ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގެ ދަށުން ޑޯގް ސްކޮޑް -- ކުއްތާ ބޭނުންކޮށްގެން އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސް ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ އައްޑޫއާއި މާލޭގައި ފުލުހުންނާއި އެމްއެންޑީއެފުން ގުޅިގެން ހިންގަމުންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންގެ ދަށުން އައްޑޫގެ ބައެއް ތަންތަން ފާސްކުރަމުންދާ ކަމަށެވެ.
އައްޑޫއާއި މާލޭގައި މިހާރު ކުރިއަށްދާ މި އޮޕްރޭޝަނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ޓެރަރިޒަމް އެންޑް ވަޔަލެންޓް އެކްސްޓްރިމިޒަމް ޔުނިޓުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު އަހްމަދު ވިދާޅުވީ ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ބަޔަކު ހައްޔަރުކޮށް ޓެރަރިސްޓް ހަމަލާއެއް ފެއިލްކޮށްލާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ވަނީ އައްޑޫ ސިޓީ އާއި މާލޭގެ އިތުރުން ކ. ގުރައިދޫން 14 މީހުން ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކުރި މީހުންނަކީ އިސްލާމިކް ސްޓޭޓްއަށް ތާއީދުކުރާ ބައެއް ކަމަށާއި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ނުވަ މީހަކީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ކުރިންވެސް ހައްޔަރުކުރެވުނު ބައެއް ކަމަށްވެސް އުސްވަތު ވިދާޅުވި އެވެ.
މީގެ އިތުރުން މި މައްސަލަ އާއި ގުޅިގެން ކުރިން ބަލައި ފާސްކުރި ތަންތަނުން ގޮވާ ޒާތުގެ ތަކެތި ވެސް ވަނީ ފެނިފަ އެވެ.