ގަތަރުގައި ރޭ ފެށި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އިކުއެޑޯ އިން ވަނީ 2-0 އިން ގަތަރު ބަލިކޮށްފަ އެވެ. ދެވަނަ މެޗުގައި އިންގްލެންޑް މިއަދު އިރުއޮއްސި ހައެއް ޖަހާއިރު ނުކުންނަނީ އީރާންއާ ދެކޮޅަށެވެ. ގްރޫޕް ބީގައި ދެން ހިމެނެނީ ވޭލްސް އާއި އެމެރިކާ އެވެ.
އިންގްލެންޑަކީ އެންމެ ފަހުން ކުޅުނު ބައިނަލްއަގްވާމީ ބޮޑު ދެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި ޔޫރަޕްގެ ހަމައެކަނި ގައުމެވެ. އެކަމަކު ތަށީގައި އެޓީމަށް އަތްލެވޭގޮތެއްނުވި އެވެ. 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ބަލިވީ ކްރޮއޭޝިއާ އަތުންނެވެ. މިދިޔަ އަހަރު ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ވަނީ ބަލިވެފަ އެވެ.
"މި ޓީމުގެ ޗެލެންޖަކީ ސަޕޯޓަރުން ހަނދާނުން ފޮހެނުލެވޭނެ ވަރުގެ މުބާރާތަކަށް ގަތަރު ވޯލްޑް ކަޕް ހެދުން. މިއީ އިންގްލެންޑަށް އުނދަގޫ ދުވަސްވަރެއް. އިގްތިސާދީ ގޮތުން އުނދަގޫ ހާލަތެއްގައި އޮތްއިރު އެތައް ބަޔަކަށް ދިރިއުޅުމުގައި ގޮންޖެހުންތަކެއް އެބަހުރި" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސައުތުގޭޓް ބުންޏެވެ.
އިންގްލެންޑަށް ވޯލްޑް ކަޕް ކާމިޔާބު ނުކުރެވޭތާ 56 އަހަރު ވަނީ ވެފަ އެވެ. އެގައުމަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވުނީ އަމިއްލަ ގައުމުގައި 1966 އަހަރު އެވެ. އޭގެފަހުން ސެމީ ފައިނަލާ ހަމައަށް ދެވުނީ އެންމެ ފަހުގެ މުބާރާތުގަ އެވެ. ބޮޑެތި މުބާރާތްތަކުގައި ކާމިޔާބީ ނުލިބޭތީ އިންގްލެންޑަށް އަބަދުވެސް ފާޑުކިޔުން އަމާޒުވެ އެވެ.
"އަހަރެމެން ބޭނުންވަނީ މި މުބާރާތުން އިންގްލެންޑް ސަޕޯޓަރުންނަށް ހަގީގީ އުފާވެރިކަން ހޯދައިދޭން" ޓީމަށް އޮތް އިތުބާރު ހާމަކުރަމުން ސައުތުގޭޓް ބުންޏެވެ.
މިއަދުގެ މެޗަށް ނުކުންނައިރު އިންގްލެންޑުގެ ޖޭމްސް މެޑިސަން އާއި ކައިލް ވޯކާ ހުރީ އަނިޔަގަ އެވެ. މެޑިސަން އަށް އަނިޔާވީ އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނު މެޗުގަ އެވެ. އަނިޔާ އިން ރަނގަޅުވާން ވޯކާ ފަރުވާ ކުރަމުން އަންނަތާ މަހެއްހާ ދުވަސް ވަނީ ވެފަ އެވެ.
އީރާންގެ ކޯޗު ކާލޮސް ކުއެރޯޒް ބުނީ އިންގްލެންޑުގައި ހުނަރު އެބައޮތް ކަމަށާއި، މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި އިންގްލެންޑް ހިމެނޭ ކަމަށެވެ.
"އިންގްލެންޑަކީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ގައުމު. ފައިނަލަށް ދިއުމުގެ ފުރުސަތު އެޓީމަށް އެބައޮތް. ދުނިޔޭގެ ޗެމްޕިއަން ވެސް އެޓީމަށް ނުހޯދެންވީ ކީއްވެ؟. އެންމެ ފަހުގެ ޔޫރޯ އާއި ވޯލްޑް ކަޕް އެޓީމު ނިންމާލީ ވަރުގަދަކޮށް" ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަން ދަ ފަހަރެއްގައި ކުރި ކޯޗު ބުންޏެވެ.