ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓް ފޯމް ފަރަށް އަރާފައިވާއިރު ފަރަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލަން ފަށައިފި އެވެ.
އެމްވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އިއްޔެގެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ދަނީ ބަލަމުންނެވެ. ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓް ފޯމް ފަރަށް އެރުމުން އެތަނަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯވެސް ދަނީ ބަލަމުންނެވެ.
އަދި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން އެކަން ހިނގާ ދިޔަ ގޮތް ވަރަށް ރަނގަޅަށް ބަަލާނެ ކަމަށް ވިދާޅުވިއެވެ. ބެލުންތަކަށް ފަހު ފިޔަވަޅު އަޅަން ޖެހޭނަމަ އެކަން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިއްޔެގެ ހާދިސާގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އެ މީހުންނަށް ވިލިމާލެ ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފައެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ޖުލައި ނިމުމުގެ ކުރިން މާލެ އާއި ވިލިމާލެ ބްރިޖުން ގުޅާލުމަށެވެ. އޭގެފަހުން ގުޅިފަޅާއި ތިލަފުށި ގުޅާލައި ބްރިޖުގެ މަސައްކަތް އެއްކޮށް ނިމޭނީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ރައީސް ސޯލިހް ކުރިން ވިދާޅުވެފައިވެ އެވެ. އެފްކޮންސް އިން ބުނާ ގޮތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާ 1200 އަށް ވުރެ ގިނަ މުވައްޒަފުން މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. މީގެތެރޭގައި 164 އިންޖިނިއަރުން ހިމެނޭ ކަމަށް ބުނެ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ވަގުތީ ސައިޓްތައްވެސް ގާއިމުކޮށްފައިވާއިރު ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް އޮކްޓޫބަރަށް ނިންމަން ދަނީ މަސައްކަތް ކުރަމުންނެވެ.