ފްރާންސް

އިޒްރޭލުގެ ދިފާއުގައި ފަރަންސޭސިން ފޫގަޅާލައިފި

އިރާންގެ އަމަލުތަކުން ނުރައްކާވެފައިވާ ކަމަށް ބުނެ، ޔަހޫދީންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ފަރަންސޭސިވިލާތުން އީރާނާ ދެކޮޅަށް ތެދުވުމަށް ނިންމައިފި އެވެ.

ފަރަންސޭސިވިލާތުން ބުނެފައިވަނީ މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށް، އެ ގައުމުގެ އަސްކަރީ ވަސީލަތްތައް ރޭވިފައިވާ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ އީރާނުގެ ބާރުގަދަ އިސްލާމީ އިންގިލާބީ ލަޝްކަރު (އައިއާރްޖީސީ)އިން ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.

ނަމަވެސް ފާހަގަކޮށްލަން ޖެހޭ މުހިއްމު ކަމަކީ މެދުއިރުމަތީގެ މަސްރަޙު ހޫނުކޮށް، ސަރަޙައްދީ ހަނގުރާމައެއް ފެށުމަށް ކެތްމަދުވެފައިވަނީ ޔަހޫދީން ކަމެވެ. މިކަމުގެ އަޑީގައި ހުރީ ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ.

އައިއާރްޖީސީ އިން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވަނީ ފަލަސްތީނާއި ލުބްނާންގެ މުސްލިމުންނަށް ދެކޮޅަށ ްޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ޖަރީމާތަކާ ގުޅިގެންނެވެ.

ސަތޭކަ އަށްޑިހައެއްހާ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ޔަހޫދީ ފައުޖުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު، ބަދަލުގައި ދީފައިވާ ހަމަލާތައް ނިމުމަކަށް އައިސްފައިވާ ކަމަށް އީރާނުން ބުނެފައިވެ އެވެ. ނަމަވެސް ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެ، އިންޒާރު ދީފަ އެވެ. ފަރަންސޭސިވިލާތުން ވެސް މިހާރު ވަނީ އީރާނާ ދެކޮޅަށް ތެދުވެ، މެދުއިރުމައްޗަށް ސިފައިން ފޮނުވަން ފަށާފަ އެވެ.

ޔަހޫދީންގެ ނިރުބަވެރި އުދުވާންތަކާ ގުޅިގެން ހޫނުވަމުންދާ މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން ކުއްލި ބައްދަލުވުމެއް ބާއްވައި މަޝްވަރާ ކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ހުޅަނގުގެ ބާރުތަކުގެ އަމަލުތަކާ ގުޅިގެން މަސްރަޙު އިތުރަށް ގޯސްވެ، މެދުއިރުމަތީގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ މެދުއިރުމަތީގެ ގައުމުތަކުގައި ތިބި ހުޅަނގުގެ ގައުމުތަކުގެ ރައްޔިތުން ސައިޕްރަސް މަގުން އެނބުރި އަމިއްލަ ގައުމަށް ދިއުމުގެ ފުރުސަތުވސް ހުޅުވައިލާފައިވާ ކަމަށެވެ.

އީރާނާ ދެކޮޅަށް ޖަރުމަނުވިލާތުންވެސް ތެދުވާނެކަމުގެ އިޝާރާތެއް އެ ގައުމުން ދީފައިވެ އެވެ. އެ ގައުމުގެ ޗާންސެލާ އޯލާފް ޝޮލްޓްޒް ވިދާޅުވީ މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ފުރުސަތު އީރާންގެ ސަބަބުން އެބައޮތް" ކަމަށާއި، ކޮންމެ ހާލަތެއްގައިވެސް އެކަން ހުއްޓުވަންޖެހޭ ކަމުގަ އެވެ. އަދި، ޔަހޫދީންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އޭނާ އީރާނަށް ގޮވާލެއްވި އެވެ.