ވާހަކަ

އިޙްސާސްވޭ

( 17 ނޮވެމްބަރ 2022 އާ ގުޅޭ )

"އެގޮތް ކަމަކުނުދާނެ. ދޮންބެއެއްނޫން ދޯ ގޭތެރޭގައި އަބަދު އުޅޭ މީހަކީ. މިގޭ ތެރޭގައި ހިނގާ ކަންކަން ދޮންބެއަކަށް ނޭނގޭނެ. ގޮވާ ދޮންބެދައްތައަށް. ބުނޭ އަހަރެން ބުނިއްޔޭ. މިތާ އެންމެން ތިބެންޖެހޭނެ. އަންނާނަން މަންމައަށް ގޮވާފައި." މިހެންބުނެ ރަޒާ ހިނގައިގަތީ އިނާޔާގެ ކޮޓަރިއާ ދިމާއަށެވެ.

ޓަކި ޖަހާލުމަށްފަހު ދޮރު ހުޅުވާލުމުގެ ހުއްދައަށް ރަޒާ އެދުނެވެ. ކޮޓަރި ތެރެއިން ޖަވާބެއް ނުލިބުނަސް ގިނައިރެއްނުވެ ދޮރު ހުޅުވާލައިފިއެވެ. އިނާޔާއާއި ރަޒާ އެކަކުއަނެކަކަށް ބަލާލިއެވެ.

"އަދިވެސް ގެއަށް އަންނާކަށް ނުވޭތަ؟." އިނާޔާ ބުންޏެވެ.

"އިހަށް މަންމަ ނުކުމެލަންވީނު. އެންމެންނާ ވާހަކަދައްކާލަން އަހަރެން ބޭނުން." ރަޒާ ބުންޏެވެ.

"ކޮންވާހަކައެއް؟." އިނާޔާ ވަގުތުން ސުވާލުކުރިއެވެ. ނަމަވެސް ރަޒާ އެއްވެސް އެއްޗެއް ނުބުނެ އެނބުރި ސިޓިންރޫމަށް އައީއެވެ. އޭނާގެ ފަހަތުން އަންނަން އިނާޔާއަށް ޖެހުނީ އެހެންވެއެވެ.

ސިޓިންރޫމު ސޯފާތަކުގައި އެންމެން އިށީނދެ ހަމަޖެހިއްޖެއެވެ. ރަޒާ ވާހަކަދައްކަން ފެށުމުގެ ކުރީން މަމްދޫހު ކައިރީ އިން ލިޔުޝާއަށް ބަލާލިއެވެ. އުނގުގައި އޮތް ދެ އަތްތިލައިގެ އިނގިލިތައް މަހާލައި ޖޯޑުކޮށްލައިގެން އޭނާ އިނީ އިސްއޮބާލައިގެންނެވެ. ޖުނާއާއި އިނާޔާގެ މޫނުމަތިން ފެންނަނީ ކެތްތެރިކަން ކުޑަވެފައި ތިބިކަމެވެ. ރަޒާ ވާހަކަނުދައްކައިގެން ޖުނާ އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. އެގެއަށް ވަދެވިއްޖެއްޔާ އޭނާ އިންނާނީ ނުކުންނަން ލަސްވެފައެވެ.

"އަހަރެން މައިގެ މަންމަމެން ކައިރީ މަޑުކުރަން ނިންމައިފިން." ރަޒާ ފުރަތަމަ ހާމަކުރީ އޭނާގެ ނިންމުމެވެ. އެހިސާބުން ރަޒާއަށް ވާހަކަ ކުރިޔަށް ނުގެންދެވެނީސް އިނާޔާ ފަށައިގަތެވެ.

"ކޮބާ!... އޭރު ވެސް އަހަރެން ހިތަށް އެރި އެމީހުން މައިރާ ގެންގޮސް އެއުޅެނީ މިކަހަލަ އެއްޗެއް ހަދަންވެގެންނޭ." އިނާޔާ ހިތްހަމަނުޖެހުނެވެ.

