ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ އަނިޔާތަކާއި ބެހޭގޮތުން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން ސިއްރު އަޑުއެހުންތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޖަލުތަކުގައި ހިނގާ އިންސާނީ ހައްގުތަކާއި ހިލާފު އަމަލުތަކާއި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާއި މައްސަލަތަކާއި ގުޅިގެން އަޑުއެހުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާނުލައި ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައި ކަމަށެވެ.
މިގޮތުން އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ މިފަދަ މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކުރުމުގެ ތެރޭގައި އަނިޔާވެރިކަމުގެ އަމަލެއް ހިނގާފައިވޭތޯ މި އަޑުއެހުންތަކުގައި ބަލާނެ އެވެ. އަދި މައްސަލަ ހުށަހަޅާފައިވާ ފަރާތުގެ އިތުރުން މިފަދަ އަނިޔާތައް ތަޖުރިބާކޮށްފައިވާ އެހެން ފަރާތްތަކަށް އަޑުއެހުންތަކުގައި ވާހަކަދެއްކުމުގަ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެ އޮފީހުން ބުނެ އެވެ.
ސިއްރު އަޑުއެހުންތަކުގައި ބަލާ މައްސަލަތަކުގައި ގަވައިދުތަކާއި ބައިނައްލަގުވާމީ މުއާހަދާތަކާއި އެއްގޮތަށް އަމަލުކޮށްފައިވޭތޯ ބަލައި، އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ދެއެވެ.
އެ އޮފީހުން ވަނީ މި އަޑުއެހުންތަކުގައި ބަޔާންދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދީފަ އެވެ.