އެފްކޮންސް

69 މިލިއަން ދައްކަން ދިނީ 30 ދުވަސް

އިންޑިއާގެ އެފްކޮންސް ކުންފުނިން ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވިލިމާލެ ފަރުކައިރީގައި ހެދި ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން އެ ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް ފައިސާ ދެއްކުމަށް އެއްމަސް ދުވަސް ދީފި އެވެ.

ފައިސާ ދެއްކުމަށް 30 ދުވަސް ދީފައިވަނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ. ދުވަސް ގުނަނީ ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެފްކޮންސް ޖޫރިމަނާ ކުރަން ނިންމީ ގެއްލުން ލިބުނު ސަރަހައްދު ބަލަން އީޕީއޭއާއި އެފޮކޮންސްއިން ގުޅިގެން ކުރިއަށް ގެންދިޔަ ސާވޭއަށްފަހު ދެފަރާތުން ހުށަހެޅި ރިޕޯޓްތަކަށް ބެލުމަށްފަހު ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ތިލަމާލެ ބްރިޖް މަސައްކަތައް ގެންގުޅުނު އެފްކޮންސްގެ "ޔުވްރާޖް" ނަމަކަށް ކިޔާ ޕްލެޓްފޯމް ވިލިމާލެ ހުޅަނގުފަރާތު ފަރަށް އެރުމާ ގުޅިގެން 2،755 އަކަމީޓަރުގެ 2755 ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ތިލަމާލޭ ބްރިޖު އެޅުމަށް އެފްކޮންސް އިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުން ލިބުނު ގެއްލުން ދިރާސާކޮށް އީޕީއޭއިން ނެރުނު ރިޕޯޓު އެފްކޮން އިން ފުރަތަމަ ގަބޫލެއް ނުކުރެ އެވެ. އެހެންވެ އެފްކޮންސް އިން ވަނީ އެކުންފުނިން އަމިއްލަ އަށް ވެސް ރިޕޯޓެއް ތައްޔާރުކޮށް އީޕީއޭ އަށް ހުށަހަޅާފަ އެވެ.

އީޕީއޭ އިން އެފްކޮންސް ޖޫރިމަނާކޮށްފައި މިދަނީ ހާދިސާ ހިނގިތާ ތިންމަސް ވީއިރު ވެސް އެ ކުންފުންޏަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އީޕީއޭ އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ތިލަމާލެ ބްރިޖު އެޅުމަށް އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުން ކުރި ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެސްވި އެވެ. ޕްލެޓްފޯމް ފަރަށް އެރިތާ 11 ދުވަސް ފަހުން އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ޕްލެޓްފޯމް ނެގީ ޕްލެޓްފޯމް ފުންކުރުން ލަސްވެ އާންމުން ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށެވެ.

ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމުގެ ދިރާސާ އީޕީއޭ އިން ފެށީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އީޕީއޭ އިން އާންމުކުރި ފޮޓޯތަކުގައި ފަރުގައި ހެދިފައިވާ ބޮޑެތި ހަތަރު ވަޅުގަނޑު ފެނެ އެވެ. އީޕީއޭގެ ޓީމުގެ ބޭފުޅުން ލަފާކުރައްވާ ގޮތުގައި ފަރަށް ގެއްލުން ލިބިފައިވަނީ ޕްލެޓްފޯމުގެ ފައިތައް ނުވަތަ "އެންކާ ސްޕަޑް" ތަކުންނެވެ. ފަރުގައި ހެދިފައިވާ ވަޅުގަނޑުގެ ތެރެއިން އެއްވަޅުގަނޑު ފެންނަނީ މާބޮޑަށް ވެސް ފުންކޮށެވެ.