ލިޔުނީ: އަބްދުﷲ އަޝްރަފް
ފީފާ ވޯލްޑް ކަޕަކީ ފުޓްބޯޅައަށް ލޯބިކުރާ އެންމެންގެވެސް ފޭވަރިޓެވެ. ކޮންމެ ތަނެއްގައި މުބާރާތް އޮތަސް އެމީހުންނަށް އެއީ ބޮޑު އީދެކެވެ. ސަޕޯޓުކުރާ ޓީމު ކޮލިފައި ނުވިޔަސް އެ ޝައުގުވެރިކަމަށް ބަދަލެއް ނާދެ އެވެ. އެކަމަކު މިފަހަރު އެހެން ހުރިހާ ފަހަރަކަށްވުރެ ތަފާތެވެ. ސަބަބުތައް ބައިވަރެވެ.
ބޮޑު ޝަރަފް ފުރަތަމަ ފަހަރަށް އަރަބި ގައުމަކަށް
މިހާތަނަށް ވޯލްޑް ކަޕްގެ 21 މުބާރާތް ބާއްވާފައިވާއިރު މިއީ މެދުއިރުމަތީގެ ގައުމެއްގައި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. އަދި މިއީ އަރަބި މުސްލިމު ގައުމަކަށް މި ޝަރަފް ލިބުނު ފުރަތަމަ ފަހަރެވެ. ގަތަރަށް ލިބުނު ފުރުސަތުގެ ބޭނުން އެ ގައުމުން ވަނީ ވަރަށް ރަނގަޅަށް ހިފާފަ އެވެ. ގަތަރުގެ ވެރިން މީގެއެތައް އަހަރެއް ކުރިން ދެއްވެވި ޔަގީންކަން ވޯލްޑް ކަޕް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުން އެނގިގެން ދިޔަ އެވެ.
"މިއީ ދެ އަހަރެއްހާ ދުވަހަށް ދިގުދެމިގެންދިޔަ ކޮވިޑްގެ ކާރިސާއަށްފަހު މުޅި ދުނިޔެ އެއްބައިވަންތަކުރުވާނެ ފުރަތަމަ ބޮޑު އިވެންޓް. އިރާދަކުރެއްވިއްޔާ އަހަރެމެން ވައުދުވި ގޮތަށް އަރަބި ދުނިޔޭގައި މި ބޭއްވޭ ފުރަތަމަ ވޯލްޑް ކަޕަކީ ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމަ މުބާރާތަކަށް ވެގެންދާތަން ތިޔަ ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ" އެންމެ ފަހުން ބޭއްވުނު، ވޯލްޑް ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އައްސާނީ ވިދާޅުވެފައިވެ އެވެ.
އެންމެ ކުޑަ ގައުމުން ބޮޑު ފަސޭހައެއް
ގަތަރަކީ މިހާތަނަށް ވޯލްޑް ކަޕެއް ބާއްވާ އެންމެ ކުޑަ ގައުމެވެ. އަކަ މޭލުން ބަލާނަމަ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވި އެމެރިކާގައި އޮންނަ ފަންސާސް ސްޓޭޓްގެ ތެރެއިން ގަތަރަށްވުރެ ކުޑައީ ހަމަ އެންމެ ދެ ސްޓޭޓެވެ. ބޮޑުމިނުގައި ފަސް ހާސް އަކަ މޭލުވެސް ހަމަ ނުވާ ގަތަރުން ކުޅުންތެރިންނަށާއި، ސަޕޯޓަރުންނަށް ލިބޭނެ އެންމެ ބޮޑު އެއް ލުއި ފަސޭހައަކަށް ވާނީ އެތެރޭގެ ދަތުރުފަތުރަށް އޮތް ފަސޭހަ އެވެ. ގަތަރަށް ދިއުމަށްޓަކައި ގިނަ ކުޅުންތެރިންނާއި، ޓީމުތަކުގެ ސަޕޯޓަރުންނަށް ދިގު ދަތުރެއް ކުރަން ޖެހުނަސް ގަތަރުގައި ފައި ބީއްސާލުމާއެކު އިންތިޒާމުތައް ފަސޭހަ ވެގެން ދިޔަ އެވެ. ކުޅުންތެރިން އެކަން ފާހަގަކުރެ އެވެ.
ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕާއި، މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި މެޗްކުޅުނު ސްޓޭޑިއަމަށް ދާން ޓީމުތަކުން އުފުލި ތަކުލީފު ގަތަރުގައި އުފުލާކަށް ނުޖެހޭނެ އެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ އަށް ސްޓޭޑިއަމްވެސް އޮންނަނީ ވެރިރަށް ދޯހާ އާއި 30 މޭލަށް ވުރެ ދުރު ނޫން ހިސާބުގަ އެވެ. އެންމެ ފަހުން ބޭއްވުނު ދެ ވޯލްޑް ކަޕްގައި ވެސް މެޗްތައް ކުޅެން ބޭނުންކުރި ބައެއް ސްޓޭޑިއަމްތަކުގެ ދުރުމިނުގައި ހާހެއްހާ މޭލު ހުއްޓެވެ. މިފަހަރު އެނބުރި ގައުމަށް ދިއުމުގެ ކުރިން އެއްވެސް ޓީމެއްގެ ކުޅުންތެރިއަކަށް ފްލައިޓަކަށް އަރާކަށް ނުޖެހޭނެ އެވެ.
އެތެރޭގެ ދަތުރުފަތުރުގެ ކަންކަން އިތުރަށް ފަސޭހަކުރުމަށްޓަކައި ގަތަރުން ބިނާކޮށްފައިވާ ބިމުއަޑީގެ ދަތުރުފަތުރުގެ ވިއުގައިގެ ސަބަބުން ކުޅުންތެރިންނާއި ސަޕޯޓަރުން ކުރަން ޖެހޭ ދަތުރު އިތުރަށް އަވަސްވާނެކަމަށް ބެލެވެ އެވެ. އަދި ގްރޫޕް ސްޓޭޖްގެ މެޗުތައް ކުޅޭ ދުވަސްވަރު ދުވާލަކު ހަތަރު މެޗު އޮންނައިރު އެއް ދުވަހެއްގައި ކުޅޭ ދެ މެޗެއް ބަލާލަން ސްޓޭޑިއަމަށް ދިއުމުގެ ފުރުސަތު މިކަމުގެ ސަބަބުން ފަހިވެ އެވެ. މިއީ މަދުން ނޫނީ ނުލިބޭނެ ނަސީބެކެވެ.
ބަދަލުކޮށްލި ތާރީހުން ފުރުސަތާއި، ގޮންޖެހުން
މިފަހަރުގެ ވޯލްޑް ކަޕް ބާއްވާ ދުވަސްވަރަކީ ވެސް ވޯލްޑް ކަޕްގެ ތާރީހުގައި މި މުބާރާތް ތަފާތު އަކުރަކުން ލިޔަން ޖެހޭނެ އެއް ސަބަބެވެ. މީގެ ކުރިން ބޭއްވި 21 މުބާރާތް ވެސް ހޫނު މޫސުމާ ދިމާކޮށް ބާއްވާފައިވާއިރު ގަތަރާ ޖެހުމުން މިއޮތީ ހަރީފު މޫސުން ނިމި، ފިނި މޫސުވާ ކުރިމަތިލާ ދުވަސްވަރަށް ބަދަލުވެފަ އެވެ. ގަބޫލުކުރެވޭ ގޮތުގައި އެގޮތަށް އެކަން ނިންމާފައިވަނީ ގަތަރަކީ އާންމު ގޮތެއްގައިވެސް ހޫނުގަދަ ގައުމަކަށް ވެފައި ހޫނު މޫސުމުގައި މުބާރާތް ބާއްވާނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށްޓަކަ އެވެ. މިއާ އެކު ޔޫރަޕްގެ ފުޓްބޯޅަ ލީގުތަކުން މިއިން ދުވަހަކު ތަޖުރިބާކޮށްފައި ނުވާ ކަމެއް އަލަށް ތަޖުރިބާކުރަން މަޖުބޫރު ވެސް ވީ އެވެ. ސީޒަންގެ މެދަކާ ހަމައަށް ނުދަނީސް ލީގު މެދުކަނޑާލުމަށް ފަހު ވޯލްޑް ކަޕަށް ހުސްވެގެން ތިބުން ނޫންގޮތެއް މިފަހަރަކު އެމީހުންނަކަށް ނެތެވެ.
