ވިޔަފާރި

އައްޑޫ ފެނުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް ނިމުމާ ގާތަށް

Jan 19, 2016
  • ފޭދޫގައި އަންނަ މަހުގެތެރޭ ހިދުމަތް ފަށާނެ
  • ހުޅުމީދޫގައި ގޭގެއަށް ފެން މީޓަރު ގުޅަނީ
  • މަރަދޫގެ 75 ޕަސެންޓް މަސައްކަތް ނިމިއްޖެ

އައްޑޫ ސިޓީ ފެނުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް ނިމި މި އަހަރުގެ އޮގަސްޓް މަހު ހިދުމަތް ފެށޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އައްޑޫ ސިޓީގެ ފެނުގެ ނިޒާމު ގާއިމް ކުރުމަށް ހިންގާ 30 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން ގިނަ ރަށްރަށުގެ މަސައްކަތް ނިމުމާ ކައިރިވެފައިވާ ކަމަށެވެ.

"ވަރަށް ގިނަ ރަށްރަށުގެ 98 ޕަސެންޓް ވަނީ ނިންމާލާފަ. މިހާރު މަސައްކަތް އެދަނީ ގޭގެއަށް މީޓަރު ގުޅުމުގެ މަސައްކަތްތައް،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިދުމަތް ނިމެމުންދާ ވަރަކަށް ރަށްރަށަށް ހިދުމަތް ފެށިގެންދާނެ ކަމަށެވެ.

"ފޭދޫއަށް ބަލާއިރު އަންދާޒާ ކުރެވެނީ ފެބްރުއަރީ މަސް ނިމޭއިރު ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް. ހުޅުދޫގައި 100 ޕަސެންޓް މަސައްކަތް ނިންމާލެވިފައި. މިހާރު ދަނީ ކޮމިޝަން ކުރުމުގެ މަސައްކަތްތައް. ހުޅުދޫގައި ވެސް ފެބްރުއަރީ މަހު މަސައްކަތް ފެށޭނެ. މަރަދޫ- ފޭދޫގައި 72 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި. އަޅުގަނޑުމެން އަންދާޒާ ކުރަނީ މާޗް ނޫނީ އެފްރީލް މަސް ނިމޭ ހިސާބު ހިދުމަތް ދެވޭނެ ކަމަށް،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅު-މީދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

"އަންދާޒާ ކުރަނީ އޮގަސްޓް މަސް ނިމޭއިރު އެ ރަށު [ހުޅުމީދޫ] ގެ މަސައްކަތް ނިންމާލަން. އެހެންވެ މުޅި ޖުމްލަކޮށް ބަލާނަމަ ބުނެވޭނީ އޮގަސްޓް މަސް ނިމޭއިރު އެއްކޮށް މަސައްކަތް ނިމޭނެ. އެހެންވެ އިރާދަކުރެއްވިއްޔާ ބުނެވޭނީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުގައި ހިމެނޭ ސާފު ބޯފެން އެންމެނަށް މި ވައުދު އައްޑޫގެ ރައްޔިތުންނަށް އޮގަސްޓް މަސް ނިމޭއިރު ފުދިގެންދާނެ އޭ،" ނިމާލް ވިދާޅުވި އެވެ.