ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލުގައި ހައިބްރިޑް އޮޕަރޭޝަން ތިއޭޓަރުތައް ބޭނުން ކުރަން ފަށައިފި

ދަރުމަވަންތަ ހޮސްޕިޓަލުގައި ހަދާފައިހުރި ހައިބްރިޑް އޮޕަރޭޝަން ތިއޭޓަރުތައް ބޭނުންކުރަން ފަށައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހަދާފައިވާ ހަތަރު ހައިބްރިޑް އޮފަރޭޝަން ތިއޭޓަރު މިއަދު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

މި ހައިބްރިޑް އޮޕަރޭޝަން ތިއޭޓަރުތަކުގައި ހުރި ވަސީލަތްތަކުން އޮޕަރޭޝަން ކުރަމުންދާ ވަގުތު ބަލިމީހާގެ ހަށިގަނޑުގެ އެތެރެ ޑޮކްޓަރުންނަށް ފެންނާނެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި ހަތަރު ތިއޭޓަރުގެ ތެރެއިން ދެ ތިއޭޓަރެއް ކޮވިޑުގެ ހާލަތުގައި ވެސް ބޭނުން ކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު ތާވަލު ކުރެވިގެން ހަތަރު ތިއޭޓަރުގައި ވެސް އޮފަރޭޝަންތައް ކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ 140 މިލިއަން ޑޮލަރުގެ އަގު ބޮޑު ހޮސްޕިޓަލެކެވެ.