ސްޕެއިން ވޯލްޑް ކަޕުން ކަޓައިފި ނަމަ ބޭނުންވަނީ އާޖެންޓީނާ އިން އެ މުބާރާތް ކާމިޔާބު ކުރަން ކަމަށާއި، ލިއޮނަލް މެސީގެ ކާމިޔާބު ކެރިއަރުގައި ވޯލްޑް ކަޕް ނުލިބުން ވާނީ ބޭއިންސާފަކަށް ކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ގަތަރު ވޯލްޑް ކަޕަކީ މެސީގެ ފަސް ވަނަ މުބާރާތެވެ. 2006 އިން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް މެސީ ވަނީ އާޖެންޓީނާއާ އެކު ހަތަރު ވޯލްޑް ކަޕްގައި ކުޅެފަ އެވެ. މެސީގެ މޮޅު ކުޅުމާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ ކުޅުނެވެ. އެކަމަކު ހިތްދަތި ގޮތަކަށް ޖަރުމަނު އަތުން ބަލިވެ ތަށީގައި އަތްލެވޭގޮތެއްނުވި އެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މެސީ ހޯދި އެވެ.
ވޯލްޑް ކަޕްގެ ހަތަރު މުބާރާތުގައި މެސީ ވަނީ ހަ ގޯލު ޖަހައިފަ އެވެ. ހަތަރު ގޯލު ޖެހީ 2014 ގެ ވޯލްޑް ކަޕްގަ އެވެ. މެސީ އަށް ގޯލެއް ނުޖެހެނީ 2010 ވަނަ އަހަރުގެ މުބާރާތުގަ އެވެ.
"ސްޕެއިނަށް ވޯލްޑް ކަޕް ނުލިބިއްޖެ ނަމަ ބޭނުންވަނީ އާޖެންޓީނާ ވޯލްޑް ކަޕް ކާމިޔާބުކުރަން. ވޯލްޑް ކަޕެއް ނެތި ފުޓްބޯޅައިން މެސީ ރިޓަޔާ ކުރުމަކީ ބޭއިންސާފަކަށް ވާނެ" ޓްވިޓާގެ ޗެނަލަށް ދިން އިންޓަވިއުއެއްގައި އެންރީކޭ ބުންޏެވެ.
ވޯލްޑް ކަޕާ ކުރިމަތިލާއިރު މެސީ ހުރީ ރަނގަޅު ފޯމެއްގަ އެވެ. ޕީއެސްޖީގައި މެސީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު ގައުމީ ޓީމާ އެކު މެސީ ވަނީ މިދިޔަ އަހަރު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.
އާޖެންޓީނާ ވޯލްޑް ކަޕަށް ނުކުންނަނީ ބަލިނުވެ 36 މެޗު ހަމަކޮށްގެންނެވެ. އެޓީމު އެންމެ ފަހުން މެޗަކުން ބަލިވީ 2019 ވަނަ އަހަރު އެވެ.
ކުރިން ބާސެލޯނާގައި މެސީ އަށް ކޯޗުކޮށްދިން އެންރީކޭ ބުނީ އެންމެންގެ ވިސްނުމުގައި ވެސް މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރާނީ އާޖެންޓީނާ ނޫނީ ބްރެޒިލެވެ.
"ފްރާންސާ ޖަރުމަނު ވެސް މޮޅުވާނެ. ސްޕެއިން އާއި ނެދަލެންޑްސް އަކީ ވެސް މުބާރާތުގެ ސަޕްރައިޒް ޓީމުތަކަށް ވެދާނެ" ސްޕެއިންއާ އެކު ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ ކޯޗު ބުންޏެވެ.
އެންރީކޭ ވަނީ ސްޕެއިންއާ އެކު ތިން ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އެއީ 1994، 1998 އަދި 2002 އެވެ. ވޯލްޑް ކަޕްގައި އެންރީކޭ 12 މެޗު ކުޅުނުއިރު އެދުވަސްވަރު ކުއާޓާ ފައިނަލް ހުރަސްކޮށް ސްޕެއިނަށް ކުރިއަށް ނުދެވެ އެވެ.
ވޯލްޑް ކަޕް މާދަމާ ރޭ ފަށާނީ ގްރޫޕް އޭގައި ހިމެނޭ ގަތަރާއި އިކުއެޑޯ ވާދަކުރާ މެޗުންނެވެ. އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ މެންދުރު ފަހު ތިނެއް ޖަހާއިރު ނުކުންނާނީ ސައުދީ އަރަބިއާއާ ދެކޮޅަށެވެ.