ވޯލްޑް ކަޕް ބާއްވާ ދުވަސްވަރު ބަދަލުވުމަކީ މުބާރާތުގައި ބައިވެރިވާ ގިނަ ޓީމުތަކަށް ކުރިމަތިވާނެ ބޮޑު ގެންޖެހުމެކެވެ. މުބާރާތަށް ތައްޔާރުވާން މީގެ ކުރިން ޓީމުތަކަށް ލިބުނު ވަގުތު މިފަހަރު ނުލިބެ އެވެ. ގިނަ ގައުމުތަކުގެ ފުޓްބޯޅަ ލީގު މެއި މަހުގެ ތެރޭގައި ނިމޭތީ ހޫނު މޫސުމުގައި ކުރިން ބާއްވަމުން އައި ވޯލްޑް ކަޕް މުބާރާތްތަކަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ލިބުނެވެ. ރަހުމަތްތެރިކަމުގެ މެޗްތައް ކުޅެ މުބާރާތުގެ ކުރިން ޓީމުގެ ފެންވަރު ވަޒަންކޮށްލަން ފުރުސަތު ލިބުނެވެ. އެކަމަކު މިފަހަރު ގިނަ ކުޅުންތެރިންނަށް ގައުމީ ޓީމާ ގުޅެން ފުރުސަތު ލިބުނުއިރު އޮތީ މުބާރާތް ފެށެން ހަފްތާއަކަށް ވެފަ އެވެ. ގިނަ ގައުމުތަކުން ރަހުމަތްތެރިކަމުގެ މެޗެއް އެންމެ ފަހުން ކުޅެފައިވަނީ ވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ދުނިޔޭގެ ބޮޑެތި ފުޓްބޯޅަ ލީގުތަކުގެ މެދަކާ ހިސާބުން ވޯލްޑް ކަޕާ ކުރިމަތިލާންޖެހުމަކީ އެއްގޮތަކުން ބަލާއިރު ގިނަ ޓީމުތަކަށް ރަނގަޅެކެވެ. އެހެން ފަހަރުތަކުގައި ގިނަ ކުޅުންތެރިން ވޯލްޑް ކަޕާ ކުރިމަތިލާއިރު ތިބެނީ ކްލަބާއެކު ސީޒަނުގައި 50 އަކަށް މެޗު ކުޅެ ގައިން ހަކަތަ ހުސްވުމާ ގާތްވެފަ އެވެ. ގާތްގަނޑަކަށް ނުވަ މަހަށްވުރެ ދިގު މުއްދަތެއް ވަންދެން މެދުކެނޑުމެއް ނެތި ކުޅެން ޖެހުމުން އެންމެ މޮޅު ކުޅުންތެރިންވެސް ތިބޭނީ އަރާމުކޮށްލަން ބޭނުންވެފަ އެވެ. އެކަމަކު މިފަހަރު އެ ބުރަ ކުޅުންތެރިންނަށް އިހުސާސްކުރަން ނުޖެހުމާ އެކު އެ ކުޅުންތެރިންގެ ފަރާތުން ތަފާތު ފެންނާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
"ކުޅުންތެރިން ވޯލްޑް ކަޕަށް އައި އިރު ކުޅެފަ އޮންނާނީ 25 މެޗު. އެހެންވީމަ އެމީހުން ތިބޭނީ ވަރަށް ފްރެޝްކޮށް އަދި ކުޅެން ވަރަށް ބޭނުންވެފައި. އެމީހުންގެ އެނާޖީ ލެވަލް ހުންނާނީ އެންމެ މަތީގައި. އެހެންވީމަ ކުޅުންތެރިންގެ ފަރާތުން އެހެން ވޯލްޑް ކަޕް ތަކުގަ ނުފެންނަ ވަރުގެ މޮޅު ކުޅުމެއް މިފަހަރު ފެންނާނެ ކަމަށް އަހަރެންނަށް ގަބޫލުކުރެވެނީ" ކުރިން އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ އަދި މި ވޯލްޑް ކަޕްގެ އެމްބެސެޑާ ޑޭވިޑް ބެކަމް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
