ދުނިޔެ

ފަރަންސޭސި ރައްޔިތުން އީރާނަށް ނޭރުމަށް އެ ގައުމުން އަންގައިފި

ފަރަންސޭސިވިލާތުގެ އެއްވެސް މީހަކު އީރާންގައި ހުރި ނަމަ އަދި އީރާން މެދުވެރިކޮށް އެހެން ގައުމަކަށް ދަތުރުކުރާނަމަ -- އީރާން ދޫކޮށް އަވަހަށް ފޭބުމަށް ފަރަންސޭސި ސަރުކާރުން އަންގައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާން މިހާރު އޮތީ އިޒުރޭލަށް ހަމަލާދިނުމަށް ތައްޔާރަށެވެ. މި ހާލަތުގައި އީރާނުން އިޒުރޭލަށް ހަމަލާދޭ މިޒާޖަށް ބަލައި -- އީރާނާއި އިޒުރޭލުގެ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނުމަކީ އެކަށީގެންވާ ކަމެކެވެ.

އީރާން އާއި އިޒުރޭލާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ އީރާންގެ އެއްވެސް ތަނެއް، ރައްކާތެރި ތަނަކަށް ނުވާނެ އެވެ. އީރާންގެ ކޮންމެ ތަނަކަށް ވެސް އިޒުރޭލާއި އަދި ޒަޔަނިސްޓުންނަށް މަދަދުވެރިވާ އެމެރިކާއިން ހަމަލާދީފާނެ އެވެ.

އެމެރިކާ މިހާރުވެސް އޮތީ އީރާނަށް ބޮމެއް ވައްޓާލާ ހިތުން ކެތްތެރިކަން ކޮޅުންލާފަ އެވެ. އެމެރިކާއިން އީރާނަށް ހަމަލާދޭނަމަ އެ ހަމަލާއެއް ފިސާރި ހަމަލާއަކަށް ވާނެ އެވެ.

އީރާނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ނުވަތަ ކިތަންމެ ގިޔަ ބަޔަކު މަރުވިޔަސް އެމެެރިކާއިން އެކަމާ އަޅައެއް ނުލާނެ އެވެ. އެކަމާ އަޅާލައި ކަމެއް ކުރެވޭ ވަރުގެ އެއްވެސް ބަޔަކު މި ދުނިޔޭގައި ނެތެވެ.

އަސްކަރީ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އީރާނުން އިޒުރޭލަށް ހަމަލާދޭނެ އެވެ. ހަމަލާދޭނެ ވަކި ގޮތެއް މި ހާލަތުގައި އީރާނުން ނުވަތަ މިހާލަތުގައި އޮތް އެއްވެސް ގައުމަކުން އާންމެއް ނުކުރާނެ އެވެ.

އީރާނުން ބުނާ ގޮތުން އިޒުރޭލު މިހާރު އޮތީ އެންމެ ފަހުގެ ރަތް ރޮންގު ހުރަސްކޮށްފަ އެވެ. އީރާންގެ ޝައުގުވެރިކަމާ ގުޅުން ހުރި އެތައް ތަނަކަށް އިޒުރޭލުން ހަމަލާދީ އަދި އީރާން ދެމިއޮތުމަށް ވަރަށް މުހިންމު ބަޔަކު ވަނީ މަރާފަ އެވެ.

އީރާންގެ މަދަދުވެރިކަމާ އެކު ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲގެ ކޮމާންޑަރުންތައް މަރައި އަދި ފަލަސްތީންގެ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ މަރާލުމަކީ އީރާނުން ބުނާ ގޮތުގައި އަޅާނުލައި ދޫކޮށްލެވޭ ވަރުގެ ކަންކަމެއް ނޫނެވެ.

ހަނިއްޔާ މަރާލީ އީރާންގެ ވެރިރަށުގައި ކަމަށް ވުމަކީ އިޒުރޭލުގެ ކިބައިން ބަދަލުހިފުން ވާޖިބުވާ ކަމެއް ކަމަށް އީރާންގެ ސަރުކާރުން އޮތީ ބުނެފަ އެވެ.

އީރާންގެ ދައުވަތަކަށް -- އާރައީސް ހުވައިކުރައްވާ ރަސްމިއްޔާތަށް ވަޑައިގެން އިސްމާއިލް ހަނިއްޔާ ތެހެރާންގައި ހުއްޓައި މަރާލުމަކީ އީރާންގެ މެހެމާނަކު މަރާލުން ކަމަށްވެސް އެ ގައުމުން އޮތީ ބުނެފަ އެވެ.