ޓެރަރިޒަމް

ޓެރަރިސްޓް ހަމަލާއަކަށް އެހީވި ދިވެހިންތަކެއްގެ ބައެއް ތަކެތި އަތުލައިފި

ރާއްޖެއާއި އަވަށްޓެރި ގައުމެއްގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއަކަށް އެހީތެރިވި ދިވެހިންތަކަކާ ގުޅުންހުރި ބައެއް ތަންތަން ބަލައި ފާސްކޮށް ބައެއް ތަކެތި އަތުލައިފި އެވެ.

ދިވެހި ފުލުހުންގެ އިދާރާއިން މިރޭ ބުނީ 2017 ވަނަ އަހަރުގެ ފަހުކޮޅު ހަތަރު ދިވެއްސަކު ރާއްޖެއާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމުގެ ހަމަލާއެއް ދިނުމަށް ރާވައި، ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ތުހުމަތުކުރެވޭ ދިވެހިން ޓެރަރިޒަމް އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރކޮށްދީފައިވާ ކަމުގެ ހެކި އެކުވެރި ދެ ގައުމަކުން ކޮށްފައިވާ ތަހުގީގު ހާމަވެފައި ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

އެހެންވެ އެ ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި ހެކީގެ އަލީގައި ތިން ތަނެއް މިއަދު ބަލައި ފާސްކޮށް ތިން މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

މިމައްސަލަ ދިވެހި ފުލުހުން ތަހުގީގުކުރަމުންދާ ކަމަށްވެސް ބުނި ނަމަވެސް މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލައިގައި މައުލޫމާތު ފޯރުކޮށްދީފައިވާ ގައުމުތަކުގެ ތަހުގީގަށް ބޭނުންވާ އެހީތެރިކަން ދިވެހި ފުލުހުން ފޯރުކޮށްދެމުންދާ ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ބޭރުގެ ދެ ދައުލަތަކުން ތުހުމަތުކުރާ މީހުންނަކީ ޓެރަރިސްޓް ޖަމާއަތްތަކަށާއި ޓެރަރިސްޓުންނަށް ފައިސާގެ ގޮތުން އެހީތެރިވެދޭ ކަމުގެ ތުހުމަތުގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީޒް އޮފީސް އެންޑް ފޮރެއިން އެސެޓްސް (އޯފެކް) އިން ފިޔަވަޅު އަޅާފައިވާ ދިވެހިންގެ ތެރޭގައި ހިމެނޭ ބައެކެވެ.