ލައިފްސްޓައިލް

ފެންވަރަން ރަނގަޅީ ހެނދުނުތަ؟ ރޭގަނޑުތަ؟

ފެންވަރަން އެންމެ ރަނގަޅު ގަޑިއަކާ ބެހޭ ގޮތުން ބައެއް މީހުން ޚިޔާލު ތަފާތުވެ އެވެ. ތިމާ އަކީ ވަރަށް ފަތިހާ ހޭލާ މީހެއް ނަމަ ހެނދުނު ފެންވަރާލައިގެން ނޫނީ އޮފީހަށް ދާކަށް ބޭނުމެއް ނުވާނެ އެވެ. ނަމަވެސް ތިމާއަކީ ރޭގަނޑު ހަތަރުދަމު ހޭލާ އުޅޭ މީހެއްނަމަ ރޭގަނޑު ގަޑީގައި ފެންވަރަން އިސްކަން ދޭނެ އެވެ. ނަމަވެސް ފެން ވަރަށް އެންމެ ރަނގަޅީ ހެނދުނުތޯ ނޫނީ އެނޫން ކޮން ގަޑިއެއްތޯ އެއްވެސް މީހަކަށް ކަނޑައެޅިގެން ބުނާކަށް ނޭނގެ އެވެ.

ސައިންޓިފިކް ގޮތުން ބަލާއިރު ފެންވަރަށް އެންމެ ރަނގަޅީ ކޮން ގަޑިއެއް ހެއްޔެވެ؟ މިކަމާ ގުޅޭ ގޮތުން ސައިންސްވެރިންނަށް ވެސް ކަނޑައެޅިގެން ވަކި ގަޑިއެއް ބުނާކަށް ނޭނގެ އެވެ. ނިއު ޔޯކް ސިޓީގެ ކޮސްމެޓިކް ޑާމަޓޮލޮޖިސްޓް ޑރ. ޑެންޑީ އެންގެލްމަން ވިދާޅުވީ ފެންވަރާ ގަޑި ބިނާވާނީ އެމީހެއްގެ ލައިފްސްޓައިލްއާ ކަމަށެވެ.

ހެނދުނު ފެންވެރުމުގައާއި ރޭގަނޑު ފެންވެރުމުގައި ވެސް އެޑްވާންޓޭޖްތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. މިސާލަކަށް ދުވާލު ހަތަރުދަމު ބޭރުގައި އުޅެފައި ގެޔަށް އަންނަ މީހަކަށް ރޭގަނޑު ނިދުމުގެ ކުރިން ފެންވަރާލުން ވަރަށް މުހިއްމު ވާނެ އެވެ. އަދި ފައިދާ ވެސް ބޮޑުވާނެ އެވެ.

"ސާފުތާހިރުކަމުގެ ގޮތުން ބަލާއިރު ދުވާލު ހަތަރުދަމު ހަމުގައި ތަތްވެފައި ހުންނަ ހިރަފުހާއި ކުލައާއި ތެލާއި ޖަރާސީމުތައް ދޮވެ ސާފުކޮށްލެވޭނީ ރޭގަނޑު ނިދުމުގެ ކުރިން ފެންވަރާލީމަ،" ޑޮކްޓަރު ވިދާޅުވި އެވެ.

ނަމަވެސް ހެނދުނު ހޭލައިގެން ފެންވަރާލުމުން ލިބޭ ފައިދާ ވެސް ގިނަ ގުނަ އެވެ. ހެނދުނު ފެންވަރާލުމުން ނިދީގެ އަސަރުފިލައި ދެއެވެ. މީހާ ރަނގަޅަށް އެލާޓްވެ އާ ދުވަހަކަށް މަރުހަބާ ކިޔަން ހަށިގަނޑު މުޅިން ތައްޔާރުވެ އެވެ. އަދި ރޭގަނޑު ހަތަރުދަމު ހަމުގައި ތަތްވާ ހިރަފުހާއި ތެލާއި ޖަރާސީމު އަދި މަރުވެގެން ނެއްޓޭ ހަންތައް ދޮވެ ސާފު ކުރެވޭނީ ހެނދުނު ފެންވަރާލީމަ އެވެ. ޚާއްސަކޮށް އެނދުގައި އަޅާފައި އޮންނަ ބެޑްޝީޓާއި ރަޖާ ފަދަ ތަކެތި ގަވާއިދުން ދޮވެ ސާފު ނުކުރެވޭނަމަ އެވެ.

