ރާއްޖޭގެ ޖަލުތަކުގައި ކުރިން ހިންގާފައިވާ އަނިޔާގެ މައްސަލަތައް ބެލުމަށް ސިއްރު އަޑުއެހުންތަކެއް ކުރިއަށްބ ގެންދިއުމަށް އިންތިގާލީ އިންސާފުގެ އޮފީހުން ނިންމައިފި އެވެ.
އެ އޮފީހުން މައުލޫމާތުދޭ ގޮތުގައި މި އަޑުއެހުންތައް ކުރިއަށްދަނީ އާންމުކޮށް ހުޅުވާނުލާ ސިއްރު އަޑުއެހުންތަކެއްގެ ގޮތުގަ އެވެ.
މިގޮތުން އިންތިގާލީ އިންސާފުގެ އޮފީހުން މި އަޑުއެހުންތައް ކުރިއަށް ގެންދަނީ އެކަމަށް އިއުތިރާޒު ނުކުރާ މީހުންނާ ގުޅޭ މައްސަލަތަކުގަ އެވެ. އަދި މި އަޑުއެހުންތަކުގައި އަނިޔާ ލިބުނު ފަރާތްތަކުގެ އިތުރުން އެ ފަރާތްތަކުގެ އާއިލާ މެންބަރުންގެ ބަޔާންތައްވެސް ދަނީ ނަގަމުންނެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް ތަހުގީގުކުރެވޭނީ 1953 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު 17ގެ ނިޔަލަށް ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިންގާފައިވާ ކަމަށް ބުނެ ހުށަހެޅިފައިވާ އަނިޔާތަކުގެ މައްސަލަތަކެވެ.މީގެތެރޭގައި އިންސާނީ ހައްގުތަކާއި ހިލާފު އަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތައް ހިމެނެ އެވެ.
މީގެ އިތުރުން މިކަމާ ގުޅޭ އިތުރު އަޑުއެހުންތަކެއް މާލޭ ސިޓީގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އެކުލަވާލި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ލިބިދިން ގާނޫނީ މުއްދަތު މިދިޔަ ޑިސެމްބަރު މަހުގެ 17 އަށް ވަނީ ހަމަވެފަ އެވެ. ނަމަވެސް މި މުއްދަތު އެއް އަހަރަށް އިތުރުކުރުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފަ އެވެ.