"މަންމަ ހަޅޭނުލަވާ އަޑު އަހާބަލަ. އަހަރެން އެގޮތައް ނިންމީ ސަބަބަކާ ނުލައެއްނޫން. ތިއްތައާއި ރީން މަރުވެގެން ދިޔައީ އަހަރެންގެ ކުރިމަތީ. އަހަންނަށް ތަންދޮރު ނޭނގި ހުރީމަ އެމީހުންނަށް އެހީނުވެވުނީ. އެއް މަރަށް ސާޅީސް ނުވަނީސް އަނެއްމީހާ ބަލިކޮށްލާ. ކަންކަން މިވަނީ ކިހިނެއްކަން ރޯފިލީ އަހަރެންގެ އަނބިމީހާއަށް އެކަންތައްގަނޑު ޖެހުނީމަ. މިވީ ދުވަސްތަކުގައި އަހަރެން އުޅުނީ މައިގެ ފުރާނަ ސަލާމަތްކުރުމުގައި... މިގޭ ތެރޭގައި މީހަކު ސިހުރު ހަދަމުންދަނީ. ރުޤްޔާ ކުރަން ފެށީމަ އެނގުނީ މައިއަށް ހުރީ ސިހުރު ކާންދީފަކަން. ތިއްތައާއި ރީން މަރާލީ ވެސް ސިހުރުގެ ބާރުގަ. އެންމެ ފަހުވަގުތާ ހަމައަށް ތިއްތަ ކައިރީ ހުރީ އަހަރެން. ތިއްތަ ދެއްކި ވާހަކައާއި އުޅުނު ގޮތް ދުށީ އަހަރެން. ހުންގަދަވެގެން މޮޔަގޮވަނީއޭ އޭރު ހީކުރިޔަސް މިހާރު ތިއްތަ އޭރު އެކީ ހުރިހާ އެއްޗެއް އަހަންނަށް އެނގިއްޖެ." ރަޒާ ބުންޏެވެ.

"އެމީހުން ކައިރިއަށް ދާން ތިއަށްވުރެ ރަނގަޅު ބަހަނާއެއް ނުފެނުނީތަ ދައްކަން. މި ޢާއިލާ ބަދުނާމު ކުރާން ތީ ތަންފުކެއް ބޮޑުވަރު. މިގޭގަ އުޅެނީ ހުސް ސިހުރުވެރީންތަ." އިނާޔާ ކައިރިއަށް އައީ ރުޅިއެވެ.

"ކިހާ ދެރަކަމެއްތަ މަންމާ. ތިވަރުގަނޑު ނާރުވާ އެއްފަހަރު ވެސް ސިކުނޑިން ވިސްނާލަބަލަ. ރަޒާ އެބުނީ ކިހާ ބިރުވެރި ވާހަކައެއްތަ. އޭނާއަކީ ވާހަކަހަދާ މީހެއްނޫން. އެކަން މަންމައަށް ހަމަ ރަނގަޅަށް އެނގޭނެ. ރީންގެ ހަށިގަނޑު މަންމަ ދުށީންތަ؟. ކިހިނެއް ފެންނާނީ... މަންމަގެ ހިތްހަމަޖައްސަން ހުރީ ގޮސް އިންޑިއާގައި. އަހަރެމެން މީހަކަށް ގުޅޭނޭ ގޮތެއް ވެސް އަންގާލުމެއްނެތް. ރަޒާ ބުނިހެން ރީންގެ މަރަށް ސާޅީސްވީއިރު އިރޫ އޮތީ ހޮސްޕިޓަލުގައި. އޭނާ ވެސް ހަމަކުއްލިއަކަށް އެ ދިޔައީ. ދެން ދާނީ މަންމަ ނޫންކަމެއް އެނގޭތަ؟." އިނާޔާއަށްވުރެ ބާރަށް ޖުނާ ވާހަކަދެއްކިއެވެ. އޭނާގެ އެންމެ ފަހު ޖުމްލަ އިނާޔާއާ އާމާޒުކޮށްލީ ކަމުގައި ހުރި ބިރުވެރިކަން މަންމައަށް ވިސްނޭތޯއެވެ. ޔަގީނުން ވެސް ޖުނާއަށް އިނދެވުނީ ރަޒާގެ ވާހަކަ އިވި ޖެހިލުންވެފައެވެ.

