ކުޅިވަރު

ފްރާންސަށް ހިތްދަތިކަން، ބެންޒެމާއަށް ވެސް ވޯލްޑް ކަޕް ގެއްލިއްޖެ

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މިދިޔަ މަހު ހޯދި ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާގެ ފަލަމަސްގަނޑަށް އަނިޔާގެ ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

ބެންޒެމާގެ ފަލަމަސްގަނޑަށް އަނިޔާވީ ފްރާންސްގެ ފަރިތަކުރުންތަކުގަ އެވެ. އަނިޔާވުމުން ބެންޒެމާ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތައް ގެއްލޭނެކަމަށް ބެލެވުނެވެ. އެކަމަކު އެމްއާރުއައި އިން އެނގުނީ ބެންޒެމާ ތިން ހަފްތާއެއްހާ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމެވެ.

ބެންޒެމާގެ ބަދަލުގައި ޓީމަށް ނަގާނެ ކުޅުންތެރިއެއް މާދަމާ ފްރާންސުން އިއުލާންކުރާނެ އެވެ. ބެންޒެމާ މެޑިކަލް ޓެސްޓުތައް ހެދީ ހޮނިހިރު ދުވަހުގެ ފަރިތަކުރުންތަކަށް ފަހު އެވެ. ބެންޒެމާގެ އަނިޔާއާ ގުޅިގެން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ، ބެންޒެމާ ނެތުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށާއި، އެކަމަކު ޓީމުގައި ތިބި ކުޅުންތެރިންނާ މެދު އޭނާ އިތުބާރު އެބައޮތް ކަމަށެވެ.

"މި ވޯލްޑް ކަޕަކީ ބެންޒެމާގެ ވަރަށް ބޮޑު އަމާޒެއް. އޭނާ އަށް އަނިޔާވުމަކީ ވަރަށް ބޮޑު ދެރައެއް. އެކަމަކު ޓީމުގައި ތިބި ކުޅުންތެރިންނާ މެދު އަހަރެން އިތުބާރު އެބައޮތް" ޑެޝޯމްޕްސް ބުންޏެވެ.

34 އަހަރުގެ ބެންޒެމާ ވަނީ ގައުމީ ޓީމަށް ކުޅުނު 97 މެޗުގައި 37 ލަނޑު ޖަހާފަ އެވެ. 2015 ވަނަ އަހަރު ބްލެކްމެއިލް މައްސަލައެއްގައި ގައުމީ ޓީމުން ބާކީ ކުރުމަށް ފަހު ބެންޒެމާ އަށް ގައުމީ ޓީމުން އަލުން ފުރުސަތު ލިބުނީ މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ.

ވޯލްޑް ކަޕަށް ނުކުންނައިރު ފްރާންސް ޓީމަށް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ. މިގޮތުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ މެދުތެރެ ބެލެހެއްޓި އެންގޯލޯ ކާންޓޭ އާއި ޕައުލް ޕޮގްބާ އަށް އަނިޔާވެ މިފަހަރުގެ މުބާރާތުގައި ނުކުޅެވެ އެވެ.

ވޯލްޑް ކަޕް ސްކޮޑުގައި ހިމެނިފަހުން ފޯވާޑް ކްރިސްޓޮފާ އެންކުންކޫ އަށް އަނިޔާވެ، ބަދަލުގައި އެއިންޓްރަކް ފްރެންކްފާޓްގެ ފޯވާޑް ރެންޑަލް މުއާނީ ވަނީ ފްރާންސް ޓީމުގައި ހިމަނައިފަ އެވެ. މިހާރު އޮތް ޓީމުގައި އަނިޔާ އިން ރަނގަޅުވާން މަސައްކަތް ކުރަމުން އަންނަ އަނެއް ކުޅުންތެރިޔަކީ ޑިފެންޑަރު ރަފައެލް ވަރާން އެވެ.

ބެންޒެމާގެ ބަދަލުގައި ފްރާންސް ޓީމުން ޖާގަ ދޭނެކަމަށް ބެލެވޭ އެއް ކުޅުންތެރިޔަކީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އެންތަނީ މާޝިއަލް އެވެ. މާޝިއަލް އަކީ ވެސް މި ސީޒަނުގެ ކުރީކޮޅު އަނިޔާގެ މައްސަލަތައް ދިމާވި ކުޅުންތެރިޔެކެވެ.

ވޯލްޑް ކަޕްގައި ފްރާންސް ހިމެނެނީ އޮސްޓްރޭލިއާ އާއި ދެންމާކް އަދި ޓިއުނީޝިއާއާ އެކު ގްރޫޕް ޑީގަ އެވެ. ފުރަތަމަ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ފްރާންސް ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.