- ވޯލްޑް ކަޕްގެ ތިން ފައިނަލުގައި ކުޅެ ބަލިވި
- މިއީ ވޯލްޑް ކަޕްގައި ނެދަލެންޑްސް ވާދަކުރާ 11 ވަނަ ފަހަރު
- ގްރޫޕުގައި ދެން ހިމެނެނީ ގަތަރު، އިކުއެޑޯ، ސެނެގޯލް
ޓީމް ޕްރޮފައިލް
ވޯލްޑް ކަޕްގައި މީގެ ކުރިން ކުޅުނު 10 މުބާރާތުގައި ނެދަލެންޑްސް ވަނީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ގޮސްފަ އެވެ. އެކަމަކު ދުނިޔޭގެ އެންމެ ޝަރަފްވެރި ތަށީގައި އަތްލުމުގެ ފުރުސަތެއް އެޓީމަށް އަދި ނުލިބެ އެވެ.
ނެދަލެންޑްސް ވޯލްޑް ކަޕްގައި އެންމެ ފުރަތަމަ ވާދަކުރީ 1934 ވަނަ އަހަރު އެވެ. އޭގެފަހުން 1938 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރުމަށް ފަހު ވޯލްޑް ކަޕަށް ކޮލިފައިނުވެ 36 އަހަރު ހޭދަވި އެވެ. އެނބުރި އައިސް ޖެހިޖެހިގެން ކުޅުނު ދެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށް ބަލިވީ އެވެ. ނުވަދިހައިގެ އަހަރުތަކުގެ ތިން ވޯލްޑް ކަޕްގައި ވާދަކޮށް އެންމެ ދުރަށް ދެވުނީ 1988 ވަނަ އަހަރު ހަތަރު ވަނަ އަށެވެ.
2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ފަހު ވަގުތު އެޓީމު ބަލިވި އެވެ. ސައުތު އެފްރިކާގައި 2014 ވަނަ އަހަރު އޮތް މުބާރާތުގެ ތިންވަނަ ނެދަލެންޑްސް ހޯދި އެވެ. އެކަމަކު އޭގެފަހުން ރަޝިއާގައި އޮތް ވޯލްޑް ކަޕަށް އެޓީމު ކޮލިފައިނުވެ އެވެ.
ވޯލްޑް ކަޕްގައި ނެދަލެންޑްސް ކުޅުނު 50 މެޗުގެ ތެރެއިން 27 މެޗުން ވަނީ މޮޅުވެފަ އެވެ. 12 މެޗު އެއްވަރުވިއިރު 11 މެޗުން ވަނީ ބަލިވެފަ އެވެ.
ނެދަލެންޑްސް އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1988 ވަނަ އަހަރު ޔޫރޯ ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމެވެ.
ކޮލިފައިވީ ކިހިނެއް؟
ނެދަލެންޑްސް ވަނީ ކޮލިފައިންގައި ހިމެނުނު ގްރޫޕުގެ އެއްވަނަ ހޯދާފަ އެވެ. ކުޅުނު 10 މެޗުގެ ނެދަލެންޑްސް ވަނީ ހަތް މެޗު ކާމިޔާބުކޮށްފަ އެވެ. ދެ މެޗު އެއްވަރުވިއިރު ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ރަށުން ބޭރުގައި ތުރުކީއާ ވާދަކުރި މެޗެވެ.
ފާހަގަކޮށްލެވޭ ކުޅުންތެރިން
ނެދަލެންޑްސް އަކީ މަޝްހޫރު ކުޅުންތެރިން ހިމެނޭ ޓީމެކެވެ. އެޓީމުގެ އެންމެ މަގްބޫލު ކުޅުންތެރިއަކީ ކެޕްޓަން ވާޖިލް ވެން ޑައިކް އެވެ. މެދުކެނޑުމަކަށް ފަހު ނެދަލެންޑްސް ވޯލްޑް ކަޕްގައި ވާދަކުރާއިރު ވެން ޑައިކް ހުރުމަކީ އެޓީމަށް ލިބޭ ހިތްވަރެކެވެ. މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަނިޔާގެ ސަބަބުން ވެން ޑައިކް އަށް ނުކުޅެވުނެވެ. ވެން ޑައިކްގެ އިތުރުން މެމްފިސް ޑިޕާއި އާއި ފްރޭންކި ޑި ޔޮން އަކީ އެޓީމުގެ މުހިއްމު ދެ ކުޅުންތެރިންނެވެ.
