ކުޅިވަރު

ޓީމް ޕްރޮފައިލް: އީރާން

  • ވޯލްޑް ކަޕްގައި ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއްނުވޭ
  • މިއީ އީރާނުން ވޯލްޑް ކަޕުގައި ކުޅޭ 6 ވަނަ ފަހަރު
  • ރޫޕުގައި ހިމެނެނީ، އިންގްލެންޑް، އެމެރިކާ، ވޭލްސް

ޓީމުގެ ތާރީހް

އޭޝިއާގެ ގަދަބާރުތަކުގެ ތެރެއިން ކޮންމެ ބޮޑު މުބާރާތަކަށް ނިކުންނައިރު އެންމެ ގިނަ ބައެއްގެ އުއްމީދުތައް ގުޅިފައިވާ އެއް ޓީމަކީ އީރާން އެވެ. އެ ޓީމުން މިހާތަނަށް ޖުމްލަ ހަ ފަހަރު ވޯލްޑް ކަޕުގައި ކުޅެފައިވާއިރު، މިއީ ޖެހިޖެހިގެން ވޯލްޑް ކަޕްގައި އެ ޓީމު ވާދަކުރާ ތިންވަނަ ފަހަރެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތަކީ އީރާނަށް އެންމެ ކާމިޔާބު އެއް މުބާރާތް ކަމުގައި ބުނެވިދާނެ އެވެ. އެހެން ފަހަރުތަކެކޭ އެއްފަދައިން އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން އީރާން ކެޓިނަމަވެސް، ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯއާ އެކު ހިމެނުނު އުނދަގޫ ގްރޫޕުން އެ ޓީމު ވަނީ ހަތަރު ޕޮއިންޓް ހޯދާފަ އެވެ.

އެ ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި މޮރޮކޯ އަތުން 1-0 އިން މޮޅުވިއިރު، އެއީ ވޯލްޑް ކަޕެއްގައި އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. ދެ ވަނަ މެޗުގައި ސްޕެއިން އަތުން 1-0 އިން ބަލިވިއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވުމާ އެކު ދެވަނަ ބުރުގެ ޖާގައެއް ނުލިބުނެވެ. އެ މުބާރާތުގައި އެ ޓީމު ކޮޅަށް ވަނީ ދެ ގޯލެވެ.

އީރާނަކީ އޭޝިއާގެ ފުޓްބޯޅައިގައި ވަރުގަދަ ބާރެކެވެ. އެ ޓީމުން ވަނީ އޭޝިއަން ކަޕް ތިން ފަހަރު އުފުލާލައިފަ އެވެ. އެއީ 1968، 1972 އަދި 1976 އެވެ.

ކޮލިފައިވީ ކިހިނެއް؟

އީރާން، ވޯލްޑް ކަޕަށް ކޮލިފައިވީ ދެވަނަ ބުރާއި ތިންވަނަ ބުރުގައި ވެސް އެއްވަނަ ހޯދައިގެންނެވެ. ދެވަނަ ބުރުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވި އެވެ. އެއް މެޗު އެއްވަރުވިއިރު އެއް މެޗުން ވަނީ ބަލިވެފަ އެވެ. ތިންވަނަ ބުރުގައި އެޓީމު ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވި އެވެ. މި ބުރުގައި ވެސް އެއް މެޗު އެއްވަރުވެ އެއް މެޗުން ބަލިވި އެވެ. ކޮލިފައިންގެ ދެބުރުގައި ކުޅުނު 18 މެޗުގައި 49 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އަށް ގޯލެވެ.

ސަރްދާރު އަޒްމޫން

އީރާން ޓީމުން މިހާރު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ބަޔާން ލެވަކޫސަން އަށް ކުޅެމުން އަންނަ ފޯވާޑް ސަރްދާރު އަޒްމޫން އެވެ.

2014 ވަނަ އަހަރުން ފެށިގެން އީރާންގެ ގައުމީ ޓީމަށް ކުޅެމުން އަންނަ އަޒްމޫން އަކީ މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން އެ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް ކުޅުނު 65 މެޗުގައި 41 ލަނޑު އަޒްމޫން ވަނީ ޖަހައިފަ އެވެ.

މެހްދީ ތަރޭމީ

އީރާންގެ ފޯވާޑް ލައިންގައި މިވަގުތު އެންމެ ފޯމުގައި ހުރި ކުޅުންތެރިއަކީ ތަރޭމީ އެވެ. ޕޯޗުގަލްގެ އެފްސީ ޕޯޓޯ އަށް ކުޅެމުން އަންނަ ތަރޭމީ ވަނީ މި ފަހަރުގެ ސީޒަނުގައި ކުޅުނު ފުރަތަމަ 13 މެޗުގައި ނުވަ ލަނޑުޖަހައި، އިތުރު ހަތް ގޯލްޖެހުމަށް އެހީތެރިވެދީފަ އެވެ. މީގެތެރެއިން، ދެލަނޑު ޖެހީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ތަރޭމީ، 30، އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް އައިއިރު ގައުމީ ޓީމަށް ކުޅެދިން 60 މެޗުގައި 27 ލަނޑު ޖަހައިދީފަ އެވެ.

ކޯޗު: ކާލޯސް ކުއެރޯޒް

ކުއެރޯޒް ކޯޗުކޮށްދިން ފާހަގަކޮށްލެވޭ ޓީމުތަކުގެ ތެރޭގައި ރެއާލް މެޑްރިޑް، ޕޯޗުގަލް، ސައުތު އެފްރިކާ ކޮލަމްބިއާ އަދި މިސްރު ހިމެނެ އެވެ. މީގެ ކުރިން ކުއެރޯޒް ވަނީ 2011 އިން 2019 އަށް އީރާންގެ ހެޑްކޯޗުކަން ކޮށްފަ އެވެ. މީގެ އިތުރުން ސަރ އެލެކްސް ފާގަސަންގެ އެސިސްޓެންޓެއްގެ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑްގައި ކާމިޔާބު ދުވަސްތަކެއް ކުއެރޯޒް ހޭދަކުރި އެވެ.

ކުއެރޯޒް އަކީ އީރާންގެ ތާރީހުގައި އެގައުމަށް އެންމެ ގިނަ ދުވަހު އިރުޝާދުދިން ކޯޗެވެ. ދެވަނަ ފަހަރަށް އެޓީމުގެ ކޯޗުކަމާ ކުއެރޯޒް ހަވަލުވީ މިއަހަރުގެ ސެޕްޓެމްބަރު މަހު އެވެ.