އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދޭތީ އެ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީން މިކަމަށް ގޮވާލާފައި މިވަނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރޮޒައިނާއާ ހިޔާލުތަފާތުވާ މަޖިލިސް މެންބަރުންނާއި އާންމު މެންބަރުންނަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާތީ އިންޒާރުތަކެއް ލިބިފައި ވަނިކޮށެވެ.
އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އުފެދޭ ހިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަނާ އިހްތިރާމާއެކު މުއާމަލާތްކުރުމަށާއި ވާދަވެރިކަމުގެ ތެރެއިން އަނެކާ ނުރައްކަލަށް ކުރިމަތިވާ ގޮތަށް އެއްވެސް ފަރާތަކުން މުއާމަލާތް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެހެން މީހަކަށް އަނިޔާވެރިވުމަށް ގޮވާލާ މިންވަރަށް ފުޅާކޮށް އޮތް މިނިވަންކަމެއް ނޫންކަން މިފުރުސަތުގައި އެންމެހައި ބޭފުޅުންނަށް ހަދަމަފުޅުކޮށް އަރުވަމެވެ." ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީއަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވާލައި، ޖިނާއި ކުށަކަށް އަރައިގަތުމަށް ހިތްވަރުދޭ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި ގާނޫނުއަސާސީން ލިބިފައިވާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ގާނޫނީ އިމުގެ ތެރެއިން ކަމަށް ގަބޫލުކުރާ ކަމަށްވެސް ބުންޏެވެ.
އަންހެނުން ސިޔާސީ ހަރަކާތަށް ނެރި، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމަކީ އެމްޑީޕީގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
"ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެންމެ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އަދި މިޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް އަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުމަކީ މިޕާޓީން ހަރުހައަޑުން ކުށްވެރިކުރާ ކަމަކެވެ. އަދި މިއީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހުރަސް އެޅިގެން ދާނެ ކަމެއް ކަމަށްވެސް މިޕާޓީން ދެކެމެވެ،" ބަޔާނުގައިވެ އެވެ.