ކުޅިވަރު

ގަތަރު ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުން ހިތްގައިމުކަން

ހިތްގައިމު އެތައް ހަރަކާތަކާ އެކު ފީފާ ވޯލްޑް ކަޕްގެ 22 ވަނަ މުބާރާތް މިރޭ ގަތަރުގައި ފަށައިފި އެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު ފެށީ މިރޭ 7:40 ގަ އެވެ. ރަސްމިއްޔާތު އޮތީ ދޯހާއާ ގާތްގަނޑަކަށް 35 ކިލޯމީޓަރު ދުރުގައި އޮންނަ އަލް ޚޯރުގައި ބިނާކޮށްފައިވާ އަލް ބައިތު ސްޓޭޑިއަމްގަ އެވެ. 60،000 މީހުންނަށް ވަދެވޭ މި ސްޓޭޑިއަމް ހުޅުވީ މިދިޔަ އަހަރު އެވެ.

ގަތަރު ވޯލްޑް ކަޕްގެ ރަސްމިއްޔާތު ހުޅުވީ ކީރިތި ގުރުއާނުގެ ބަރަކާތުންނެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ގުރުއާނުގެ ބަރަކާތުން މުބާރާތް ފެށި ފުރަތަމަ ފަހަރެވެ.

ކުލަގަދަކޮށް ފެނުނު ރަސްމިއްޔާތުގައި ގަތަރުގެ ސަގާފަތާއި ވޯލްޑް ކަޕްގެ ތާރީހު ރަމްޒުކޮށްދީފައިވެ އެވެ. ރަސްމިއްޔާތުގައި ދުނިޔޭގެ މަޝްހޫރު ތަރިން ކަމަށްވާ އެމެރިކާގެ އެކްޓަރު ފްރީމަން އާއި ދެކުނު ކޮރެއާގެ ޕޮޕް ސްޓާ ޔުން ކޫކް ސޭންގް ވަނީ ހަރަކާތްތައް ދައްކާލާފަ އެވެ. މީގެ އިތުރުން ގަތަރުގެ ޔޫޓިއުބާ ގާނިމް އަލް-މުފްތާހު އާއި ގަތަރުގެ ލަވަކިޔުންތެރިތާ ފަހަދު އަލް ކުބައިސީގެ ބައިވެރިވުން ފެނިގެންދިޔަ އެވެ.

30 މިނެޓަށް ދެމިގެން ދިޔަ ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމާއި ހިތްގައިމު ލައިޓިން އިން ސްޓޭޑިއަމް ވަނީ ފަޅުފިލުވައިދީފަ އެވެ.

ގަތަރުގައި ވޯލްޑް ކަޕް ބާއްވަން ފީފާ އިން ނިންމީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މިދިޔަ 12 ވަރަކަށް އަހަރު މުބާރާތަށް ތައްޔާރުވުމަށް ގަތަރުން ބޮޑު ހޭދައެއް ކުރި އެވެ. މިއީ މެދުއިރުމަތީގެ ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ގަތަރު ވެގެންދިޔައީ ވޯލްޑް ކަޕް މުބާރާތެއް ހޯސްޓްކުރި މުސްލިމް ފުރަތަމަ ގައުމަށެވެ.

މުބާރާތުގެ ކުރިން ގަތަރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ކޮރަޕްޝަންގެ އަމަލުތައް ހިންގުމާއި އިންސާނީ ވަސީލަތްތައް މަސައްކަތްތެރިންނަށް ހޯދައިނުދޭކަމަށް ބުނެ އެވެ. އަނެއްކޮޅުން ދީނީ ހަރުކަށި އުސޫލުތައް ދަމަހައްޓާތީ އެކަމަށް ވެސް ޔޫރަޕްގެ ގައުމުތަކުން އައީ ފާޑުކިޔަމުންނެވެ.

ގަތަރަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދިނީ މިރޭ އެގައުމުގެ ކުރިއަށް ގެންދިޔަ ފުރިހަމަ ރަސްމިއްޔާތުންނެވެ.