ހަބަރު

ގާތީ ނަޝީދު އެނބުރި ރާއްޖެ ވަޑައިނުގެންނެވުން: ރިފާއު

ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާ ވަޑައިގެންނެވުމުގެ ކަންތައްތައް ކުރެއްވި ގޮތުން ބޭސްފަރުވާއަށް ފަހު އަނބުރާ ރާއްޖެއަށް ނައުމުގެ ވިސްނުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގެންގުޅުއްވާކަން އެނގޭ ކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިފާއު ވިދާޅުވީ ނަޝީދުގެ އަމަލުތައް ބައެއް ފަހަރު ހުންނަ ގޮތުން އެމަނިކުފާނަކީ ބުއްދި ހަމަނުޖެހޭ ބޭފުޅެއްކަން އެނގޭ ކަމަށެވެ.

"ރައީސް ނަޝީދަކީ ބުއްދި ހަމަޖެހޭ މީހެއް ނަމަ އެފަދަ ގޮތަކަށް އަމަލުތަކެއް ނުބަހައްޓަވާނެ. އެކަމަކު ސަރުކާރުން ނަޝީދުއާ ދޭތެރޭ ކަންތައް ކުރައްވަނީ ވަރަށް ރަނގަޅަށް،" ރިފާއު ވިދާޅުވި އެވެ.

ރިފާޢުގެ ވާހަކައިގައި ނަޝީދުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ ވެއެވެ. އަދި މީގެ އިތުރުން މިމަހުގެ 11 ވަނަ ދުވަހު ރައީސް ނަޝީދުގެ ފަރާތުން އެމަނިކުފާނުގެ ވަކީލު ޖެރާޑް ޖެންސަން ވައިޓް ހައުސް އަށް ހުށަހެޅުއްވި ޑޮކިއުމަންޓަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެގޮތުން އެ ޑޮކިއުމެންޓަކީ ސައްހަ އެއްޗެއް ނޫން ކަމާއި އެ ޑޮކިއުމެންޓް ތައްޔާރުކޮށްފައިވަނީ ހަމައެކަނި އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ލިޔެފައި ހުރި އެއްޗަކަށް ބަލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"އެމްޑީޕީއަށް ތާއީދުކުރާ ރާއްޖެ ޓީވީ އިން ލިޔާ ރިޕޯޓުތަކާއި، އިންޑިޕެންޑެންޓުން ލިޔާ ރިޕޯޓުތައް އަދި އެމްޑީޕީން ނެރޭ ނޫސް ބަޔާންތަކަށް ބަލައިގެން ނެރޭ ޑޮކިއުމަންޓެއްގައި ކޮން ސައްހަ ކަމެއްތޯ ހުންނާނީ. އެމެރިކާ ސަރުކާރަށްވެސް އެނގޭ މިއީ ސައްހަ ލިޔުމެއް ނޫންކަން. ރެފަރެންސް އަށް ބަލާފައި އެބޭފުޅުން މި ޑޮކިއުމަންޓު ނުއެއް ބަލާނެ. ފައިލް ކޮށްލާނީ" ރިފާއު ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި އައްޑު ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވަނީ އެމްޑީޕީއަށް އަދި ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވެސް ރައީސް ނަޝީދު އެނބުރި އަންނާނެ ކަމާމެދުވެސް ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރާނަން ނަޝީދު ދެން އެނބުރި އަންނާނެ ކަމަކަށް އައިމަ ނޫނީ،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.