އެންމެ އަގުބޮޑު ވޯލްޑް ކަޕް
ގަތަރުގައި ފަށާފައިވާ ވޯލްޑް ކަޕަކީ އަގުގެ ގޮތުން ބެލިއަސް މިހާތަނަށް ބޭއްވި އެހެން އެއްވެސް ވޯލްޑް ކަޕަކާ ނުބައްދަލު މުބާރާތެކެވެ. ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމު ކަމަށްވާ ގަތަރުން މި މުބާރާތް ބޭއްވުމަށް 220 ބިލިއަން ޑޮލަރު ހަރަދުކުރި އެވެ. މިއީ އެންމެ ފަހުން ވޯލްޑް ކަޕް ބޭއްވި ރަޝިއާ އިން މުބާރާތް ބާއްވަން ކުރި ހަރަދަށްވުރެ 20 ގުނަ އިތުރު އަދަދެކެވެ. މީގެ ކުރިން މުބާރާތް ބާއްވަން އެންމެ ބޮޑު ހަރަދެއް ކޮށްފައި އޮތީ 2014 ވަނަ އަހަރު މުބާރާތް ހޯސްޓްކުރި ބްރެޒިލުންނެވެ. އެކަމަކު އެފަހަރު ބްރެޒިލުން ވެސް ވޯލްޑް ކަޕް ބާއްވަން ހަރަދުކޮށްފައި އޮތީ 15 ބިލިއަން ޑޮލަރެވެ. ސުވާލަކީ މިހެން ކަން އޮތްއިރު ގަތަރު ވޯލްޑް ކަޕް މިހާ އަގުބޮޑު މުބާރާތަކަށްވީ ކޮންކަމެއް ތަފާތުވާތެގެން ހެއްޔެވެ؟
މިފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ބާއްވަން ހަމަޖެހިފައިވާ ސްޓޭޑިއަމްތައް ބިނާކުރަން އެކަނިވެސް ގަތަރުން 6.5 ބިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކޮށްފައިވެ އެވެ. މިއީ 2010 ވަނަ އަހަރު ސައުތު އެފްރިކާއިން ވޯލްޑް ކަޕް ބާއްވަން ކުރި ޖުމްލަ ހަރަދަށްވުރެ ދެ ގުނަ އިތުރު މިންވަރެކެވެ. އޭގެ ހަތަރު އަހަރު ކުރިން ޖަރުމަނުގައި ވޯލްޑް ކަޕް ބޭއްވިއިރު އެ ގައުމުން މުޅި މުބާރާތަށް ކުރި ހަރަދު ފަސް ބިލިއަނަށް ވެސް ނާރަ އެވެ. ސްޓޭޑިއަމްތައް ބިނާކުރުމަށް ކުރި ހަރަދުގެ އިތުރުން ގަތަރުން ވަނީ 1.5 މިލިއަން ސަޕޯޓަރުންނަށް ހިދުމަތްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އުމްރާނީ ގިނަ ވަސީލަތްތަކެއް ގާއިމުކުރަން ވެސް ބޮޑު ހޭދައެއް ކޮށްފަ އެވެ. މިގޮތުން ބިމުގެ އަޑިން ދަތުރުކުރެވޭނެ ގޮތަށް މަގުތައް ހަދައި ފުރިހަމަ ދަތުރުފަތުރުގެ ވިއުގައެއް ގާއިމުކުރުމަށް އެކަނިވެސް 36 ބިލިއަން ޑޮލަރު ގަތަރުން ހަރަދުކޮށްފައިވެ އެވެ.
