ކުޅިވަރު

ކޭން: ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ތައްޓާ ގާތަށް

ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް މުޅި އިންގްލެންޑް އެންމެ ބޮޑަށް ބަރޯސާވާ ކުޅުންތެރިއަކީ ކެޕްޓަން ހެރީ ކޭން އެވެ. ކޭން ވަނީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އިންގްލެންޑް ގެންގޮސްދީ އެ މުބާރާތުގައި ހަ ލަނޑު ޖަހައި ރަން ބޫޓު ހޯދައިފަ އެވެ.

ގައުމީ ޓީމަށް ކުޅުނު 75 މެޗުގައި 51 ގޯލު ޖަހާފައިވާއިރު ގައުމީ ޓީމުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދަން ކޭން އަށް ބޭނުންވަނީ ބާކީ ތިން ލަނޑެވެ. މިވަގުތު އެ ލިސްޓުގެ އެއްވަނައިގައި އޮތީ 53 ލަނޑު ޖަހާފައިވާ ކުރީގެ ފޯވާޑް ވޭން ރޫނީ އެވެ.

ކޭން އަކީ ފަހުގެ ތާރީހެއްގައި އިންގްލެންޑުގައި އުފެދުނު އެންމެ މޮޅު ފޯވާޑެވެ. ގައުމީ ޓީމާ އެކު ކޭން ވަނީ ޔޫރޯގެ ދެ މުބާރާތާއި އެއް ވޯލްޑް ކަޕް ކުޅެފަ އެވެ. ޔޫރޯގައި ކުޅުނު 11 މެޗުގައި ހަތަރު ލަނޑު ޖަހާފައިވާއިރު ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ކުޅުނު 14 މެޗުގައި ކޭން ވަނީ 17 ލަނޑު ޖަހައިފަ އެވެ.

މިފަހަރުގެ ކޮލިފައިންގައި ކޭން ވަނީ 12 ލަނޑު ޖަހައިފަ އެވެ. ނެދަލެންޑްސްގެ މެމްފިސް ޑިޕާއިއާ އެކު ކޮލިފައިންގައި ޔޫރަޕުން އެންމެ ގިނަ ލަނޑު ޖެހީ ކޭން އެވެ. ކޮލިފައިންގެ 10 މެޗުގެ ތެރެއިން ކޭން ނުކުޅެނީ ދެ މެޗުގަ އެވެ. އަށް މެޗުގެ ތެރެއިން ސެން މެރީނޯ އަތުން 10-0 އިން އިންގްލެންޑް މޮޅުވި މެޗުގައި ކޭން ހަތަރު ގޯލު ޖެހި އެވެ.

ކޭން ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރު 17 އަހަރުން ދަށުގެ ޓީމުންނެވެ. އޭގެފަހުން ހުރިހާ އުމުރުފުރައެއްގެ ޓީމަށް ކުޅުމަށް ފަހު ސީނިއާ ޓީމުން ކޭން ޖާގަ ހޯދީ 2015 ވަނަ އަހަރު އެވެ. ސީނިއާ ޓީމުން ލިބުނު ފުރުސަތާ އެކު ކޭން ވެފައިވަނީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަށެވެ.

ކްލަބް ލެވެލްގައި ވެސް ކޭން އަކީ ގިނަ ގޯލުތަކެއް ޖަހަމުން އަންނަ ކުޅުންތެރިއެކެވެ. 2009 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސްއާ ގުޅުމަށް ފަހު ހަތަރު ވަރަކަށް އަހަރު ވަންދެން ލޯނު އުސޫލުން އެކި ކްލަބްތަކަށް ކޭން ކުޅުނެވެ. އޭގެތެރޭގައި ލޭޓަން އޮރިއެންޓާއި މިލްވޯލްގެ އިތުރުން ނޯވިޗް ސިޓީ އަދި ލެސްޓާ ސިޓީ ހިމެނެ އެވެ.

ގައުމީ ޓިމާއި ކްލަބްގައި ކޭން އަށް އަދި ތައްޓެއްގައި އަތެއްނުލެވެ އެވެ. އެކަމަކު މިދިޔަ އަހަރުތަކުގައި އިންޑިވިޖުއަލް ގިނަ ކާމިޔާބީތަކެއް ކޭން ވަނީ ހޯދާފަ އެވެ.

ކޭން ވަނީ 2016، 2017 އަދު 2021 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަން ބޫޓޫގެ އިތުރުން އިންގްލެންޑުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 2017 އަދި 2018 ވަނަ އަހަރު ކޭން ހޯދި އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގެ ޑްރީމް ޓީމުގައި ހިމެނުނު އިރު ޕްރިމިއާ ލީގުން ކޮންމެ ސީޒަނަކު ހޮވާ އެންމެ މޮޅު ޓީމުގައި ފަސް ފަހަރު ކޭން ހިމެނުނެވެ.