ކުޅިވަރު

ޓީމް ޕްރޮފައިލް: ސެނެގޯލް

  • ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރު ވާދަކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރި
  • މިއީ ސެނެގޯލް ވޯލްޑް ކަޕްގައި ކުޅޭ ތިންވަނަ ފަހަރު
  • ގްރޫޕުގައި ދެން ހިމެނެނީ ގަތަރު، ނެދަލެންޑްސް، އިކުއެޑޯ

ޓީމް ޕްރޮފައިލް

ވޯލްޑް ކަޕްގެ ތާރީހުގައި 1930 އިން ފެށިގެން 1960 ވަނަ އަހަރާ ހަމައަށް ސެނެގޯލް އޮތީ ފްރާންސްގެ ބައެއްގެ ގޮތުގަ އެވެ. ފްރާންސްގެ ކިބައިން މިނިވަންވެ ސެނެގޯލް ފުރަތަމަ މެޗެއް ކުޅުނީ 1961 ވަނަ އަހަރު އެވެ. އެގައުމު ވޯލްޑް ކަޕް ކޮލިފައިންގައި ފުރަތަމަ ފަހަރަށް ވާދަކުރީ 1970 ވަނަ އަހަރު އޮތް މުބާރާތުގަ އެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސެނެގޯލް ވަނީ ގަދަފަދަ ފްރާންސް ބަލިކޮށް ސިހުން ގެނުވައިފަ އެވެ. އޭގެފަހުން ގްރޫޕް ސްޓޭޖުގައި އުރުގުއޭ އާއި ޑެންމާކްއާ އެއްވަރުކޮށް ދެވަނަ ބުރަށް ދަތުރުކުރި އެވެ. ކުއާޓާ ފައިނަލުން އެޓީމު ފުރުސަތު ހޯދީ ދެވަނަ ބުރުގައި ސްވިޑެން ބަލިކޮށްގެންނެވެ. ތާރީހީ ވޯލްޑް ކަޕުން އެޓީމު ކެޓީ ކުއާޓާ ފައިނަލުގައި ތުރުކީ އަތުން ބަލިވުމުންނެވެ.
ފުރަތަމަ ވޯލްޑް ކަޕަށް ފަހު 2006، 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެޓީމު ކޮލިފައިނުވެ އެވެ. 2018 ވަނަ އަހަރު ރަޝިއާގައި އޮތް މުބާރާތުގައި ވާދަކޮށް ގްރޫޕް ސްޓޭޖުން ކެޓީ އެވެ.

1965 އިން ފެށިގެން ސެނެގޯލް އަންނަނީ އެފްރިކާގެ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. ވޯލްޑް ކަޕަށް ނުކުންނައިރު ސެނެގޯލް އަކީ އެންމެ ފަހުން ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަން އެވެ. އެއީ 1965 ވަނަ އަހަރު އެފްރިކާ ކަޕްގައި ވާދަކުރަން ފެށިފަހުން އެޓީމަށް ލިބުނު ފުރަތަމަ ތައްޓެވެ.

ކޮލިފައިވީ ކިހިނެއް؟

އެފްރިކާ ސަރަހައްދުގެ ކޮލިފައިން ގްރޫޕުގައި ސެނެގޯލް ވަނީ މެޗަކުން ބަލިނުވެ އެއްވަނަ ހޯދާފަ އެވެ. ގްރޫޕް މެޗުތަކުގެ ތެރެއިން ފަސް މެޗު ކާމިޔާބު ކުރިއިރު އެއްވަރުވީ އެއް މެޗެވެ. ތިންވަނަ ބުރުގައި ކުޅުނު ދެ ލެގުގެ ޕްލޭއޮފްގައި ސެނެގޯލް ލައްވާލީ މިސްރާ އެވެ. ފުރަތަމަ ލެގް ރަށުން ބޭރުގައި 1-0 އިން ބަލިވިއިރު ދެވަނަ ލެގް އަމިއްލަ ދަނޑުގައި 0-1 އިން ކާމިޔާބު ކުރި އެވެ. ވޯލްޑް ކަޕްގެ ޖާގައެއް ސެނެގޯލް ކަށަވަރުކުރީ އެގްރިގޭޓް ނަތީޖާ އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 3-1 އިން މިސްރު ބަލިކޮށްގެންނެވެ.

