ސިނަ މާލެ ބްރިޖް

ބްރިޖްގެ މަސައްކަތަށް އަޑި ޕާކް ނަގައިފި

"ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް" ބްރިޖްގެ މަސައްކަތަށް ހެންވޭރުގެ އަޑި ޕާކް ނަގައިފިއެވެ. އެ ޕާކްގައި ހުރި ރުއް، ގަސް އިއްޔެ ވަނީ ނަގާފައެވެ.

އަޑި ޕާކް އޮތް ސަރަހައްދު ރުއް ގަސް ނަގައި ސާފުކުރަމުންދާއިރު، އެ ޕާކުގައި ހުރި ރާއްޖޭގެ އަޑުގެ އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރަން އެމްޓީސީސީއާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ހަވާލުކޮށްފަ އެވެ. މި އެންޓަނާތައް ބަދަލު ކުރަން ޖަޕާނުން ވަނީ 50 މިލިޔަން ރުފިޔާ ދީފަ އެވެ. އެ ސަރަހައްދުގައި ހުރި އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރުމަށް އެ ރަށުން ފަސް ހެކްޓަރުގެ ބިމެއް އެމްޓީސީސީން ހިއްކުމަށް ވަނީ ނިންމާފައެވެ.

މާލެ - ހުޅުމާލެ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރުމަށް ލޮނުޒިޔާރަތް ކޮޅު، އަޑި ޕާކު ސަރަހައްދު ބަންދުކޮށްފައިވާ އިރު ބްރިޖުގެ މަސައްކަތް ކުރާ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް، ސީސީސީސީ ކުންފުނިން ވަނީ އެސަރަހައްދުގައި ބައެއް މަސައްކަތްތަށް ފަށައި ހިލަ ބަސްތާތައް ފަދަ ތަކެތި ގެންނަން ފަށައިފަ އެވެ. އަދި އެކުންފުނިން ވަނީ އެސަރަހައްދުގައި ކޮންޓެއިނާ ހައުސްއެއް ވެސް ބަހައްޓައިފަ އެވެ.

ޗައިނާ-މޯލްޑިވްސް ފްރެޑްޝިޕް ބްރިޖްގެ މަސައްކަތް ކުރާ ސައިޓުގެ ގޮތުގައި އަޑި ޕާކު ހަމަޖައްސާފައިވާ އިރު ހުޅުލެ އާއި ހުޅުމާލެ އިން ވެސް ދެ ބިމެއް ވަނީ ސީސީސީސީއާ ހަވާލުކޮށްފަ އެވެ. އަދި މަސައްކަތް ފެށެމުން އަންނަ ވަރަކަށް އެބިންތަކަށް މެޝިނަރީ ފަދަ ތަކެތި ގެންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުން ވަނީ އަޑި ޕާކް ހިމެނޭ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ވެސް ނިންމާފައެވެ. ބްރިޖް ހުޅުވިގެންދާއިރު އަޑި ޕާކް ސަރަހައްދުވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެ ބުނެފައިވެ އެވެ.