ރައްޔިތުންގެ މަޖިލިސް

ޖީއެސްޓީ ބޮޑުކުރުމާ ދެކޮޅަށް އެމްޑީޕީގެ 14 މެންބަރުން

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރުމާ ދެކޮޅަށް އެމްޑީޕީގެ 14 މެންބަރުން ވޯޓު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުން ފާސްކުރީ 55 މެންބަރުންގެ ވޯޓުން ނެވެ. ދެކޮޅަށް 26 މެންބަރުން ވޯޓު ދެއްވި އެވެ.

ޕީއެންސީ އާއި ޕީޕީއެމްގެ އިތުރުން އެމްއެންޕީގެ މެންބަރުން ވަނީ ބިލު ފާސްކުރުމާއި ދެކޮޅަށް ހައްދަވާފަ އެވެ.

އެމްއެންޕީގެ މެންބަރުންގެ ތެރެއިން ބިލާއި ދެކޮޅަށް ވޯޓު ދެއްވީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.

ޕީއެންސީގެ މެންބަރުންގެ ތެރެއިން މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު އާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވޯޓު ދެއްވީ ބިލު ފާސްކުރުމާއި ދެކޮޅަށެވެ.

ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ބިލާއި ދެކޮޅަށް ވޯޓު ދެއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އާއި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫނު އެވެ.

ޓެކްސް ބޮޑުކުރުމާއި ދެކޮޅު ހެދި އެމްޑީޕީގެ މެންބަރުން

  • އިބްރާހީމް މުއިއްޒު - ހެންވޭރު އުތުރު
  • އަލީ އާޒިމް - މެދު ހެންވޭރު
  • ހަސަން ލަތީފު - ހެންވޭރު ހުޅަނގު
  • އީވާ އަބްދުﷲ - ގަލޮޅު އުތުރު
  • މުހައްމަދު ރަޝީދު - މައްޗަންގޮޅި އުތުރު
  • އިމްތިޔާޒު ފަހުމީ - މާފަންނު އުތުރު
  • އިބްރާހީމް ރަޝީދު - މާފަންނު މެދު
  • މުހައްމަދު ވަހީދު - އުނގޫފާރު
  • ހަސަން ޝިޔާން - ތޮއްޑޫ
  • ހަސަން އަފީފު - ވިލުފުށި
  • ހުސައިން ފިރުޝާން - މަޑަވެލި
  • އަހުމަދު ޒާހިރު - ގައްދޫ
  • އިލްޔާސް ލަބީބު - ހުޅުދޫ
  • އަހުމަދު ރަޝީދު - ހިތަދޫ މެދު

ކެންދޫ ދާއިރާގެ ޖޭޕީ މެންބަރު އަލީ ހުސައިން އާއި ތުލުސްދޫ ދާއިރާގެ އަމިއްލަ މެންބަރު އިބްރާހީމް ނައީމުވެސް ވޯޓު ދެއްވީ ބިލު ފާސްކުރުމާއި ދެކޮޅަށެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް އެ ބިލު ފާސްކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއްވެސް ނެރެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ވޯޓު ގަޑީގައި ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އެ ބިލަށް ވޯޓަށް ނާހާ އެމަނިކުފާނު ވަނީ މަޖިލިސް ނިންމަވާލައްވާފަ އެވެ. އެ ބިލްގެ ވާހަކަ ނަޝީދު ނުވެސް ދައްކަވަ އެވެ.

އިއްޔެގެ ޖަލްސާގައި ނަޝީދު ވޯޓަށް އެއްސެވީ ޗާގޮސްގެ މައްސަލައިގައި ދަނގެތި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމު ހުށަހެޅުއްވި ގަރާރަކަށް އެކަންޏެވެ. ޓެކްސް ބޮޑުކުރާ ބިލަށް އިސްކަން ނުދީ އެހެން މައްސަލައަކަށް ރައީސް ނަޝީދު ވޯޓަށް އެއްސެވުމުން ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް އިހްތިޖާޖުކުރައްވާ މަޖިލިސް ތަޅުމުގައި އަޑުގަދަ ކުރައްވާފަ އެވެ. ރައީސް ނަޝީދު އިއްޔެގެ މަޖިލިސް ނިންމަވާލެއްވީ މެންބަރުން އަޑުގަދަ ކުރައްވަމުން ގެންދަވަނިކޮށެވެ.

ޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ސަރުކާރު ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތަ އަށް ބޮޑު ކުރުމަށެވެ.

ބިލުގެ ކޮމިޓީ މަރުހަލާގައި މަޓީ، މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ޓެކްސް ބޮޑުކުރަން ދެކޮޅު ހަދާފަ އެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން އިސްލާހު ފާސްކުރީ 50 މެންބަރުންގެ ތާއީދާއެކު އެވެ. ކޮމިޓީގައި މިއިސްލާހު ފާސްކުރަން ދެކޮޅު ހެއްދެވީ 19 މެމްބަރުންނެވެ.