އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ލަސްވަނީ އެހެން އިދާރާތަކުން ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރެވިފައި ނުވާތީއާއި އިދާރާތަކުން ދޭންޖެހޭ އެއްބާރުލުން ނުދޭތީ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.
އެ ކޯޕަރޭޝަނުން މިހެން ބުނެފައި މިވަނީ އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފުރަތަމަބައިގެ މަސައްކަތް ނިންމާނެ ކަމަށް ބުނެފައިވާ ތާރީހުތަކަށް މަސައްކަތް ނުނިމި ދިގުލައި ދާތީ އަވަސްއިން ސުވާލު ކުރުމުންނެވެ.
މީގެ ކުރިން އަވަސްއަށް މައުލޫމާތު ދެމުން އާރްޑީސީ އިން ބުނެފައިވަނީ އަމީނީމަގުގެ ފުރަތަމަ ސެގްމަންޓްގެ ހުރިހާ މަސައްކަތެއް އޮކްޓޫބަރު މަހުގެ ތިންވަނަ ހަފުތާ ތެރޭގައި ނިމޭނެ ކަމަށެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން އާރްޑީސީގެ މީޑިއާ ކޯޑިނޭޓަރު އަހްމަދު ފައިރޫޒް މިއަދު ވިދާޅުވީ އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ފިޔަވާ އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. ނިމުނު މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާގެ މަސައްކަތް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ފައިރޫޒު ވިދާޅުވީ ފުރަތަމަ ސެގްމަންޓުގައި ތާރު ނޭޅިގެން އުޅެނީ އިތުރު ދެ ސެގްމަންޓެއްގެ މަސައްކަތް ނިންމުމަށްފަހު ނޫނީ ތާރު ނޭޅޭނެތީ ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ދެ ސެގްމަންޓްގައި ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް އަދި ނުނިމޭ ކަމުގައި ވިދާޅެވި އެވެ.
"ތަންތަންކޮޅުން ތާރު އެޅީމަ އަންނަ އުނދަގޫތަކެއް ހުރޭ. އެހެންވީމާ ތާރު އަޅަން ފަށާނީ ފުރަތަމަ ސެގްމެންޓުގެ ދިގުމިނަށް އިންނަ އިތުރު ދެ ސެގަމަންޓެއްގެ މަސައްކަތް ނިންމާފައި" ފައިރޫޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމީނީ މަގުގެ މަސައްކަތުގައި ކުރިއަށް އޮތް ދެ ސެގްމެންޓުގައިވެސް ކުރަންޖެހޭ ބައިވަރު މަސައްކަތްތައް ހުރިއިރުވެސް އެ މަސައްކަތްތައް މިވަގުތު އޮތީ މަޑު ޖެހިފަ އެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެހެން އިދާރާތަކުގެ އެއްބާރުލުން ނުލިބުމެވެ.
"އަމީނީ މަގު މީ ކުރިން ބްލޫޕްރިންޓެއް އިންނަ މަގެއް ނޫން. ކޮންނަމުން ދާވަރަކަށް މައްސަލަތައް ފެންމަތިވޭ. ބައިވަރު ސްޓޭކް ހޯލްޑާސްތަކެއް ހިމެނޭ މަޝްރޫއެއް މިއީ. ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫ، މީޑީއާނެޓް މިހެން ގޮސް ބައިވަރު އިދާރާތަކެއް ގުޅިގެން ކުރިއަށްދާ މަޝްރޫއެއް. އިދާރާތަކުން އެބަ ބޭނުންވޭ ބައެއް މަސައްކަތްތަކަށް އިތުރު އަޕްގެރޭޑްސް ތަކެއް ގެންނަން. ނަމަވެސް މި އަޕްގްރޭޑްތައް ގެންނަން އެބޭފުޅުން ފޯރުކޮށްދޭން ޖެހޭ ސާމާނު އަޅުގަނޑުމެންނާ ހަމައަށް ފޯރެއް ނުކޮށްދޭ. އެހެންވެ މަސައްކަތް މަޑުޖެހިފައި މިއޮތީ،" ފައިރޫޝް ވިދާޅުވި އެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރްޑީސީއަށް ހަވާލު ކޮށްފައިވާ އިރު މަޝްރޫއުގެ އަގަކީ 84 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ. ނަމަވެސް މި މަސައްކަތް ނިމޭނެ ސީދާ ތާރީހެއް ބުނާކަށް އާރްޑީސީއަކަށް ނޭނގެ އެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ފުރަތަމަ ބައި ކުރިއަށް ގެންދިއުމަށްޓަކައި ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށް މިވަގުތު ވަނީ މަގު ބަންދުވެސް ކޮށްފަ އެވެ.