މެމްފިސް ޑިޕާއި
ބާސެލޯނާގައި ކުޅުމުގެ ފުރުސަތު އެކަށީގެންވާ ވަރަށް ނުލިބުނަސް ގައުމީ ޓީމުގައި ޑިޕާއި އަކީ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އެޓީމު މިފަހަރުގެ ވޯލްޑް ކަޕަށް ކުރި ދަތުރުގައި ޖެހި 12 ގޯލާ އެކު ޑިޕާއި ޔޫރަޕްގެ ލަނޑު ޗާޓުގެ އެއްވަނަ ހޯދި އެވެ. ޑިޕާއިއާ އެއްވަރަށް ކޮލިފައިންގައި ދެން ގޯލު ޖެހީ ހެރީ ކޭން އެވެ.
2013 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައި މިހާތަނަށް ކުޅުނު 81 މެޗުގައި ޑިޕާއި ވަނީ 42 ގޯލު ޖަހައިފަ އެވެ. ގައުމީ ޓީމު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ތިންވަނަ ހޯދިއިރު ޑިޕާއި ޓީމުގައި ހިމެނުނެވެ. އަދި މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ހަތަރު މެޗުގައި ޑިޕާއި ދެ ގޯލު ޖެހި އެވެ.
ފްރޭންކި ޑި ޔޮން
25 އަހަރުގެ ޑި ޔޮން އަކީ އެޓީމުގެ މެދުތެރޭގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. ޑި ޔޮންގެ ކުޅުން އެންމެ ބޮޑަށް ފާހަގަކުރެވުނީ 19-2018 ވަނަ ސީޒަނުގައި އަޔަކްސް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ކުރި ދަތުރުގަ އެވެ.
އެޓީމުގައި ދެއްކި މޮޅު ކުޅުމާ އެކު ޑި ޔޮންގެ ސޮއި ބާސެލޯނާ އިން ހޯދި އެވެ. ބާސެލޯނާގައި ހޭދަކުރި ފުރަތަމަ ތިން ސީޒަނުގައި ޑި ޔޮން ވަނީ ސްޕެނިޝް ލީގުގެ 98 މެޗުގައި ކުޅެ އަށް ގޯލު ޖަހައިފަ އެވެ.
2012 ވަނަ އަހަރުން ފެށިގެން ނެދަލެންޑްސްގެ ޔޫތު ޓީމުތަކުން ފުރުސަތު ހޯދައި ޑި ޔޮން ސީނިއާ ޓީމަށް ނެގީ 2018 ވަނަ އަހަރު އެވެ. ޑި ޔޮން ވަނީ މިހާތަނަށް ގައުމީ ޓީމަށް 45 މެޗު ކުޅެ އެއް ލަނޑު ޖަހައިފަ އެވެ.
ކޯޗު: ލުއީ ވެން ހާލް
ތިންވަނަ ފަހަރަށް ނެދަލެންޑްސްގެ ކޯޗުކަމާ ވެން ހާލް ހަވާލުވިފަހުން ކުޅުނު 15 މެޗުގައި އެޓީމު ބަލިވެފައެއްނުވެ އެވެ. 11 މެޗުން މޮޅުވިއިރު ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ދެހާހުގެ ކުރީކޮޅު ނެދަލެންޑްސް އަށް ކޯޗުކަން ކޮށްދިނުމަށް ފަހު ދެވަނަ ފަހަރަށް އެޓީމާ ހަވާލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ދެއަހަރު ފަހުން ވެން ހާލް ވަނީ 2014 ގެ ވޯލްޑް ކަޕްގެ ތިންވަނަ ނެދަލެންޑްސް އަށް ހޯދައިދީފަ އެވެ.
ވެން ހާލް ކޯޗުކޮށްދީފައިވާ ފާހަގަކޮށްލެވޭ ޓީމުތަކުގެ ތެރޭގައި އަޔަކްސް، ބާސެލޯނާ، ބަޔާން މިއުނިކް އަދި މެންޗެސްޓަރ ޔުނައިޓެޑް ހިމެނެ އެވެ.