ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)

އޭޝިއާގެ އެންމެ ބޮޑު ޑައިވް ބްރޭންޑްގެ އެކްސްޕޯއެއް ރާއްޖޭގައި ބާއްވަނީ

އޭޝިއާ ބައްރުގެ އެންމެ ބޮޑު ސްކޫބާ ޑައިވިން އެގްޒިބިޝަން ބްރޭންޑް "އޭޝިއާ ޑައިވް އެކްސްޕޯ - އެޑެކްސް" ގެ އެކްސްޕޯއެއް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

މި އެކްސްޕޯގެ އެއްބަސްވުމުގައި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އާއިއެކު އެޑެކްސްއިން މިއަދު ވަނީ ސޮއިކޮށްފައެވެ.

"އެޑެކްސް މޯލްޑިވްސް"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގައި ސްކޫބާ ޑައިވިންގްއާއި ގުޅުންހުރި ތަފާތު އުފެއްދުންތައް ދައްކާލާނެ އެވެ. މިއީ އެޑެކްސް އިން ރާއްޖޭގައި މިފަދަ އެކްސްޕޯއެއް ބާއްވާ ފުރަތަމަ ފަހަރެވެ.

އެކްސްޕޯ އޮންނާނީ އެންބީއޭއެމް އިން ބާއްވާ އަށް ވަނަ މޯލްޑިވްސް މެރިން އެކްސްޕޯ އާއި އެކު އަންނަ އަހަރުގެ މާޗް މަހުގެ 15-18 އަށް ހުޅުމާލޭ ސެންޓަރަލް ޕާކުގަ އެވެ.

އެޑެކްސް އިން އަންނަނީ ސިންގަޕޫރުގެ އިތުރުން ފިލިޕީންސް އާއި މެލޭޝިއާ އާއި ޗައިނާ އަދި އިންޑިއާގައި ވެސް މިފަދަ އެކްސްޕޯތައް ބާއްވަމުން ނެވެ.