"މައިގެ ބޭބީ އެބޯޓްވީ ވެސް އެހެންވެ. ތެދަށް ބުނަންޏާ އެ ސިހުރު ހެދިމީހާ ބޭނުންވީ ތިއްތައަށްފަހު އަހަރެންގެ ދުވަސް ދުއްވާލަން. އެކަމަކު އެ ސިހުރު ކެވުނީ މައިއަށް. ސިހުރު ހަދާފަ ހުރީ މަރާލަން. ތިއްތައާއި ރީން އަހަރެމެންނާ ވަކިވެގެން ދިޔަފަހުން މިގޭތެރޭގައި އުޅުނީ އެންމެ ހަތަރު މީހުން. އެހެންވެ އަހަންނާއި މައިއަށް އެހާ ރަނގަޅަށް އެނގުނީ ކާކުކަން އެކަން ކުރީ." ރަޒާ ބުންޏެވެ.

"އެކަމަކު ކާކު މިގެއިން އެކަހަލަ ނުބައިކަމެއް ކުރާނީ." މަމްދޫހު ވެސް އިނީ ހައިރާންވެފައެވެ. ޤަބޫލުކުރާން ފަސޭހައެއްނުވިއެވެ. ދުރުހިލޭބަޔަކު އުޅޭތަނެއްނޫންވީމައެވެ.

"އެއީ ކާކު... ބުނޭ ރަޒާ." ޖުނާ ބުންޏެވެ.

"މިތާ އެބައިން އޭނަ." ރަޒާގެ ނަޒަރު ދަތުރުކޮށްލީ ލިޔުޝާއަށެވެ. އެވަރުން ވެސް ލިޔުޝާ އިސްއުފުލާ ބަލާނުލިއެވެ. ރަޒާ ތުޙުމަތު އެ ކުރީ އޭނާއަށްކަން މިހާރު އެނގޭނެއެވެ. މަޑުމަޑުން ރަޒާއަށް ދެފަރާތައް ބޯހޫރާލެވުނެވެ. ލިޔުޝާ އެފަދަ ނުބައި ޢަމަލެއް ހިންގަފާނޭ އެކަކުވެސް ހީނުކުރާނޭކަން ރަޒާއަށް އެނގެއެވެ. ފުރަތަމަ އެކަން އެނގުމުން ޚުދު ރަޒާއަށް ވެސް ޤަބޫލުކުރާން ދަތިވީވަރު އޭނާ ހަނދާން އެބަހުއްޓެވެ. ބޭބެގެ އަނބިމީހާއަށް އަމިއްލަ މަންމައަށް ނުކުރާ ޤަދަރު ރަޒާ ކުރިއެވެ. ގޭތެރޭގައި މަންމަގެ ރޯލު އަދާކުރަމުން މިހާ ދުވަހު ގެންދިޔައީ ލިޔުޝާވީމައެވެ. މީހަކާ އިންނަންވަންދެން ރަޒާގެ އެއްޗެހި ދޮވެދީ، އިސްތިރިކޮށްދެއްމުން، ގޭގެ އެންމެން ކާނޭ އެއްޗެއްހި ތައްޔާރު ކުރަމުން ދިޔައީ ލިޔުޝާގެ ދެއަތުންނެވެ. އެކަމާ ރަޒާ އަބަދުވެސް ޝުކުރުވެރިވެއެވެ. ބޭބެ ނެތުމުން ދަތިވާނޭކަން އެނގޭތީވެ ލިޔުޝާއަށް އެހީތެރިވުމުގައި ރަޒާ ދުވަހަކުވެސް ފަސްޖެހިފައެއް ނެތެވެ.

"މަންމަ އަނެއްކާ މީހަކު ދިން އެއްޗެއް މިގެއަށް ގެނައީތަ؟." ޖުނާ ޝައްކު ކުރީ އިނާޔާއަށެވެ. ޖުނާ ދެކޭ ގޮތުގައި އަބަދުވެސް ވިސްނާނުލާ ކަންކަން ކުރާ މީހެއްކަމުގައި އިނާޔާ ވެއެވެ.