މުހިއްމު ކުޅުންތެރިން

ސެނެގޯލް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ކެޕްޓަން ސަޑިއޯ މާނޭ އެވެ. އެކަމަކު އަނިޔާގެ ސަބަބުން މިފަހަރުގެ ވޯލްޑް ކަޕް މާނޭ އަށް ވަނީ ގެއްލިފަ އެވެ. މާނޭ އަށް އަނިޔާވީ މި މަހުގެ އަށް ވަނަ ދުވަހު ޖަރުމަނު ލީގުގައި ބަޔާން މިއުނިކުން ވާޑަ ބްރެމަންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެންމެ ފުރަތަމަ ބެލެވުނީ މާނޭ އަށް ގެއްލޭނީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ކަމަށެވެ. އެކަމަކު އޮޕަރޭޝަނެއް ކުރަން ޖެހި ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. މާނޭ ނެތުމަކީ ސެނެގޯލަށް ފޫ ނުބެއްދޭނެ ވަރުގެ ގެއްލުމެކެވެ. މާނޭގެ އިތުރުން އެޓީމުގެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ކަލިދޫ ކުލިބަލީ އާއި ގޯލްކީޕަރު އެޑުއާޑް މެންޑީ ހިމެނެ އެވެ.

އެޑުއާޑް މެންޑީ

ސެނެގޯލް ޓީމު ހޯދަމުން އަންނަ ކާމިޔާބީގެ ފަހަތުގައި ހުރި އެއް ކުޅުންތެރިއަކީ 30 އަހަރުގެ ގޯލްކީޕަރު މެންޑީ އެވެ. ފުޓްބޯޅައިން ކުރިއަށް ދިއުމުގެ ދޮރު ބަންދުވި ނަމަވެސް މެންޑީގެ ކުޅުން ފާހަގަވެ 2020 ވަނަ އަހަރު ޗެލްސީ އިން އޭނާގެ ސޮއި ހޯދި އެވެ.

ޗެލްސީ އިން ލިބުނު ފުރުސަތުގެ ބޭނުންހިފައި މެންޑީ ވަނީ ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުންގެ ލިސްޓުން ޖާގަ ހޯދާފަ އެވެ. ޗެލްސީއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް 2021 ވަނަ އަހަރު ފީފާ އިން ހޮވި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް މެންޑީ ހޯދި އެވެ. އަދި ސެނެގޯލް އިން އެފްރިކަން ކަޕް ކާމިޔާބު ކުރިއިރު މެންޑީ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަގާމް ހޯދާފަ އެވެ.

މެންޑީ ގައުމީ ޓީމަށް ކުޅެން ފެށީ 2018 ވަނަ އަހަރު އެވެ. މިހާތަނަށް މެންޑީ ވަނީ ގައުމީ ޓީމާ އެކު 25 މެޗު ކުޅެފަ އެވެ.

ކަލިދޫ ކުލިބަލީ

ފްރާންސްގެ 20 އަހަރުން ދަށުގެ ޓީމަށް ކުޅުމަށް ފަހު ކުލިބަލީ ސެނެގޯލް އަށް ރަށްވެހިކަން ބަދަލުކުރީ 2015 ވަނަ އަހަރު އެވެ. 2015 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައި ކުލިބަލީ ވަނީ 64 މެޗު ކުޅެފަ އެވެ. އެންމެ ފަހުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރިއިރު ޑިފެންސްގައި ކުލިބަލީ މޮޅު ކުޅުމެއް ދެއްކި އެވެ.

ކުލިބަލީގެ ކުޅުން އެންމެ ބޮޑަށް ފާހަގަކުރެވުނީ އިޓަލީގެ ނަޕޯލީގައި ހޭދަކުރި މުއްދަތުގަ އެވެ. ނަޕޯލީގައި އަށް ސީޒަން ހޭދަކުރުމަށް ފަހު ކުލިބަލީ މިއަހަރު ބަދަލުވީ ޗެލްސީ އަށެވެ. ކުލިބަލީ އަކީ އިދިކޮޅު ޑިފެންޑަރުން ޖެހިލުންވާ މޮޅަށް ޑިފެންސް ކުރާ ކުޅުންތެރިއެކެވެ.

ކޯޗު: އަލިއޫ ސީސޭ

2002 ވަނަ އަހަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު ސެނެގޯލް ޓީމުގެ ކެޕްޓަނަކީ ސީސޭ އެވެ. އޭގެފަހުން ސީސޭގެ އެހީތެރިކަމާ އެކު ހަމަ އެއަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި އެޓީމު ކުޅުނެވެ. އެފަހަރު ފައިނަލުން ބަލިވިޔަސް ކޯޗެއްގެ ގޮތުގައި ނުކުމެ ސެނެގޯލަށް ސަރަހައްދީ މުބާރާތް ސީސޭ ކާމިޔާބުކޮށްދިނެވެ.

ސީސޭގެ ކޯޗުކަމުގައި ސެނެގޯލް ކުޅުނު 143 މެޗުގެ ތެރެއިން 100 މެޗު ކާމިޔާބުކުރި އެވެ. 26 މެޗު އެއްވަރުވިއިރު ބަލިވީ 17 މެޗުންނެވެ.