ޓެކްނޮލޮޖީގެ އިންގިލާބުން ފަހިކޮށްދެނީ ޔަގީންކަން
ޓެކްނޮލޮޖީގެ ލެންސަކުން މި ވޯލްޑް ކަޕަށް ނަޒަރު ހިންގާލިޔަސް ފެންނަން ހުރީ މީގެ ކުރިން ބޭއްވި އެއްވެސް ފުޓްބޯޅަ އިވެންޓަކުން ފެނިފައި ނެތް ވަރުގެ އިންގިލާބީ ކަންކަމެވެ. މިގޮތުން ވޯލްޑް ކަޕްގައި ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަން ނިންމުމަކީ އިންގިލާބީ ބަދަލެކެވެ. އެއީ ބޯޅައިގައި އިންނަ ސެންސާ ޗިޕް ޑިވައިސް އެއް މެދުވެރިކޮށް، ކުޅުންތެރިޔާ ބޯޅައިގައި ޖަހާ ސީދާ ވަގުތު ދެނެގަނެ، އެ ޑޭޓާ ވަގުތުން ވީއޭއާރު ސިސްޓަމާ ހިއްސާކުރާ ޓެކްނޮލޮޖީ އެކެވެ. ވީއޭއާރު ސިސްޓަމަށް މައުލޫމާތު ލިބުމުން ވީއޭއާރު ރެފްރީންގެ ޓީމުން މެޗުގެ ރެފްރީ އަށް އެކަން އަންގާނެ އެވެ.
އަލް ރިހުލާގެ ނަމުން ނަންދީފައިވާ މި ބޯޅަ އަކީ ޓެކްނޮލޮޖިކަލް ޑިވައިސްއެއް ހަރުކޮށްގެން ކުޅެން ބޭނުންކުރާ ފުރަތަމަ ބޯޅަ އެވެ. ކުޅިވަރުގެ ދުނިޔޭގައި މަޝްހޫރު އެޑިޑާސް ކުންފުނިން އުފައްދާފައިވާ މި ބޯޅައިގެ ސަބަބުން ވީއޭއާރާ ގުޅޭގޮތުން މިހާރު އުފެދިފައި އޮތް ގިނަ ކަންބޮޑުވުންތަކަށް ތަސައްލީއެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
ރެފްރީންނަށް ވެސް ތާރީހީ ބަދަލެއް
މިފަހަރުގެ ވޯލްޑް ކަޕުން ފެންނާނެ އެންމެ ހާއްސަ އެއް ކަމަކަށް، ފުރަތަމަ ފަހަރަށް އަންހެނުން ވޯލްޑް ކަޕްގައި ރެފްރީކަން ކުރާތަން ފެނުން ޔަގީނުން ވެސް ވާނެއެވެ. 92 އަހަރުގެ ދިގު ތާރީހެއް އޮތް ވޯލްޑް ކަޕްގައި އަލަށް އަންހެން ރެފްރީން މެޗަށް އިންސާފުކުރަން މިފަހަރު ނުކުންނައިރު މި ޝަރަފް ހަ އަންހެނަކަށް އެބަ ލިބެ އެވެ. އޭގެތެރެއިން ޖަޕާން، ފްރާންސް އަދި ރުވާންޑާއަށް ނިސްބަތްވާ ތިން ރެފްރީން ހަރަކާތްތެރިވާނީ ހެޑް ރެފްރީންގެ ގޮތުގަ އެވެ. އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ފެންނާނެ ތިން އަންހެން ރެފްރީން ނިސްބަތްވަނީ އެމެރިކާ، ބްރެޒިލް އަދި މެކްސިކޯ އަށެވެ.