"ދޮންބެދައްތަ ކިޔާދޭންވީނު." ރަޒާ ބުންޏެވެ. އެއާއެކު ޖުނާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ ނަޒަރު ލިޔުޝާއަށް ހުއްޓުނެވެ.

"ލިޔުޝާއަށް ވެސް އެނގޭތަ." ޖުނާއަށް ވަގުތުން އަހާލެވުނެވެ.

"ތެދެއްތަ ލިޔު." މަމްދޫހު އިނީ ޝައްކުކުރަންވީ މީހަކު ނޭނގިފައެވެ. އެތަނުގައި ތިބީ ދުރުބައެއް ނޫނެވެ. އޭނާގެ އަނބިމީހާގެ އިތުރުން އޭނާއާ އެއްލޭ ހިނގާ މީހުންނެވެ. އެމީހުންނަށް ޝައްކު ކުރާންވެއްޖެއްޔާ ދެން އިތުބާރު ކުރާނީ ކާކަށް ހެއްޔެވެ.

ލިޔުޝާއަށް އިސްއުފުލާ އެންމެންނަށް ބަލާކަށް ނުކެރުނެވެ. ބަހެއްނުކިޔާ ހިމޭނުން އިނީއެވެ. އިނާޔާގެ މޫނުން ވެސް މިހާރު ފެންނަނީ ފިކުރުބޮޑުވެފައި އިންކަމުގެ އަސަރެވެ. އޭނާ ވެސް ވިސްނަނީ ކަހަލައެވެ.

"ދެން ކޮންމެވެސް އެކަކު ބުނަން ވެއްޖެއެއްނު." ކެތްތެރިކަން ކުޑަވެގެން ޖުނާ ބުންޏެވެ.

"ދޮންބެދައްތައަށް ވީގޮތް ކިޔާދީބަލަ. ކީއްވެތަ އަނގައިން ނުބުނެ ތިއިންނަނީ." ރަޒާގެ އަޑުގައި ހިސާބެއްގެ ހަރުކަށިކަން ވިއެވެ.

"ލިޔުޝާ ކީއްވެ ވާހަކަނުދައްކަނީ. ރަޒާ އެބުނީ ލިޔުޝާއަށް އެނގެޔޭ. އަހަރެމެންނަށް ކިޔާދީބަލަ." މަމްދޫހު މިހެން ބުނީ ކަންބޮޑުވެފައި އިނދެއެވެ. އަނބިމީހާ ދުވަހަކުވެސް ބަލިނުވާވަރަށް މިފަހަރު ބަލިވެއްޖެކަން ޚުދު އޭނާ ވެސް ޤަބޫލުކުރެއެވެ. ރަޒާގެ ވާހަކަ ހުރި ގޮތުން މިހާރު އޭނާއަށް ވެސް ހީވަނީ ލިޔުޝާއަށް ކުރިމަތި އެވީ ސިހުރުކަމެއް ހެންނެވެ.

"ލިޔުއަށް ވެސް ސިހުރުގެ އަސަރުތަ އެކުރީ." ހިތުގައިވީ ސުވާލު މަމްދޫހު ހާމަކޮށްލިއެވެ.

"އެވެސް ސިހުރުގެ އަސަރު ކުރާ ގޮތެއް. އަހަންނަށް އެނގޭ ދޮންބެދައްތަ އެއްޗެކޭ ނުބުނީ ކީއްވެކަން." ރަޒާ ވާހަކަފެށިއެވެ.

