ކުޅިވަރު

ޓީމް ޕްރޮފައިލް: އިކުއެޑޯ

  • ފުޓްބޯޅައިގެ ތާރީހުގައި އިކުއެޑޯ އަށް ބައިނަލްއަގްވާމީ ތައްޓެއް ލިބިފައެއްނުވޭ
  • މިއީ އިކުއެޑޯ ވޯލްޑް ކަޕްގައި ވާދަކުރާ ހަތަރު ވަނަ ފަހަރު
  • ގްރޫޕުގައި ހިމެނެނީ ގަތަރު، ނެދަލެންޑްސް، ސެނެގޯލް

ޓީމުގެ ތާރީހް

މިއީ އިކުއެޑޯ ވޯލްޑް ކަޕްގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާއިރު އިކުއެޑޯ އޮތީ އެންމެ ފަހުގެ ރޭންކިންގެ 44 ވަނައިގަ އެވެ.

އިކުއެޑޯ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 2002 ވަނަ އަހަރު އެވެ. އޭގެފަހުން 2006 އަދި 2014 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނެވެ. މިދިޔަ 20 އަހަރުތެރޭ އިކުއެޑޯ އަށް ފުރުސަތު ނުލިބުނީ 2010 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުންނެވެ.

ވޯލްޑް ކަޕްގައި އިކުއެޑޯގެ އެންމެ ބޮޑު ކާމިޔާބީއަކީ 2006 ވަނަ އަހަރު ދެވަނަ ބުރަށް ދަތުރުކުރުމެވެ. އެފަހަރުގެ ގްރޫޕް ސްޓޭޖުގައި ކޮސްޓަ ރީކާ އާއި ޕޮލެންޑް ބަލިކުރި އެވެ. ދެވަނަ ބުރުގައި ކެޓީ އިންގްލެންޑް އަތުން 1-0 އިން ބަލިވެގެންނެވެ.
2002 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުން އެޓީމު ވަނީ ކަޓައިފަ އެވެ. ވޯލްޑް ކަޕްގައި ކުޅުނު 10 މެޗުގެ ތެރެއިން އެޓީމު ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ. އެއް މެޗު އެއްވަރު ކުރިއިރު ފަސް މެޗުން ވަނީ ބަލިވެފަ އެވެ.

އިކުއެޑޯ އަކީ ބައިނަލްއަގްވާމީ ވާދަވެރި އެއްވެސް މުބާރާތެއް ކާމިޔާބު ކުރެވިފައިވާ ޓީމެއް ނޫނެވެ. އެކަމަކު 1999 ވަނަ އަހަރު ކެނެޑާ ކަޕްގެ ނަމުގައި ބޭއްވި އެކުވެރިކަމުގެ މުބާރާތެއް އެޓީމު ކާމިޔާބުކުރި އެވެ. ސަރަހައްދީ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގައި 1939 އިން ފެށިގެން ވާދަކުރަމުން އަންނައިރު އެންމެ ބޮޑު ކާމިޔާބީއަކީ އެ މުބާރާތުގެ ހަތަރު ވަނަ ހޯދުމެވެ. ދެ ފަހަރު ހަތަރު ވަނަ ހޯދިއިރު އެންމެ ފަހުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އެޓީމު ކުޅުނެވެ. ކުއާޓާގައި ބަލިވީ ޗެމްޕިއަން އާޖެންޓީނާ އަތުންނެވެ.

މިފަހަރުގެ ވޯލްޑް ކަޕް ހުޅުވާ މެޗުގައި ގަތަރާ ދެކޮޅަށް ނުކުންނާނީ އިކުއެޑޯ އެވެ.

ކޮލިފައިވީ ކިހިނެއް؟

އިކުއެޑޯ ވޯލްޑް ކަޕުން ފުރުސަތު ހޯދީ ބްރެޒިލް، އާޖެންޓީނާ އަދި އުރުގުއޭގެ ފަހަތުން ހަތަރު ވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ކުޅުނު 18 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ ފަސް މެޗު އެއްވަރުކުރި އެވެ. ބަލިވީ ހަ މެޗުންނެވެ. 18 މެޗުގައި 27 ލަނޑު ޖެހިއިރު ބައިކޮޅަށް 19 ގޯލު ވަނީ ވަދެފަ އެވެ.

އިކުއެޑޯގެ ޓީމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ އެނާ ވެލެންސިއާ އެވެ. މީގެ އިތުރުން އަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ތެރެއިން މޮއިސެސް ކައިސީޑޯ އަކީ އެޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ.

