އޭސީސީ

ކޮރަޕްޝަން ހުއްޓުވުމުގެ ގައުމީ ޕްލޭން ރައީސް އޮފީހާ ހިއްސާކޮށްފި

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާ ކުރަން އޭސީސީން ތައްޔާރުކުރާ ނެޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައުލޫމާތު އޭސީސީން ރައީސް އޮފީހާ ހިއްސާ ކޮށްފި އެވެ.

އޭސީސީން ބުނީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލާވާލާ ގައުމީ ޕްލޭން ޑްރާފްޓްކޮށް ނިމިފައިވާ ކަމަށާއި، ފައިނަލް ޕްލޭން އެކުލަވާލުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކާ އެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އޭގެ ބޭނުމަކީ މުއައްސަސާތަކުން އެ ޕްލޭނަށް އަހުލުވެރިކުރުވައި ޕްލޭން ތަންފީޒުކުރުމަށް މުއައްސަސާތަކުގެ ޒިންމާ އޮޅުންފިލުވައިދިނުން ކަމަށެވެ.

އޭސީސީން ބުނީ ރައީސް އޮފީހާއެކު ބޭއްވި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަގުސަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ހަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ހާއްސަ ވަގުތުކޮޅެއް ހިމަނާލެވުނު ކަމަށެވެ. އަދި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ނެޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމަށް މަސައްކަތް ފެށުމާ ގުޅިގެން އޭސީސީން މިހާތަނަށް ވަނީ ސަރުކާރުގެ 34 މުއައްސަސާއަކާ ބައްދަލުކޮށްފަ އެވެ.