ލިޔުޝާއަށް އެތަނުގައި އިންނަން އުނދަގޫވެ ކޮޅަށް ތެދުވިއެވެ. އެއާއެކު ވަގުތުން ރަޒާ އަމުރުކުރީ އިށީނުމަށެވެ. މަމްދޫހު ވެސް ރަޒާގެ ރާގު ހުރި ގޮތުން ހައިރާންވިއެވެ. ކަންކަން ހިނގާ ދިޔަ ގޮތް ފެށިގެން ނިމެންދެން ކިޔާދެމުން ރަޒާ ދިޔައެވެ. މައިރާއާ ކައިވެނި ކުރިފަހުން އޭނާ މައިރާ ތައްޔާރު ކުރާ އެއްޗެއް ނޫނިއްޔާ ފޮނި އެއްޗަކަށް ނުކައެވެ. ކުއްލިއަކަށް ދޮންބެދައްތަ އެކިއެކި ފޮނިކާއެއްޗެހި ތައްޔާރުކޮށް މައިރާ މެދުވެރިކޮށް ރަޒާއަށް ކާންދޭން މަސައްކަތް ކުރީކަން ރަޒާ ހާމަކުރިއެވެ. ރަޒާ ނުކާނަމޭ ބުނުމުން އެ އެއްޗެހި ކެއި މީހަކީ މައިރާ ކަމެވެ. މައިރާއަށް ސިހުރު ޖެހެން މެދުވެރިވީ އެހެންވެކަމެވެ. އަދި އެކަން ކުރިޔަށް ދިޔައީ އިރުފާ ބަލިވިތަނާއެވެ. އެދުވަސްކޮޅު ރަޒާއާއި މައިރާ އުޅުނީ އިރުފާ ގޮވައިގެން ހޮސްޕިޓަލުގައި ކަމަށްވާތީ ލިޔުޝާ ތައްޔާރުކުރާ ތަށިތައް ކާނޭ ވަގުތު ނުވީއެވެ. އެ ނުކައިގެން ލިޔުޝާ އުޅުނީ އެހެންޏާ ނޫޅޭ ގޮތަކަށްކަން މައިރާއަށް ވެސް ފާހަގަ ކުރެވުނުކަން ރަޒާ ބުންޏެވެ. ޚާއްޞަކޮށް ރަޒާއަށް ދޭން ލިޔުޝާ ބުނާތީ މައިރާ ސުވާލު އުފެދުނީއެވެ.

"ރަޒާ... ލިޔު ކަމެއްކުރަންޏާ މިއަދުތަ ކުރަންވީ." މަމްދޫހަށް ކެތްނުވީއެވެ.

"ޤަބޫލުކުރަން ފަސޭހައެއްނުވާނޭ އަހަރެން ބުނީމެންނު. އަހަންނަށް ވަރިހަމަ... ޤަބޫލުކުރަން ބޭނުން މީހަކު ޤަބޫލުކުރަންވީ. އަހަންނާއި އަހަރެންގެ އަންހެނުން މިތާކު ނޫޅޭނަން." ރަޒާ ބުންޏެވެ.

"އޭ މީނދަ އަންހެނާ... ހުރި ނުބައިކަން ބަލާބަލަ." އިނާޔާ ހަޅޭލަވައިގަތެވެ.

"ލިޔުޝާ. ކީއްވެތަ އެއްޗެކޭ ނުބުނަން ތިއިނީ. ރަޒާ ދެއްކީ ތެދުވާހަކައެއްތަ؟." މަމްދޫހަށް އަދިވެސް ޤަބޫލުކުރަން ދަތިވަނީއެވެ. އޭނާއަށް ދުވަހަކުވެސް ލިޔުޝާގެ ފަރާތުން ނޭދެވޭ ސިފައެއް ފެނިފައެއް ނެތެވެ.

"ލިޔުޝާ ކީއްވެ ކުރިކަމެއް؟." ލިބުނު ސިހުމުގައި އެއްޗެއް ބުނަން ނޭނގި އިނދެފައި ޖުނާ ވާހަކަދެއްކިއެވެ. އޭނާއަށް ވެސް ލިޔުޝާ އެހާ ނުބައިމީހެއްގެ ގޮތުގައި ސިފައެއް ނުކުރެވެއެވެ. އެކަމަކު ރަޒާ މީހެއްގެ ބޮލުގައި އެވަރުގެ ނުބައި ތުހުމަތެއް ނާޅުވާނޭކަން ޖުނާއަށް ޔަގީންވެއެވެ. ރަޒާގެ އަމިއްލަ ޟަމީރު ވެސް އެފަދަ އޮޅުވާލުމަކަށް ތަނެއް ނުދޭނޭކަން ޖުނާއަށް އެނގެއެވެ.