މޮއިސެސް ކައިސީޑޯ

ކައިސީޑޯ އަކީ އުމުރުން 21 އަހަރުގައި ވެސް ގައުމީ ޒިންމާ ނެގޭ ފެންވަރުގެ މިޑްފީލްޑަރެކެވެ. 2020 ވަނަ އަހަރު ސީނިއާ ޓީމުން ފުރުސަތު ހޯދައި މިހާތަނަށް 25 މެޗު ވަނީ ކުޅެފަ އެވެ. މިފަހަރުގެ ކޮލިފައިންގެ 15 މެޗުގައި ކުޅެ ދެ ގޯލު ޖަހައި ހަތަރު ގޯލު ޖަހަން ކައިސީޑޯ ވަނީ މަގުފަހިކޮށްދީފަ އެވެ. އަދި، ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ސައުދީ އަރަބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކައިސީޑޯ ވަނީ ކުޅެފަ އެވެ.

ކައިސީޑޯ އަށް ގައުމީ ޓީމުގެ ފުރަތަމަ އެގާރަ ޔަގީންވުމުގެ މައިގަނޑު ސަބަބަބީ އިނގިރޭސި ކްލަބް ބްރައިޓަންގައި މި ސީޒަނުގައި ދައްކަމުން އަންނަ މޮޅު ކުޅުމެވެ. ލީގުގައި އެޓީމު ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނައިރު ސައިސީޑޯ ވަނީ ކުޅުނު ފުރަތަމަ 13 މެޗުގައި އެއް ގޯލު ޖަހައިފަ އެވެ. އިކުއެޑޯގައި ފުޓްބޯޅަ ކުޅުމަށް ފަހު ކައިސީޑޯ ބްރައިޓަން އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ.

އެނާ ވެލެންސިއާ

ވެލެންސިއާ އަކީ އިކުއެޑޯ ޓީމުގެ ކެޕްޓަނެވެ. 33 އަހަރުގެ ވެލެންސިއާ އަންނަނީ 2012 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުންނެވެ. ގައުމީ ޓީމަށް ކުޅުނު 74 މެޗުގައި ވެލެންސިއާ ވަނީ 35 ގޯލު ޖަހައިފަ އެވެ. އެގައުމުގެ އެއް ނަންބަރު ފޯވާޑް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ތިން ގޯލު ޖަހައިފަ އެވެ. އެއީ ސްވިޒަލެންޑް އަތުން ބަލިވި މެޗާއި ހޮންޑިއުރަސް އަތުން މޮޅުވި މެޗުގައި ޖެހި ދެ ގޯލެވެ.

ކުރިން ވެސްޓް ހޭމް ޔުނައިޓެޑާއި އެވަޓަން އަށް ކުޅުމަށް ފަހު ވެލެންސިއާ 2017 ވަނަ އަހަރު ބަދަލުވީ މެކްސިކޯގެ ޓީމަކަށެވެ. އޭގެފަހުން 2020 ވަނަ އަހަރު ފެނެބާޗޭ އަށް ބަދަލުވެ އެ ޓީމުގައި ގިނަ ގޯލުތަކެއް އަންނަނީ ޖަހަމުންނެވެ. ވޯލްޑް ކަޕަށް ނުކުންނައިރު އިކުއެޑޯގައި ގޯލު ޖަހާނެ ރަނގަޅު ފޯވާޑެއް ނެތުމާއެކު އެކަމުގެ ބޮޑު ޒިންމާ ނަގަން ޖެހިފައި އޮތީ ވެލެންސިއާ އަށެވެ.

ކޯޗު: ގުސްޓާވޯ އަލްފާރޯ

އާޖެންޓީނާ އަށް އުފަން ގުސްޓާވޯ އަލްފާރޯ އިކުއެޑޯއާ ހަވާލުވީ 2020 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ. އުމުރުން މިހާރު 60 އަހަރުގެ އަލްފާރޯގެ ކޯޗުކަމުގައި އިކުއެޑޯ ކުޅުނު 31 މެޗުގެ ތެރެއިން މޮޅުވީ 11 މެޗުންނެވެ. 12 މެޗު އެއްވަރުވިއިރު އަށް މެޗުން ބަލިވި އެވެ.
ގާތްގަނޑަކަށް ހަތަރު އަހަރު ދުވަހު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމަށް ފަހު އަލްފާރޯ ކުޅުން ހުއްޓާލީ ކޯޗިންގައި ކުރިއަށް ދިއުމަށެވެ. 1992 ވަނަ އަހަރުން ފެށިގެން އަލްފާރޯ އަންނަނީ ކޯޗުކަން ކުރަމުންނެވެ. އޭނާ ކޯޗުކޮށްދިން ޓީމުތަކުގެ ތެރޭގައި އަލް-އަހްލީ އާއި ބޮކާ ޖޫނިއާސް ފާހަގަކޮށްލެވެ އެވެ. ބޮކާ ޖޫނިއާސްއާ އެކު އާޖެންޓީނާގެ ލީގާއި އާޖެންޓީނާގެ ސުޕަ ކަޕް ކާމިޔާބުކުރި އެވެ. އިކުއެޑޯ އަކީ އަލްފާރޯ ކޯޗުކޮށްދޭ ފުރަތަމަ ގައުމީ ޓީމެވެ.