ހެނދުނު ފެންވަރާލުމުން މީހާއަށް ތާޒާކަން ލިބި ގައިން ދުވާ މީރު ވަސް ވެސް އިތުރުވެގެން ދެއެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި އޮށާޅަ އާއި ބިހި ނަގާތީ އުނދަގޫވާ މީހުންނަށް ރޭގަނޑު ގަވާއިދުން ފެންވަރާނަމަ މި މައްސަލަތައް ހައްލުކުރަން ފަސޭހަ ވާނެ އެވެ. މެންދުރުފަހު ފެންވެރުމުން ހަށިގަނޑާއި ސިކުނޑި ހަމަޖެހިލައި މުޅި ދުވަހު ލިބިފައިވާ ވަރުބަލިކަން ފިލުވާލަން އެހީތެރިވެ އެވެ.

ހެނދުނާއި ރޭގަނޑު ވެސް ފެންވެރުން ރަނގަޅުނަމަ މި ދެ ގަޑީގައި ފެންވެރުން މާރަނގަޅުވާނެ ނޫން ހެއްޔެވެ؟ ޑޮކްޓަރު ވިދާޅުވީ އެކި މީހުންގެ ގައިގެ ހަންގަނޑު ތަފާތު ވާނެތީ އެކި މީހުންނަށް މިކަމުން އެކި ކަހަލަ ގޮތްތައް ދިމާވާނެ ކަމަށެވެ. ބައެއް މީހުންނަށް މިއީ ރަނގަޅު ކަމަކަށް ވިޔަސް އަނެއް ބަޔަކަށް މިހާ ގިނައިން ހަންގަނޑު ދޮވުމުން ގެއްލުން ވެސް ވެދާނެ އެވެ.

"މާ އަވަސް އަވަހަށް ފެންވެރުމަކީ ގައިގެ ހަންގަނޑު ޑްރައި ވާނެކަމެއް. އަދި ބޮލަށް ފެން އަޅާނަމަ އިސްތަށިގަނޑު ވެސް ކުރަކިވާނެ. ޚާއްސަކޮށް ހޫނުފެނުން ފެންވަރާނަމަ. އެހެންވީމަ ރަނގަޅީ ދުވާލަކު އެއް ފަހަރު ފެންވެރުން. ޚާއްސަކޮށް އެގްޒީމާ ކަހަލަ ހަމުގެ މައްސަލަތައް ހުންނަނަމަ،" ޑޮކްޓަރު ވިދާޅުވި އެވެ.

ކަސްރަތު ކުރުން ފަދަ ކަމަކުން މާބޮޑަށް ދާހިތްލާނަމަ ނުވަތަ ހިރަފުހާއި ކިލާ ގައިގައި އުނގުޅޭ ކަހަލަ މަސައްކަތްތައް ކުރާ މީހުން ދުވާލަކު ދެއިރު ފެންވެރުން އެންމެ ރަނގަޅުކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ނަމަވެސް ފެންވަރާ ވަގުތާއި ފެނުގެ ޓެމްޕްރޭޗާ އަށް ބަލަން ޖެހޭނެ އެވެ.

"ފެންވަރަން ހޭދަކުރާ ވަގުތުކޮޅު މަދުކޮށްލާ. ވީހާވެސް އަވަހަށް ފެންވަރާލައިގެން ގައި ހިއްކާލެވޭނެ ގޮތެއް ބެލުން ރަނގަޅު. އަދި ތާފަނާ ފެނުން ފެންވެރުން ރަނގަޅު. ފެންވަރާ ނިމިގެން މޫނާއި ގައިގައި މޮއިސްޗަރައިޒާއެއް އުނގުޅުން މުހިއްމު. އެންމެ ރަނގަޅީ ފެންވަރާ ނިންމާލާގޮތަށް ހަންގަނޑު ތެތްކޮށް ހުއްޓައި މޮއިސްޗަރައިޒާ އުނގުޅުން،" ޑޮކްޓަރު އިތުރަށް ވިދާޅުވި އެވެ.

ރޭގަނޑު ފެންވެރުމަކީ ރަނގަޅު ކަމަކަށް ވިޔަސް ރޭގަނޑު ބޮލަށް ފެންއަޅައިގެން ފެންވަރައިގެން އިސްތަށިގަނޑު ނުހިއްކާ ނިދުމަކީ ގެއްލުން ހުރި ކަމެކެވެ. ބާލީހުގައި ބޯ އަޅާލުމުގެ ކުރިން އިސްތަށިގަނޑު ރަނގަޅަށް ހިކިފައި ހުރިތޯ ޔަގީންކުރަން ޖެހޭނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އިސްތަށިގަނޑު ތެތްކޮށް ބާއްވައިގެން ނިދާނަމަ ވަރަށް ބޮޑަށް އިސްތަށިތައް ހަލާކުވާނެ އެވެ. އަދި ބޮލުގެ ނާށިގަނޑުގައި ބެކްޓީރިއާ އަށަގަނެ ބޯ ހިރުވައި ކަހާ ގޮތްގޮތް ދިމާވެ އެވެ.