ކުޅިވަރު

ބޮޑު ހަރަދު ކުރި ގަތަރު ފުރަތަމަ މެޗުން ބަލިވެއްޖެ

ފީފާ ވޯލްޑް ކަޕް ބާއްވާން އެތައް ބިލިއަން ޑޮލަރެއް ހަރަދުކޮށް މުބާރާތަށް ތައްޔާރުވި ގަތަރު މުބާރާތުގެ ފުރަތަމަ މެޗުގައި އިކުއެޑޯ އަތުން 2-0 އިން މިރޭ ބަލިވެއްޖެ އެވެ.

މިރޭގެ މެޗަކީ ވޯލްޑް ކަޕްގެ ތާރީހުގައި ގަތަރު ކުޅުނު ފުރަތަމަ މެޗެވެ. އެގައުމަށް ވޯލްޑް ކަޕް ފުރުސަތު ލިބުނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުންނެވެ.

ގަތަރުގައި މުބާރާތް ބާއްވާކަން ފީފާ އިން އިއުލާންކުރީ 2010 ވަނަ އަހަރު އެވެ. ވޯލްޑް ކަޕަށް ތައްޔާރުވުމަށް ސްޓޭޑިއަމްތަކާއި އެހެނިހެން ވަސީލަތްތައް ތަރައްގީކުރުމަށް 220 ބިލިއަނެއްހާ ޑޮލަރު އެގައުމުން ހަރަދުކުރި އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރު ފުޓްބޯޅަ ޓީމު ވަނީ މިދިޔަ 10 ވަރަކަށް އަހަރު ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފަ އެވެ. ވޯލްޑް ކަޕަށް އެޓީމު ނުކުތީ އޭޝިއާގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. 2019 ވަނަ އަހަރު އޮތް އޭޝިއަން ކަޕް އެގައުމުން ކާމިޔާބުކުރީ ޖަޕާން ބަލިކޮށްގެންނެވެ.

60،000 މީހުންގެ އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އިކުއެޑޯގެ އެނާ ވެލެންސިއާ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު ވެލެންސިއާ ގޯލު ޖެހުމުގެ ކުރިން އިކުއެޑޯގެ އެހެން ކުޅުންތެރިޔަކު އޮފްސައިޑް ވުމުން އެ ގޯލު ވީއޭއާރުން ކެންސަލްކުރީ އެވެ.

ގޯލު ކެންސަލްކުރި ނަމަވެސް ފުރަތަމަ ހާފު އިކުއެޑޯ ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ. މި ދެ ގޯލު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ވެލެންސިއާ އެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ޖެހީ ޕެނަލްޓީއަކުންނެވެ. ދެވަނަ ލަނޑު އޭގެ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ފަހުން ޖެހީ ބޮލުންނެވެ.

ވެލެންސިއާ އަކީ އިކުއެޑޯގެ ފުޓްބޯޅަ ތާރީހުގައި ވޯލްޑް ކަޕްގެ އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. މިރޭ ޖެހި ދެ ގޯލާ އެކު ވޯލްޑް ކަޕް ތާރީހުގައި ވެލެންސިއާ ޖެހި ގޯލުގެ އަދަދު ވަނީ ފަހަކަށް އަރައިފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ގަތަރު ވަނީ ކުރިއަށް ޖެހިގެން ކުޅެފަ އެވެ. އެކަމަކު އެޓީމަށް ގޯލެއް ޖެހޭ ފެންވަރުގެ ހަމަލާއެއް އުފެއްދޭގޮތެއްނުވި އެވެ.

ފުރަތަމަ މެޗުން ބަލިވުމާ އެކު މުބާރާތުގެ އަނެއް ބުރަށް ދިއުމަށް ގަތަރަށް އޮތީ އުނދަގޫ ދަތުރެކެވެ. އެޓީމު ދެން ވާދަކުރަން ޖެހޭނީ މި ގްރޫޕުގައި ހިމެނޭ ނެދަލެންޑްސް އަދި ސެނެގޯލްއާ އެވެ. މި ގްރޫޕުގެ ދެވަނަ މެޗުގައި ނެދަލެންޑްސް އާއި ސެނެގޯލް ވާދަކުރާ މެޗު ކުޅޭނީ މާދަމާ ރޭ ނުވައެއް ޖަހާއިރު އެވެ.

އެ މެޗުގެ އިތުރުން މާދަމާ ގްރޫޕް ބީގެ ދެމެޗު ކުޅޭނެ އެވެ. ހަވީރު ހައެއް ޖަހާއިރު ފަށާ މެޗުގައި އިންގްލެންޑް ނުކުންނާނީ އީރާންއާ ދެކޮޅަށެވެ. މާދަމާ ރޭ 12 ޖަހާއިރު ކުޅޭ މެޗުގައި ވާދަކުރާނީ އެމެރިކާ އާއި ވޭލްސް އެވެ.