ތަނަށް ހިމޭންކަން ވެރިވިއެވެ. ލިޔުޝާ ތެދުވިގޮތަށް ހަލުވިކޮށް ގޮސް ކޮޓަރިއަށް ވަނީއެވެ. ޢާއިލާގެ ދެންތިބި މެންބަރުން ބަހެއް ކިޔަން ނޭނގިފައި ތިއްބެވެ. ލިޔުޝާ އެކަން ކުރީ ކީއްވެކަން އެނގެން ޖުނާ ބޭނުންވެއެވެ. ނަމަވެސް ރަޒާއަށް މިހާރު އެ ސުވާލުގެ ޖަވާބު މުހިންމެއް ނޫނެވެ. އެ މުސީބާތުން ސަލާމަތްވެވުނީތީ އޭނާ ﷲއަށް ޝުކުރުވެރިވެއެވެ. އިނާޔާ ފުސްމޫނު ދައްކައިގެން އިނދެ ލިޔުޝާއާ ދިމާއަށް އެއްޗެހި ގޮވަން ފެށިއެވެ.

"މަންމާ. ހުއްޓާލާ..." މަމްދޫހު ބުންޏެވެ.

"އަހަރެންގެ ކޮޓަރި މިރޭ ހުސްކުރާނަން. ދެން އެނބުރި މިގެއަށް ވަންނާކަށް ބޭނުމެއްނޫން. މަންމަވެސް އެނބުރި ރަށަށް ދާންވީ. ކޮންމެ މަހަކު ވަކިވަރެއް މަންމަގެ އެކައުންޓަށް އަހަރެން ލައިދޭނަން. މާލޭގައި މަންމަ އެކަނި ހުންނާށޭ ކިޔާފަ ތަނެއް އަހަންނަކަށް ނުހިފޭނެ. ކުރީން ކުރަމުން ވަރަކަށް ޚަރަދެއް ނުކުރެވޭނެ. މި އެޕާޓްމެންޓު ނަގާފައި މިހުރީ އަހަރެންގެ ނަންމަތީގަ. މިތަނުގައި ދޮންބެމެން ތިބޭނަމަ އެގްރިމެންޓު ބަދަލުކުރާނަން އަދި އަންނަ މަހުން ފެށިގެން މިތަނަށް ކުއްލި ދައްކަންވާނީ މިތަނުގައި ތިބޭ ބަޔަކު. ރަށުގައި ހުރި ގެ އެހެރީ މި އެޕާޓްމެންޓެކޭ އެއްވަރަށް ބައްޕަ ހަދައިދީފަ. އެ ގޭގައި އުޅޭން ބައްޕައެއް ދެނެއް ނުދާނެ. އެހެންވީމަ މަންމައަށް އެނގޭގައި ނޫޅެވޭނޭ ސަބަބެއްނެތް. ބައްޕަ ބުނި އެ ގެއާ ޖެހިގެންނޭ ބޮޑުދައިތަމެންގެ ހުންނާނީ. އެހެންވީމަ އެކަންޏެއްވެސް ނުވާނެ. އެހެންނޫނަސް މަންމަ ކައިރީ ދަރީން ނެތަސް މަންމައަކަށް ދައްޗެއްނުވާނެކަން އެނގޭ." ރަޒާގެ އަޑުގައި އެއްވެސް އަސަރެއް ނެތެވެ.

"އަހަރެން އެކަނި ކިހިނެއް މިތަނަށް ކުއްލި ދައްކާނީ." މަމްދޫހު ބުންޏެވެ.

"ދޮންބެއަށް ފެންނަ ގޮތެއް ހަދަންވީ. އަހަރެން މިބުނީ އަހަންނަށް ދެން މިގޮތަށް އެންމެން އެކީގައި އުޅެވޭކަށް ނެތޭ. އެކީގައި އުޅޭން މަސައްކަތް ކުރަމުން މިހާ ދުވަހު މިއައީ. އެކަމަކު ދެން ނުވާނެ. އެހެންވީމަ ދޮންބެ ނިންމާގޮތެއް އަހަންނަށް އަންގާލާ." ރަޒާ ބުންޏެވެ.

