އެމެރިކާގައި މިމަހު އަށެއްގައި ފެށި މިޑްޓާމް އިލެކްޝަންގެ ވޯޓު ގުނައި އަދިވެސް ނުނިމެ އެވެ. އެހެން ނަމަވެސް، ހައުސް އޮފް ރެޕްރެޒެންޓެޓިވެސް -- ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ އަގުލަބިއްޔަތު ރިޕަބްލިކަނުން ހޯދައިފި އެވެ.
މަޖިލީހުގެ ތިރި ގޭގައި ހިމެނެނީ 435 ގޮނޑި އެވެ. މަޖިލީހުގެ މަތި ގޭގައި 100 ގޮނޑި އެވެ.
ތިރި ގޭގެ އަގުލަބިއްޔަތަކީ 218 އެވެ. ރިޕަބްލިކަނުން ވަނީ މި އަދަދަށް ގޮނޑި ކަށަވަރުކޮށްފަ އެވެ. ޑިމޮކްރެޓުންނަށް އަދި ލިބިފައި ވަނީ 211 ގޮނޑި އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ -- ސެނެޓްގެ އަގުލަބިއްޔަތު އޮތީ ޑިމޮކްރެޓުންނަށެވެ.
ވޯޓު ގުނާ މުޅިން ނިންމުމަށް އަދި ދުވަސްތަކެއް ނަގާނެ ކަމަށް އޮތީ ބެލެވިފަ އެވެ. ދެން ހުރީ ވޯޓުތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ފުރޮޅިގެން ދިޔަ ނަމަވެސް އެމެރިކާގައި 2024 ގައި އޮންނަ ރިޔާސީ އިންތިހާބާ ހަމައަށް ގާނޫނު ހަދާ މަޖިލީހުގައި ވާދަވެރިކަން ވަރަށް ބޮޑުވާނެ އެވެ.
ރިޕަބްލިކަން ޕާޓީން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ ރޭހަށް ނުކުންނަވާނެކަން މިހާރު އޮތީ އިއުލާން ކުރައްވާފަ އެވެ.
އެމެރިކާގެ ރައީސް މަގާމުގައި މިހާރު ހުންނެވި ޖޯ ބައިޑަން -- ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއް ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވެސް އޮތީ ވިދާޅުވެފަ އެވެ.
ގާނޫން ހަދާ މަޖިލީހުގެ އަގުލަބިއްޔަތު އިދިކޮޅު ޕާޓީއަކަށް ލިބުމުން އާދައިގެ ހާލަތްތަކުގައި މަސްރަހު ފުރޮޅިގެން ދެ އެވެ. އިދިކޮޅު މެމްބަރުންގެ މަސައްކަތަކަށް ވާނީ ސަރުކާރު ޒިންމާދާރު ކުރުވުމާއި ބޭނުންހާ ކަމެއް ކުރަން ފުރުސަތު ނުދިނުމެވެ.
މިޑްޓާމް އިލެކްޝަނަށް ފަހު މަޖިލީހަށް ހުށަހަޅަށް ޖޯ ބައިޑަންގެ ސަރުކާރުން ނިންމާފައި ހުރި ބިލްތަކަށް ބަހުސްކޮށް ފެއިލްކޮށްލުމުގެ ބާރު ރިޕަބްލިކަނުންނަށް އޮތުމުން ސަރުކާރުގެ ބަލިކަށިކަން އާންމުވެގެން ދާނެ އެވެ.
މި ގޮތުގައި ރިޕަބްލިކަނުން ބަލާނީ 2024ގައި -- ދެވަނަ ދައުރަކަށް ބައިޑަން ރައީސް ކަމަށް ހޮވުނު ނުދިނުމެވެ.