބެލެވެ އެވެ. އަދި އޭގެ ދޮރު އޮޓޮމެޓިކުން ލެއްޕުނީ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.

ކުއްޖާ ހާލު ދެރަވީ މެޝިންގެ ދޮރު ލެއްޕުމުން އެ ހުޅުވޭނެ ގޮތެއް ނުވެ ނޭވާ ހާސްވެގެން ކަމަށާއި އޭނާގެ ހަށިގަނޑުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނެތް ކަމަށް ފްރާންސް ނޫސްތަކުން ބުނެފައި ވެއެވެ.

ފްރާންސްގެ ނޫހުން ބުނެފައިވާ ގޮތުގައި މި އާއިލާގައި އެއްބަނޑު އެއްބަފާ ފަސް ބެއިން ތިބެ އެވެ. މީގެ ތެރެއިން އެންމެ ހަގީ މަރުވި ކުއްޖާ އެވެ. މީގެ ތެރެއިން އެންމެ ދޮށީ ކުއްޖާއަށް 18 އަހަރެވެ. ދެން ތިބީ 16 އަހަރާއި ހަތް އަހަރާ ދެމެދުގެ ކުދިންނެވެ.

ރޭގަނޑުގެ ކެއުމަށް ދެމަފިރިން އިންސާފުކުރަމުން ދިޔައިރު އެމީހުންގެ ދަރިން ވީ ތަނެއް އެމީހުންނަށް ނޭނގޭ ކަމަށް ވެއެވެ.