"ބަލަ ކަލޭމެން ބޭނުންއެއްޗެއް ނުހެދޭނެ. މަމީ ކަލޭމެންގެ މަންމައޭ. މަ ބަލަން ޖެހޭނީ ކަލޭމެންނަށް. ރަށަކަށް ނުދާނަން. މާލޭން ތަނެއް ނަގާފަ އަހަރެން ބަހައްޓާ." އިނާޔާ ރުޅިގަދަވެގެން ދަތްކުނޑިވިކައިގަތެވެ. ދަރީންނަށް އޭނާ ބޭނުންވާ ގޮތް ހަދައިދޭން އަމުރުކުރީއެވެ.

"އަހަންނަކަށް ނުވާނެ. އަހަރެންނަށް މަންމަ ބެލޭނޭ ގޮތް މިބުނީ." ރަޒާ ވަގުތުން ބުންޏެވެ.

"އަހަރެން ވެސް މިއުޅެނީ ފިރިމީހާގެ ގޭގައި. އެމީހުންގެ ތެރެއަކަށް މަންމައެއް ނުގެންދެވޭނެ." ޖުނާ ބުންޏެވެ.

އިނާޔާއާއި ދަރީންގެ މެދުގައި ބަހުސް ކުރެވެމުން ދިޔައެވެ. ކޮޓަރިތެރޭ ހުރި ލިޔުޝާ ދެ ކޮޅަށް ހިނގާލަހިނގާލާ ހުއްޓެވެ. މަމްދޫހު އޭނާއާ ސުވާލުކުރާނޭކަން ލިޔުޝާއަށް އެނގެއެވެ. އަދި ޖަވާބު ނުލިބެނީސް މަމްދޫހު ހުއްޓައެއް ވެސް ނުލާނެއެވެ. އޭނާގެ އަނބިމީހާ ސިހުރު ހަދައިފިކަން އެނގުމުން އެކަމާ އަޅާނުލާ އެއްވެސް ފިރިއަކަށް ނުހުރެވޭނެއެވެ. ދެ އަތުން މޫނުގައި ފިރުމާލާފައި ހަށިފުރާ ފުން ނޭވާއެއް ލިޔުޝާ ދޫކޮށްލިއެވެ.

"އަހަރެންނު ރުޅި އަންނަންވީ. އަދި ބުނެފިއެއްނު ނުބައި އަންހެނާއޭ... އެހެން ބުނަން އޭނާ އެއީ ހުދު ފޮތިކޮޅެއްވިއްޔާ. އޭނާއަށް އެއްޗެއް ވިސްނުނީހީ ހުރިހާ ދަރީން ވަކިވެގެން ދިޔަނަމަ. އެ ޖުނާއެއް އޭނާ ނުބަލާނެ. ހުރިހާ ދަރީން ނެތިގެން ދިޔައީމަ ދެން ކަމެއްކޮށްދޭން ތިބޭނީ އަހަންނާއި މަމްދޫހު. ރަޒާގެ ދުވަސްދިޔަނަމަ އޭނާ އެ އުޅޭ މުއްސަނދި ދިރިއުޅުމުން އަތްދޮވެލަންޖެހޭނީ. އެންމެ ބޮޑު ނިކަމެތިކަމެއް ލިބޭނީ އޭރުން... އޭރުން ދެން އަހަރެން ދިނީމަ ކައިގެން، ބޮއެގެން، އުޅޭން ޖެހޭނީ... އެކަމަކު އެ ދައިތަގަނޑުގެ ނަސީބުވެސް ގަދައީ. ނޫން އޭނާއެއްނޫން... ރަޒާ މަރުނުވީމަ މައްސަލައަކީ. އަހަރެން ވެސް ތެޅިފޮޅިގަނެފަ މާ އަވަސް އަރުވާލެވުނީ... އިރުފާ ގޮތަށް ރަޒާ ވެސް އެކަނި ހުރިނަމަ މިކަން ނިންމާލެވުނީސް. ކީއްވެތަ ކުރީން އެހެން ހިތަށް ނޭރީ... ރަޒާއާއި މައިރާ ދުރުކޮށްފަ އެކަން ކުރިނަމަ ޔަގީން ކާމިޔާބުވީސް. އަހަންނަށް މިހާލު ނުޖެހުނީސް... ހަތް ދުވަހު ކުރަން އޮތްކަމެއް ފުރިހަމަ ނުކުރެވުނީމަޔާ އެކީ މިހެން މިވީ. އެކަމަކު މިހާ ވޭން އަޅާނޭ ހިތަކަށް ނާރާ. މި އެއްޗެހިތައް ގައިން ފިލާކަށް ވެސް ނޫޅޭ. އަހަރެންގެ ހުރިހާކަމެއް ފެނަށްވީ." ތިރީ ތުންފަތުގައި ދައިގަނެގެން ހުރެ ލިޔުޝާ ހިތާހިތުން ވާހަކަދެއްކިއެވެ. އޭނާގެ ހަޤީޤީ މަޤްޞަދަކީ އިނާޔާ ނިކަމެތިކޮށްލުމެވެ. އޭނާގެ މައްޗަށް ނުފޫޒު ފޯރުވުމެވެ.

