މެންބަރު ހުސައިން މުހައްމަދު ލަތީފް

އުދަނގޫ ހާލަތުގައި 4 ބިލިއަން ސަލާމަތް ކުރުމަކީ ކާމިޔާބެއް: ނައިބް ރައީސް

ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެން ހަތަރު ބިލިއަން ރުފިޔާ ސަލާމަތް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަތިއުދަނގޫ ހާލަތެއްގައި ހޯދި ބޮޑު ކާމިޔާބެއް ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ހުސައިން މިހެން ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށާއި އެކޮމިޝަންގެ "ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް" ރަސްމީކޮށް އިފުތިތާހް ކުރުމުގެ ގޮތުން ރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހިދުމަތް ކުރާތާ 30 އަހަރު ވެފައިވާ ދެ މުވައްޒަފަކަށް އެކޮމިޝަނުގެ ފަރާތުން ދެއްވި "ސާވިސް އެވޯޑް" އެ ދެބޭފުޅުންނާ ހަވާލުވެސް ކުރައްވާފަ އެވެ.

ނައިބް ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްގީ ހުއްޓި، ފުދުންތެރިކަން ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައިވާ ކަމަށެވެ.

ނައިބް ރައީސް ވިދާޅުވީ ރައީސް މުއިއްޒު، މަގާމުގެ ހުވައިކުރައްވައި ދެއްވި ފުރަތަމަ ރިޔާސީ ތަގުރީރުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު އެއް ޔަގީން ކަމަކީ އެ ދުވަހުން ފެށިގެން ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ކަމަށެވެ.

"މިއީ ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރެއްވުމަށް އެމަނިކުފާނު އެޅުއްވި މުހިއްމު ފިޔަވަޅެއް،" ނައިބް ރައީސް ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ގައުމެއްގެ ކުރިއެރުމާއި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަން ވަރަށް މުހިއްމު ކަމަށެވެ. އެހެންވެ ނައިބް ރައީސް ވަނީ ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތައް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިސްކަންދޭ ފަދައިން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރުމަށްވެސް އެދިވަޑައިގެންފަ އެވެ.

"ވަކިން ހާއްސަކޮށް ސްކޫލު ކުދިންނަށް އަމާޒުކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށް އިސްކަން ދޭން އެބަޖެހޭ،" ނައިބް ރައީސް ވިދާޅުވި އެވެ.