ކުޅިވަރު

އާޖެންޓީނާގެ ޓީމަށް ބަދަލުތަކެއް އަތުވެދާނެ: ސްކަލޯނީ

ވޯލްޑް ކަޕަށް ނަގާފައިވާ 26 ކުޅުންތެރިންގެ ސްކޮޑަށް ބަދަލުތަކެއް އަތުވެދާނެކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފި އެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން ޓީމުތަކުން ފީފާ އަށް އެންމެ ފުރަތަމަ ހުށަހެޅި 55 ކުޅުންތެރިންގެ ސްކޮޑެކެވެ. އޭގެފަހުން އެ އަދަދު 26 އަށް ކުޑަކޮށް ފައިނަލް ސްކޮޑް މިހާރު ވަނީ ހުށަހަޅައިފަ އެވެ. މުބާރާތުގައި ފުރަތަމަ މެޗު ކުޅުމުގެ އެއް ދުވަސް ކުރިން ކޮން ގައުމަކަށް ވެސް ސްކޮޑަށް ބަދަލު ގެނައުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެއީ ހާއްސަ ހާލަތެއް މެދުވެރިވެގެން ގެނެވޭނެ ބަދަލެކެވެ.

އާޖެންޓީނާގެ ކޯޗު މިހެން ބުނީ، އަންނަ އާދީއްތަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ކުރިން ރޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ފަހު ދިން އިންޓަވިއުއެއްގަ އެވެ. ޔޫއޭއީގައި ކުޅުނު އެ މެޗުން އާޖެންޓީނާ ވަނީ 5-0 އިން މޮޅުވެފަ އެވެ.

ސްކަލޯނީ ބުނީ ކުޅުންތެރިންގެ ފިޓްނެސް އޭނާ ބޭނުންވާ ވަރަށް ނުހުރެއްޖެ ނަމަ ޓީމަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"ކުދިކުދި މައްސަލަތައް އެބަހުރި. ލިސްޓަށް ބަދަލު ގެންނަން ދުވަސް އެބަ ލިބޭ. އޭގެކުރިން ބަދަލުތައް ގެނައުމުގެ ފުރުސަތު އެބައޮތް" ކޯޗު ބުންޏެވެ.

ރޭގެ މެޗުގައި އާޖެންޓީނާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހޫލިއަން އަލްވަރޭޒް އާއި އެންހެލް ޑި މާރިއާ، ލިއޮނެލް މެސީ އަދި ޔަކީން ކޮރޭއާ އެވެ. ޑި މާރިއާ ވަނީ ދެ ގޯލު ޖަހައި މެސީގެ ގޯލު ޖެހުމަށް އެހީތެރިވެފަ އެވެ.

މެޗުގައި ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދިންއިރު އަނިޔާ އަށް ފަހު ވޯލްޑް ކަޕް ސްކޮޑަށް ނެގި ޕައޮލޯ ޑިބާލާ ކުޅެފައެއްނުވެ އެވެ.

"ބައެއް ކުޅުންތެރިން މިއަދު ޓީމުގައި ނުހިމެނީ މެޗު ކުޅެވޭ ވަރަށް ފިޓް ނުވުމާއި އެއިން ކުޅުންތެރިއަކަށް އަނިޔާވުމުގެ ފުރުސަތު އޮވެދާނެތީ. އަހަރެންނަށް ޔަގީންކަން ނުދެވޭނެ އެކުޅުންތެރިން ތިބީ ފިޓްކޮށް ކަމަށް" ސްކަލޯނީ ބުންޏެވެ.

ކޯޗު ބުނީ ރޭ އާޖެންޓީނާ އިން ދެއްކީ ވޯލްޑް ކަޕް މެންޓަލިޓީ ކަމަށާއި ގަތަރަށް ޓީމު ދިޔައީ ވެސް އެ ޖޯޝުގައި ކަމަށެވެ.

ރޭގެ މެޗާ އެކު އާޖެންޓީނާ ވަނީ ބަލިނުވެ 36 މެޗު ހަމަކޮށްފަ އެވެ. ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް 37 މެޗާ އެކު އޮތީ އިޓަލީ އަތުގަ އެވެ. ވޯލްޑް ކަޕްގެ ފުރަތަމަ ދެ މެޗު ބަލިނުވެ ފަރުޖައްސާލައިފި ނަމަ އާޖެންޓީނާ އަށް އިޓަލީގެ ރެކޯޑް މުގުރާލެވޭނެ އެވެ.

ވޯލްޑް ކަޕްގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ގަޑިން ތިނެއް ޖަހާއިރު ނުކުންނަނީ ސައުދީ އަރަބިއާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މެކްސިކޯއާ ދެކޮޅަށް ކުޅޭއިރު ފަހު މެޗުގައި ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.