* * * * *

ނިމްރާގެ ފޮޓޯގަނޑު ނަގާފައި އެމީހާ އެހެން ފޮޓޯގަނޑެއް މިއުވާނަށް ފެންނާނޭހެން މޭޒުމަތީ ބޭއްވިއެވެ. އަދި އެ ފޮޓޯގައިވާ އަންހެންކުއްޖާ އެނގޭތޯ ސުވާލުކުރިއެވެ.

"ސުދާ... އޭނާއާ ވެސް މިހާރު އެއްވެސް ގުޅުމެއްނެތް. ކަލޭމެންގެ ބޭނުމަކީ ކޮބާތަ؟." މިއުވާނު ނިކަން އަވަހަށް ވާހަކަދެއްކިއެވެ.

ކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވުނެވެ. އެތެރެއަށް ބޯދިއްކޮށްލި ފިރިހެން މީހާ ވެސް ހުރީ މިއުވާނުގެ ކުރިމަތީ ސުވާލު ކުރާން ހުރި މީހާއެކޭ އެއްގޮތަށް ހެދުން އަޅައިގެންނެވެ. އޭނާ ބޮލުން އިޝާރާތެއް ކޮށްލާފައި އަލުން ދޮރުލެއްޕީއެވެ. އެ ދެމީހުންގެ ދެމެދުގައި މުޢާމަލާތެއް ހިނގައިފިކަން މިއުވާނަށް އެނގުނެވެ.

"ހީ އިޒް ހިއާ." މިއުވާނުގެ ކުރިމަތީ ހުރި މީހާ މިހެން ބުނިއިރު އޭނާ އަޑުން ހީވަނީ ހިނިއައިސްފަ ހުރެ ބުނީހެންނެވެ.

އިތުރު ވާހަކައެއް ނުދައްކާ އޭނާ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނދެ އިނީއެވެ. އެ ބުނާ މީހަކު އަންނަންދެން އިންތިޒާރުގައި ކަހަލައެވެ. މިއުވާނު އަނެއްކާ ވެސް ސުވާލުކުރިއެވެ. އޭނާގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްތޯއެވެ. އޭނާގެ އަޑު އިވޭ ކަމަކަށް އެ މީހާ ނުހެދިއެވެ. އޭނާ ފައިލުގައި ހުރި އެއްޗެހި ބަލަނީއެވެ. ގިނައިރެއްނުވެ އަނެއްކާވެސް އެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. ވަދެގެން އައި އިސްކޮޅުން ދިގު ޒުވާނާ ފެނުމާއެކު މިއުވާނުގެ ނޭވާ ވެސް ހިނދުނު ފަދައެވެ. މުޅިހަށިގަނޑަށް ބިރުވެރިކަމުގެ ފިނިކަމެއް ފެތުރުނުކަމުގެ އިޙްސާސް ކުރެވުނެވެ. އޭނާއަށް އެމީހަކީ ކާކުކަން ވަކިކުރަން އެނގުނެވެ. އެހެން މީހުން ފަދައިން އޭނާ މޫނު ނިވައެއް ނުކުރެއެވެ. ނަމަވެސް ދެއަތްތިލައަށް ވަނީ ކަޅު އަންގިއެއް ލައްވާފައެވެ.

(ނުނިމޭ)